މިއަދު ހެނދުނު ގާތްގަނޑަކަށް 11:45 ހާއިރު އިހަވަންދޫ ނަލަ އައްސޭރި ގޭގައި ރޯވި އަލިފާން ނިއްވުމުގެ މަސައްކަތުގެ ތެރޭގައި ކައިރި ގޭގޭގެ ވަޅު ހުސްވެ އެންމެ ފަހުން އަލިފާން ނިއްވީ މޫދަށް ޕަންޕު ގުޅަގެން ކަމަށް އެ ރަށު ކައުންސިލްގެ ރައީސް އަހުމަދު ސޮބާހު ވިދާޅުވެއްޖެއެވެ.

އެކަމުގެ އެންމެ ފަހުގެ މައުލޫމާތު "ދަ ޕްރެސް" އާ ހިއްސާ ކުރައްވަމުން ސޮބާހު ވިދާޅުވީ ލިބުނު ގެއްލުމާއި އާއިލާގެ ހާލަތު އަދި ތަނުގެ ހާލަތު، ކައުންސިލާއި ފުލުހުން ގުޅިގެން ބަލާ މައުލޫމާތު އެއްކޮށް، ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަށް ފޮނުވާފައިވާ ކަމަށެވެ.

ފުރަތަމަ އަލިފާން ރޯވެފައި ވަނީ ނަލަ އައްސޭރި ގޭގައި ވަކިން ހަދާފައިވާ ތިން ކޮޓަރީގެ އެޕާޓްމަންޓުގެ ތެރެއިން ގުދަނުގެ ގޮތުގައިި ބޭނުންކުރާ ކޮޓަރިއެއްގައެވެ. ސޮބާހު ވިދާޅުވީ އެ އެޕާޓްމަންޓުން މީހުން ދިރިއުޅެމުން ދަނީ އެއް ކޮޓަރީގައި ކަމަށާއި އެ ކޮޓަރީގައި ދެމަފިރިންނާއި ކުޑަ ދެ ކުދިން އުޅެމުންދިޔަ ކަމަށެވެ. އަދި ދެން ހުންނަ ދެ ކޮޓަރިވެސް ބޭނުން ކުރަނީ ގުދަނުގެ ގޮތަގައި ކަމަށް ވެސް ސޮބާހު ވިދާޅުވިއެވެ. އެ ހާދިސާ ހިނގިއިރު އެ މީހުން ތިބީ ކޮޓަރިތެރޭގައި ނަމަވެސް އެ ވަގުތު ކޮޓަރިން ނިކުމެފައިވާ ކަމަށް ސޮބާހު ވަނީ ވިދާޅުވެފައެވެ.

އިހަވަންދޫ ނަލަ އައްސޭރި ގޭގައި ހިނގި އަލިފާނުގެ ހާދިސާ/ ފޮޓޯ: އޭއެސްޕީ ސްޓޫޑިއޯ

ސޮބާހު ވިދާޅުވީ އެ ހާދިސާ ހިނގާފައި ވަނީ އެ ގުދަން ތެރޭގައި ގިނަ އަދަދެއްގެ ފިލަޔާއި ޕަލެޓާއި ގިނަ އަދަދެއްގެ ވަޑާމުގެ ސާމާނު ހުރިއިރު އެތަކެތީގައި ރޯވި އަލިފާންގަނޑުގެ ހުޅު ފަޅައިގެން ގޮސް ކަމަށެވެ. އަދި ފުލުހުންނާއި ކައުންސިލްގެ ބައެއް މެންބަރުން 10 ވަރަކަށް މިނެޓުގެ ތެރޭގައި އެ ސަރަހައްދަށް ގޮސް، އޭރުންސުރެ ފެށިގެން އާންމު ރައްޔިތުންނާ ގުޅިގެން އަލިފާން ނިއްވުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައި ކަމަށެވެ. އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ސާފު ނުވާ ކަމަށާއި އެ މަސައްކަތް ފުލުހުންގެ ހާއްސަ ޓީމަކުން ކުރަމުންދާ ކަމަށް ސޮބާހު ފާހަގަކުރިއެވެ.

