ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިނގާ ޝަރީއަތުގައި އެމަނިކުފާނުގެ ފަރާތްޕުޅުން ހެކި އުފައްދަން މަސައްކަތް ކުރާ ކަމަށް ޝައްކުކުރުމުގެ ޖާގަ އެބައޮތް ކަަމަށް ތިމަރަފުށީ ދާއިރާގެ އެމްއެންޕީގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

ރިޔާޒް މިހެން ވިދާޅުވީ، ކްރިމިނަލް ކޯޓުގައި ބަލަމުންދާ ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މައްސަލައިގައި ރައީސް ޔާމީނަށް ޔޫސުފް ނައީމް އެއް މިލިއަން ޑޮލަރު ދިން ކަމަށް ބުނެ ދައުލަތުން ކުރާ ދައުވާ އާއި އެ ފައިސާ ލޯންޑާކުރި ކަމުގެ ދައުވާއާ ގުޅިގެން ޔާމީންގެ ފަރާތުން އެ މުއާމަލާތަކީ ސައްހަ މުއާމަލާތެއްކަން ސާބިތުކޮށްދިނުމަށް ހެކި ހުށަހަހަޅަމުން އަންނާތީއެވެ. ރިޔާޒް ވިދާޅުވީ ހެކި އުފެއްދުމުގެ މަސައްކަތްކުރާ ކަމަށް ޝައްކުކުރުމުގެ ޖާގަ އެބައޮތް ކަމަށެވެ. އަދި އެއް މިލިއަން ޑޮލަރުގެ މުއާމަލާތަކީ ސައްހަ މުއާމަލާތެއް ކަމަށް ވިދާޅުވާ އިރު، ތުހުމަތު ކުރެވޭ ހުރިހާ އެންމެން ތަހުގީގުގައި ހަނު ތިބީ ކީއްވެތޯ އޭނާ އެއްސެވިއެވެ.

ޔާމީންގެ ދިފާއުން ބުނެފައި ވަނީ އެ ފައިސާއަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށެވެ. އެކަން ސާބިތުކުރަން ޔާމީންގެ ފަރާތުން ދިފާއުގައި މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް އާއި އަބްދުﷲ ރަޝީދު ކިޔާ މީހަކު ވަނީ ހެކިބަސް ދީފައެވެ. އަދި ޔާމީން ޑޮލަރު ބައްލަވައިގަންނަން ޔޫސުފް ނައީމާ މުއާމަލާތްކުރެއްވި ކަން ސާބިތުކޮށްދޭން ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް އާއި ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ޝާހިދު ވެސް ވަނީ ހެކިބަސް ދީފައެވެ.

ޝަރީއަތުގައި ޔޫސުފް ނައީމް ވިދާޅުވެފައި ވަނީ ޔާމީނަށް އެއް މިލިއަން ޑޮލަރު ވިއްކި ކަމަށެވެ. އަދި ދިފާއުން ހުށަހެޅި ހެކިތަކަށް ބަލާއިރު، ޝާހިދު ވިދާޅުވެފައި ވަނީ ޑޮލަރު ވިއްކާނެ މީހަކު ހޯދަން ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލަށް ޔާމީން 2015 ވަނަ އަހަރު ގުޅުއްވި ކަމަށެވެ. އެގޮތަށް ޔާމީން އެދިވަޑައިގަތުމުން އޭނާ ހުންނެވި ތަނެއްގައި ޔޫސުފް ނައީމަށް މުހައްމަދު އިސްމާއިލް ގުޅުއްވި ކަމަށާއި އަދި ޑޮލަރު ވިއްކަން އެދުނު ކަމަށެވެ. ނަމަވެސް ޑޮލަރުގެ މުއާމަލާތް ހިނގި ތާރީހު ނޭނގޭ ކަމަށާއި އެކަމަކު އެއީ 2015 ވަނަ އަހަރުގެ ފަހުކޮޅު ހިނގި ކަމެއް ކަމަށް ޝާހިދު ވިދާޅުވެފައި ވެއެވެ.

ޝަހިދު މިހެން ވިދާޅުވެފައިވާ އިރު، މުހައްމަދު އިސްމާއިލް ވެސް ހެކިބަސް ދެމުން ވިދާޅުވެފައި ވަނީ ޔޫސުފް ނައީމަށް ގުޅައިގެން ޑޮލަރު ވިއްކަން އެދިވަޑައިގެންފައި ވާނެ ކަމަށެވެ.