މިއަހަރުގެ ހޮޓެލް އޭޝިއާ އެގްޒިބިޝަންގައި ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބައިވެރިވާން ނިންމައިފިއެވެ.
މި އެގްޒެބިޝަން އޮންނާނީ މާދަމާއިން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސިންތެޓިކް ޓްރެކުގައެވެ. މި ފަހަރުގެ އެގްޒިބިޝަންގައި އެސްޓީއޯގެ ސްޓޯލް ހާއްސަކޮށްފައިވަނީ އެ ކުންފުނީގެ ޖެނެރަލް ޓްރޭޑިންގް، އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯ އެނާޖީއަށެވެ.
އެސްޓީއޯއިން ބުނި ގޮތުގައި ސްޓޯލްގައި އެސްޓީއޯ ސުޕާމާކެޓުން ލިބެން ހުންނަ ބައެއް އުފެއްދުންތައް ބޭނުންކޮށްގެން ލުއި ކާނާ ވަގުތުން ތައްޔާރުކުރާ ސްޓޭޝަނެއް ހުންނާނެއެވެ.
އަދި އެގްޒިބިޝަން ކުރިއަށްދާ ތިން ދުވަހުވެސް ކޮފީސްޓޭޓްގެ ވަކި ބުއިންތަކެއް ހިލޭ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، އެސްޓީއޯއިން އެތެރެކުރާ ބައެއް ޕްރޮޑަކްޓްތަކުގެ މައުލޫމާތުވެސް މި ސްޓޯލުން ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. މީގެ އިތުރުން، އެގްޒިބިޝަންގެ ދެވަނަ ދުވަހު އާ ބްރޭންޑެއް ތައާރަފްކުރުމަށް ހަމަޖެހިފައިވާއިރު، މި ޕްރޮޑަކްޓް ބޭނުންކޮށްގެން ތައްޔާރުކުރާ އައިސްކްރީމާއި ފޮނިކާތަކެތީގެ ރަހަ ބެލުމުގެ ފުރުސަތުވެސް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބިގެންދާނެ ކަމަށް ވެއެވެ.
މި އެގްޒިބިޝަންގެ ތެރެއިން އެސްޓީއޯ އެނާޖީގެ ފަރާތުން ރިޒޯޓު ކަސްޓަމަރުންނަށް ހާއްސަކޮށް، ތެޔޮ އުފުލައިދިނުމުގައި ފޯރުކޮށްދޭ ހިދުމަތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ މާކެޓުގައި ކަސްޓަމަރުންގެ ޑިމާންޑް ހުރި މިންވަރު ބެލުމަށްވެސް ވަނީ ނިންމާފައެވެ.
މީގެ އިތުރުންވެސް އެސްޓީއޯ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ޕްރޮމޯޝަނަލް ހަރަކާތްތަކެއްވެސް ވަނީ ރާވާފައެވެ. އެގޮތުން ސްޓޯލުގައި ރަޖިސްޓްރީވާ ފަރާތްތަކުގެ މެދުގައި 'ރެޖިސްޓާ އެންޑް ވިން' ގެ ނަމުގައި ހަރަކާތެއް ކުރިއަށްދާއިރު، ކޮންމެ ދުވަހަކުވެސް ގުރުއަތުން ހޮވޭ ނަސީބުވެރި އެއް ފަރާތަކަށް އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. ހަމަ އެހެންމެ އެސްޓީއޯ ޕީޕަލްސް ޗޮއިސް ޕޭޖް ފޮލޯކޮށްގެން ކުރިއަށްގެންދާ 'ފޮލޯ އެންޑް ވިން' ހަރަކާތުގެ ތެރެއިން ނަސީބުވެރި ފަރާތަކަށް ޑިޝްވޮޝަރ އެއް ލިބުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.
