ކޮރަޕްޝަންގެ ވަބާ މި ގައުމުން ނައްތާލެވޭނީ އެފަދަ މައްސަލަތަކުގައި ތުހުމަތު ކުރެވޭ ފަރާތްތަކާމެދު ހަމަހަމަކަމާއެކު ގާނޫނާ އެއްގޮތަށް އަމަލުކޮށްގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައި ވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ހިޔާނާތުގެ މައްސަލަތަކާ ގުޅިގެން އެ މައްސަލައިގައި ތުހުމަތުވާ ފަރާތްތަކާއެކު ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން އެކުލަވާލާފައިވާ އިމިއުނިޓީ އަދި އެއްބާރުލުން ދިނުމުގެ އެއްބަސްވުން ނިމުމަކަށް ގެންނަން ނިންމުމާ ގުޅިގެންނެވެ.

އެކްސްގައި ކުރެއްވި ޕޯސްޓުގައި ރައީސް ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ބޮޑު މައްސަލައިގައި ބައެއް ފަރާތްތަކަށް ތަފާތު އިމްތިއާޒްތަކެއް ލިބިދީ، އެމީހުންގެ މައްޗަށް އިތުރު ދައުވާ ނުކުރުމަށް އެއްބަސްވެ ކުރީގެ ޕްރޮސިކިއުޓާ ޖެނެރެލް ހައްދަވާފައިވާ އެއްބަސްވުންތައް ބާތިލް ކުރައްވައި އެމީހުންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތައް ތަހްގީގި ކުރައްވަވައި އެއޮފީހަށް ފޮނުވުމަށް ކަމާބެހޭ އިދާރާތަކަށް ޕްރޮސިކިއުޓާ ޖެނެރަލް އެންގެވުމާގުޅިގެން މަރުހަބާ ދަންނަވާފައެވެ.

"ޒަމާނުއްސުރެން މި ގައުމަށް ކުރިމަތިވެފައިވާ ކޮރަޕްޝަންގެ ވަބާ މި ގައުމުން ނައްތާލެވޭނީ އެފަދަ މައްސަލަތަކުގައި ހިމެނޭކަމަށް ތުހުމަތުކުރެވޭ ހުރިހާ ފަރާތަކާމެދުވެސް ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ހަމަހަމަކަމާއެކު އަމަލުކުރެވިގެން" ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައާ ގުޅިގެން ހަތަރު ފަރާތަކާއެކު އެކުލަވާލާފައިވާ އިމިއުނިޓީ އަދި އެއްބާރުލުންދިނުމުގެ އެއްބަސްވުން ނިމުމަކަށް ގެނައުމަށް ޕްރޮސެކިއުޓާ ޖެނެރަލް އިއްޔެ ވަނީ ނިންމަވާފައެވެ. އެއީ ހ. ސާމަރާ، އަހްމަދު އަދީބު އަބްދުލްޣަފޫރު، މ. ލޭންޑް އޮފް ގާޑެން، އަހްމަދު އިޝްފާހް އަލީ، މ. ސެސްނާ، މުހައްމަދު އައްލާމް ލަތީފް އަދި ގ. އޮއިވާލި، މުހައްމަދު ހުސައިން އެވެ.

ޕީޖީ އިން ބުނެފައި ވަނީ މި އެއްބަސްވުންތައް ނިމުމަކަށް ގެނައުމަށް ނިންމީ މި އެއްބަސްވުންތައް އެކުލަވާލާފައި ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިއުމަށާއި، ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތަށް އެއްބާރުލުން ހޯދުމުގެ ބޭނުމުގައި ކަމަށެވެ. ނަމަވެސް މި މީހުންގެ ފަރާތުން މައްސަލައިގެ ތަހުގީގަށާއި ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމަށް އެކަށީގެންވާ އެއްބާރުލުން ލިބެމުން ނުދާކަމަށް ތަހުގީގީ އިދާރާތުން މައުލޫމާތު ދީފައިވާ ކަމަށެވެ.

މި އެއްބަސްވުންތައް ނިމުމަކަށް ގެނައުމާއެކު، މި އެއްބަސްވުންތަކުގެ ސަބަބުން ކުރިއަށް ނުގެންދެވި ހުރި މި މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކުގެ ތަހުގީގު ކުރިއަށް ގެންގޮސް ވީ އެންމެ އަވަހަކަށް މައްސަލަ ހުށަހެޅުމަށް ފުލުހުންނަށާއި އެންޓި-ކޮރަޕްޝަން ކޮމިޝަނަށް އަންގާފައި ވާނެ ކަމަށް ޕީޖީއިން ބުނެއެވެ.