މާލޭގެ އުތުރު ފަރާތު ބަނދަރުގައި ފިންގާ ޖެޓީ ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.

މިއީ ޖުމްލަ 18.98 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން، 25 މީޓަރު ދިގު، 6 މީޓަރު ފުޅާ 3 ޖެޓީގެ އިތުރުން 15 މީޓަރު ދިގު، 6 މީޓަރު ފުޅާ 3 ޖެޓީ ހެދުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޓީސީސީން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތް ނިމުމާއެކު، ބަނދަރު ބޭނުންކުރާ އާންމު ރައްޔިތުންނަށާއި ދަތުރުވެރިންނަށް ވަރަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. އެގޮތުން، ބަނދަރު މަތީގެ ތޮއްޖެހުން ކުޑަވެ، ބޭރުގައި އޮންނަ ލޯންޗަކަށް އެރުމަށްޓަކައި އެއް ލޯންޗުން އަނެއް ލޯންޗަށް ހުރަސްކޮށް އަރަންޖެހޭ ތަކުލީފާއި އުނދަގޫތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.

މިއީ ހާއްސަކޮށް ކުޑަކުދިންނާއި، އިސްރަށްވެހިންގެ އިތުރުން މުދަލާއި ލަގެޖް ހިފައިގެން ދަތުރުކުރާ ފަރާތްތަކަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެއެވެ.

މަލޭ އުތުރު ފަރާތުގައި ތަރައްގީ ކުރާ ފިންގާ ޖެޓީތައް

މީގެ އިތުރުން، މި ފިންގާ ޖެޓީތައް ހެދުމުން ބަނދަރު ބޭނުންކުރާ ފަރާތްތަކަށް އިތުރު ޖާގަ ތަނަވަސްވެ، އެއްފަހަރާ ގިނަ އަދަދެއްގެ އުޅަނދުތަކަށް ޖެޓީއާ ކައިރިކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ދަތުރުތައް އަވަސްވެ، އުޅަނދުފަހަރަށް އަރައިފައިބާ ދަތުރުވެރިންގެ ރައްކާތެރިކަންވެސް އިތުރަށް ކަށަވަރުވެގެންދާނެ ކަމަށް އެމްޓީސީސީން ފާހަގަކުރެއެވެ.

އެމްޓީސީސީން ވޭތުވެދިޔަ 45 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ އަދި އިޖުތިމާއީ ތަރައްގީގެ ގިނަގުނަ މަޝްރޫއުތަކެއް ވަނީ ކާމިޔާބުކަމާއެކު ނިންމައި، ޤައުމު ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.