މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރާ އަސަރުތައް ދެނެގަތުމަށް ރާއްޖޭގެ ކަނޑުގެ އަޑީގައި ކުރާ ދިރާސާއިގައި އެކުއާނޯޓުންގެ ޓީމަކާ އެކު ދިވެހި ދެ އަންހެނަކު 250 މީޓަރު އަޑިއަށް މިއަދު ފީނައިފިއެވެ. މިއީ ރާއްޖޭގައި އާންމުކޮށް ޑައިވްކުރާ މީހުން ވެސް ނުދާ ފުން މިނެކެވެ.

އިނގިރޭސިވިލާތުގެ މެރިން ރިސާޗު ފައުންޑޭޝަނެއް ކަމަށްވާ ނެކްޓަން އާއި ދިވެހި ސަރުކާރާ ގުޅިގެން ހިންގާ މި ދިރާސާ ކުރުމަށް ފީނަން ބޭނުން ކޮށްފައި ވަނީ އިންސާނުންނާ އެކު ކަނޑުގެ އެންމެ ފުންމިނަށް ދަތުރު ކުރެވޭ 'އޮމެގާ ސީމާސްޓާ 2' ކިޔާ ސަބްމާސިބަލް އެކެވެ. އެ ސަބްމާސިބަލްގައި ދިވެހި ދެ އަންހެނަކާ އެކު އަންހެން ޕައިލެޓެއް ވަނީ ފީނި ސަރަހައްދުގެ މޫދުގެ އެންމެ އަޑިއަށް ފީނާފައެވެ.

މިއީ ހުސް އަންހެނުން ހިމެނޭ އެކުއަނޯޓްގެ ޓީމެއް ކަނޑުގެ ދިރާސާއެއް ކުރާ މިއީ ފުރަތަމަ ފަހަރެވެ. މި މިޝަންގައި ޖުމްލަ 40 މީހުން ބައިވެރިވާއިރު އޭގެތެރޭގައި 16 ދިވެހިންނާއި 24 ބައިނަލްއަގްވާމީ ބައިވެރިން ހިމެނެއެވެ.

'އޮމެގާ ސީމާސްޓާ 2' ސަބްމާސިބަލްގައި މިއަދުގެ މެންދުރުގެ ވަގުތެއްގައި ލ. އަތޮޅު ކައިރިއަށް ފީނަން ތައްޔާރުވެގެން

މިއަދު ލ. އަތޮޅު ސަރަހައްދުގައި މި މައްސައްކަތް ކުރިއަށް ދިޔައިރު، ދަތުރުގައި ލީޑު އެކުއާނޯޓުންގެ ގޮތުގައި ހަމަޖައްސާފައި ވަނީ މެރިން ރިސާޗް އިންސްޓިޓިއުޓްގެ ޑިރެކްޓާ ޖެނެރަލް ޝާފިއާ ނައީމާއި ނެކްޓަން މޯލްޑިވްސްގެ ރިސާޗު އެސިސްޓެންޓް ފަރާހް އަމްޖަދު އަދި އެމެރިކާއަށް ނިސްބަތްވާ ޕައިލަޓް ކިމްލީ ޑޯއެވެ. 'އޮމެގާ ސީމާސްޓާ 2' ސަބްމާސިބަލްގައި މިއަދުގެ މެންދުރުގެ ވަގުތެއްގައި ލ. އަތޮޅު ކައިރިއަށް ފީނީ ދިވެހި ދިދައެއް ނަގައިގެންނެވެ.

ނެކްޓަން އިން ބުނެފައި ވަނީ، މި ދިރާސާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުންނާއި ރާއްޖޭން އެކުލަވާލާފައިވާ ސައިންސްވެރިންނާއި ތަޖުރިބާކާރުންގެ ޓީމަކުން ކަނޑުގެ ސަތަހައިން ފެށިގެން 1،000 މީޓަރާ ހަމައަށް ސާވޭ ކުރުމަށް ކުރިއަށް ގެންދާ ދިރާސާއެއް ކަމަށެވެ.

'ނެކްޓަން މޯލްޑިވްސް މިޝަން'ގައި އިންސާނުން ގޮވައިގެން ފުން ކަނޑަށް ދާ އެންމެ ފަހުގެ ސަބްމާސިބަލް އަދި ރޮބޮޓިކް ސިސްޓަމްތައް ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ. ދިވެހި ސައިންސްވެރިންނާއި ނެކްޓަން ޓީމުގެ މަސައްކަތަކީ ދިވެހި ކަނޑުތަކުގެ ދިރުންތަކުގެ ސިއްހަތު ދެނެގަތުމެވެ. ރާއްޖޭގެ ކަނޑުގެ 20 ޕަސެންޓް ހިމާޔާތް ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލްކުރުމަށް ބޭނުންވާ މުހިންމު މައުލޫމާތުތައް ވެސް ހޯދުމަކީ މި ދިރާސާގެ އެއް އަމާޒެވެ.