އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާއި ގުޅިގެން ވިލިމާލޭ ދާއިރާގެ ކުރީގެ މެންބަރު، އަދި ޕީޕީއެމްގެ ޕީޖީ ގުރޫޕުގެ ކުރީގެ ލީޑަރު، އަހުމަދު ނިހާން ހުސެއިން މަނިކުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް މާދަމާއަށް ތާވަލްކޮށްފިއެވެ.

އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅިގެން ނިހާނަށް ކުރާ 5 ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފައި ވަނީ މާދަމާ ހެނދުނު 9:00 އަށެވެ.

ނިހާނުގެ މައްޗަށް އެމްއެމްޕީއާރުސީ މައްސަލައިގައި ރިޝްވަތަށް އެދުމުގެ ދެ ދައުވާއަކާއި، ރިޝްވަތު ހިފުމުގެ ތިން ދައުވާއެއްގެ އިތުރުން މަނީ ލޯންޑާ ކުރި ކަމުގެ ދައުވާއެއް ހިމެނޭހެން ޖުމުލަ ހަ ދައުވާއެއް ކުރިއެވެ. އެ ހަ ދައުވާގެ ތެރެއިން ރިޝްވަތުގެ ހިފުމުގެ ކުށުގެ އެއް ދައުވާ ދައުލަތުން ވަނީ އަނބުރާ ގެންގޮސްފައެވެ.

އޭނާ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުންނެވި ދުވަސްވަރު، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ރިޝްވަތުގެ ގޮތުގައި ފައިސާ ހޯއްދަވާ ލޯންޑާ ކުރެއްވި ކަމުގެ ތުހުމަތު އެބައޮތެވެ.

ޕްރޮސެކިއުތާ ޖެނެރަލް ތުހުމަތު ކުރާ ގޮތުގައި، ނިޙާން ވަނީ އެ ފައިސާ އާއި އެހެން ފައިސާ އެއްކުރުމަށް ފަހު ޕްލެޓިނަމް ރެޒިޑެންސުން އެޕާޓްމެންޓެއްވެސް ބައްލަވައިގެންފައެވެ. މި މައްސަލައިގައި ނިހާންގެ އެޕާޓްމަންޓަކާއި ރޮލެކްސް ގަޑިއެއް ދައުލަތަށް ނަގައިދިނުމަށް ވަނީ އެދިފައެވެ.

އެ ގަޑިއަކީ ރިޝްވަތުގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، ރާއްޖޭގެ ވިޔަފާރިވެރިއެއް ކަމުގައިވާ މަރުހޫމް މުހައްމަދު މަނިކު (އެއްލައިދޫ މަނިކު) މެދުވެރިކޮށް ދިން ގަޑިއެއް ކަމަށް ދައުލަތުން ވަނީ މީގެ ކުރިން ބުނެފައެވެ.

ނިހާންގެ މައްޗަށް މި ދައުވާތައް ސާބިތުވެއްޖެ 36 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.