ރާއްޖޭގެ ސިއްހީ މަރުކަޒު ހިންގާ 11 ރަށެއްގައި އެސްޓީއޯގެ ފާމަސީއެއް އަޅަން ބިން ކަނޑައަޅައި މިއަދު ހެލްތް މިނިސްޓްރީއާ އެކު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއި ކުރުމަށް ބެއްވި ހާއްސަ ރަސްމިއްޔާތުގައި އެއްބަސް ވުމުގައި އެސްތީއޯގެ ފަރާތުން ސޮއި ކުރެއްވީ، ބިޒްނެސް ރިސާޗް އެންޑް ޕްރޮޕަޓީ މެނޭޖްމެންޓްގެ ޖެނެރަލް މެނޭޖަރު މުހައްމަދު އިހްސާން ވަހީދެވެ. އަދި ހެލްތް މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ސީނިއާ އެކްޒެކެޓިވް ޑިރެކްޓަރު އަބްދުލް ހަންނާނު ހުސައިނެވެ.

11 ރަށެއްގައި އެސްޓީއޯގެ ފާމަސީ އެޅުމުގެ މަސައްކަތަކީ މި އަހަރުގެ ބަޖެޓް ކުރެވިގެން، ޖާގައިގެ ދަތިކަން ހުރި 25 ރަށެއްގެ ހެލްތް ސެންޓަރު އިމާރާތުގެ އެތެރޭގައި ހުރި ފާމަސީތައް ގޯތިތެރެއަށް ބަދަލުކުރުމުގެ ޕްރޮޖެކްޓްގެ ދަށޫން ހިންގާ މަސައްކަތެކެވެ. އެ ގޮތުން މިހާތަނަށް 3 ރަށެއްގެ ފާމަސީ އިމާރާތް ނިމި އޮޕަރޭޝަން ފަށާފައިވާ ކަމަށް އެސްޓީއޯ އިން ބުނެއެވެ. އަދި 2 ރަށެއްގެ މަސައްކަތް ކުރަމުންދާ އިރު، 11 ރަށުގެ ބިން ކަނޑައަޅައި މިނިސްޓްރީއާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައި ކަމަށް އެ ކުންފުނިން ބުނެއެވެ.

އެގޮތުން ހެލްތް ސެންޓަރު އިމާރާތުގެ އެތެރޭގައި ހުރި ފާމަސީތަކުގެ ބަދަލުގައި ހެލްތް ސެންޓަރުގެ ގޯތިތެރެއިން އެސްޓީއޯ ފާމަސީ ހެދުމަށް ބިންކަނޑައެޅާފައިވާ 11 ރަށަކީ:

  • ހއ. ތަކަންދޫ
  • ހއ. ތުރާކުނު
  • ބ. ދޮންފަނު
  • އދ. ދިގުރައް
  • މ. ކޮޅުފުށި
  • މ. މަޑުއްވަރި
  • މ. ރަތްމަންދޫ
  • ތ. އޮމަދޫ
  • ނ. ލަންދޫ
  • ގއ. ކަނޑުހުޅުދޫ
  • ގއ. ކޮލަމާފުށި

ބިން ކަނޑައަލާއި އެ ރަށްރަށުގައި އެސްޓީއޯ ފާމަސީ އެޅުމަށް އެއްބސްވެފައި ވަނީ ކުރިއަށް އޮތް 4 މަސްދުވަހުގެ މުއްދަތުގައެވެ. މި ޕްރޮޖެކްޓްގެ ސަބަބުން ފާމަސީތަކުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބި، ރައްޔިތުންނަށް ފަސޭހަކަމާއެކު ބޭސްފިހާރައިގެ ހިދުމަތް ހޯދުމުގެ މަގު ތަނަވަސްވެގެން ދާނެއެވެ. މީގެ އިތުރުން، ފާމަސީތައް އެޅުމުގެ މަސައްކަތަށް ކޮންޓެރެކްޓަރުން ހޯދުމުގައި އެރަށަކަށް އިސްކަން ދިނުމާއި އެކަމުން އެ ރަށްރަށަށް ފައިދާތައް ވެގެންދާނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.

މިހާރު 11 ރަށެއްގައި ފާމަސީ އަޅަން ނިންމާފައިވާ އިރު ކުރިއަށް އޮތްތަނުގައި 9 ރަށެއްގައި މި މަސައްކަތް ކުރުމަށް ވަނީ ރޭވިފައި ކަމަށް އެސްޓީއޯ އިން ބުނެއެވެ.