ރާއްޖޭގެ ދެކުނުގައި މަސައްކަތްކުރާ ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ގެ މުވައްޒަފުންނަށް ހާއްސަކޮށްގެން އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ "އެސްޓީއޯ ދެކުނު ފޯރި" މިއަހަރުވެސް ވަރަށް ކުލަގަދަކޮށް ބާއްވައިފިއެވެ.
އައްޑޫ ސިޓީގެ ހިތަދޫގައި 6 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި އިވެންޓަކީ އެސްޓީއޯގެ ރެކްރިއޭޝަން ކްލަބް (ސްޓޯކް) ގެ އިސްނެގުމުގެ މަތިން ބޭއްވި ހަރަކާތެކެވެ. މި ހަރަކާތް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ އެކި ސަރަޙައްދުތަކުގައި މަސައްކަތްކުރާ މުވައްޒަފުން އެއްތަނަކުން ބައްދަލުވެ، އެކުވެރިކަމާއި ގުޅުން ބަދަހިކޮށް، އެއް ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ރޫޙު އާލާކުރުމާއި، ތަފާތު ތަމްރީނުތަކުގެ ޒަރީއާއިން މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުންކަމަށް އެސްޓީއޯއިން ބުނެއެވެ.
މިއަހަރުގެ "ދެކުނު ފޯރި" ގައި ބައިވެރިވެފައިވަނީ އެސްޓީއޯގެ ލ. ފޮނަދޫ، ފުވައްމުލައް ސިޓީ، ގދ. ތިނަދޫ ސިޓީ، ސ. ހުޅުމީދޫ އަދި އައްޑޫ ސިޓީގެ އެހެނިހެން ދާއިރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނެވެ.
މި އިވެންޓުގެ ތެރެއިން މުވައްޒަފުން ފަސް ޓީމަކަށް ބަހާލައިގެން ކުޅިވަރުގެ ތަފާތު މުބާރާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ވޮލީބޯޅަ، ޗެސް، ބެޑްމިންޓަން، ޓީޓީ އަދި ކެރަމް މުބާރާތްތައް ބާއްވައި، ޕޮއިންޓް އުސޫލުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ޓީމު ވަނީ ހޮވާފައެވެ.
ކުޅިވަރު ހަރަކާތްތަކުގެ އިތުރުން މުވައްޒަފުންގެ ހުނަރު އިތުރުކުރުމަށް މުހިންމު ތަމްރީނު ޕްރޮގްރާމްތަކެއްވެސް ވަނީ ހިންގާފައެވެ. އޭގެ ތެރޭގައި:
- ފަސްޓް އެއިޑް ޓްރެއިނިން
- ފަޔާ އެވެއާނަސް ޓްރެއިނިން
- ފޯނުން މުއާމަލާތުކުރުމުގައި ގެންގުޅެންޖެހޭ ރިވެތި އުސޫލުތައް
- ޓީމް ބިލްޑިން ހަރަކާތްތައް
- މަސައްކަތުގެ މާހައުލުގައި ޖިންސީ ފުރައްސާރައިން ރައްކާތެރިވުމާ ބެހޭ ތަމްރީނު
މި ހަރަކާތްތައް ނިންމުމުގެ ގޮތުން ހާއްސަ ޑިނާ ނައިޓެއް ބާއްވާފައިވާއިރު، މި ހަފްލާގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރާއި ކުންފުނީގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މި ހަފްލާގައި، ދެކުނު ފޯރީގެ އެކި މުބާރާތްތަކުން ވަނަތައް ހޯދި ޓީމުތަކަށާއި މުވައްޒަފުންނަށް ވަނީ އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ.