ސޮބާހު ވިދާޅުވީ ހުކުރު ނަމާދާ ގާތްވެފައި ވަނިކޮށް މިފަދަ ހާދިސާއެއް ހިނގިއިރު ރައްޔިތުންނަށް އެ ހަބަރު ލިބުމާއެކު ހުރިހާ ރައްޔިތުން، ކުދިބޮޑު އެންމެން އެ ސަރަހައްދަށް ޖަމާވެ އެ މީހަކަށް ފެން އުފުލޭ ޒާތުގެ ހުރިހާ އެއްޗެއް ބޭނުން ކުރަމުން ދިޔަ ކަމަށެވެ.

"ރައްޔިތުންނަށް އެ ހަބަރު ލިބުމާއެކު ހުރިހާ ރައްޔިތުން، ކުދިބޮޑު އެންމެން އެ ސަރަހައްދަށް ޖަމާވެ އެ މީހަކަށް ފެން އުފުލޭ ޒާތުގެ ހުރިހާ އެއްޗެއް ބޭނުން ކުރަމުން ދިޔައީ، ބާލިދީ، ތެލި، ތަށީގަވެސް"
ސޮބާހު

އެ އަލިފާންގަނޑު ނިއްވުމަށް ކައިރި ސަރަހައްދުގެ ހުރިހާ ގެއަކުން ފެން އުފުލަމުން ދިޔަ އިރު ކައިރި ގެތަކުގެ ވަޅުތަކުން ޕަންޕު ބޭނުންކޮށްގެން ފެންޖަހަމުން ދިޔަ ނަމަވެސް އަލިފާން ގަނޑު ނުނިވި އުޅެނިކޮށް ވަޅުތަކުން ފެން ހުސްވި ކަމަށް ސޮބާހު ވިދާޅުވިއެވެ. އަދި ފަހުން ޕަންޕު މޫދަށް ގުޅައިގެން އަލިފާން ގަނޑު ނިއްވަން މަސައްކަތް ކުރި ކަމަށާއި ގަޑިއެއްހާއިރު ތެރޭގައި އަލިފާން ނިއްވާލެވިފައިވާ ކަމަށް ސޮބާހު ވިދާޅުވިއެވެ.

އިހަވަންދޫ ނަލަ އައްސޭރި ގޭގައި ހިނގި އަލިފާން ނިއްވުމުގައި ރައްޔިތުން/ ފޮޓޯ: އޭއެސްޕީ ސްޓޫޑިއޯ

ސޮބާހު ވިދާޅުވީ އެ އެޕާޓްމަންޓުގައި ހުރި ހިފާ ގެންގުޅޭ އެއްޗެހިން ފެށިގެން ހުރިހާ އެއްޗެއް އަނދާ ހުލިވެފައިވާ ކަމަށާއި ހަތަރު ފާރާއި ފުރާޅުވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ކަމަށެވެ.

ލިބުނު ގެއްލުމުގެ އަގު ސީދާ އަންދާޒާކޮށްލަން އުނދަގޫ ކަމަށާއި ގުދަނު ތެރޭގައި ގިނަ އަދަދެއްގެ އަގު ބޮޑެތި ސާމާނުތައް ހުރި ކަމަށް ސޮބާހު ވިދާޅުވިއެވެ. އޭގެ ތެރޭގައި ކަރަންޓު ސާމާނާއި ވަޑާމުގައި ބޭނުންކުރާ މެޝިންތަކާއި ގިނަ އަދަދެއްގެ އަގު ބޮޑެތި ފިލާ ހުރިއިރު، އޭގެ ތެރޭގައި ގިނަ އަދަދެއްގެ އޮރިމަސް ފިލާ ހިމެނެއެވެ. އަދި މީހުން ދިރިއުޅޭ ކޮޓަރިއަކީ ޒަމާނީ ފެންވަރަށް ހަދާ، ޒީނަތްތެރިކޮށްފައި ވާ ކޮޓަރިއަކަށް ވާއިރު ފަރުނީޗަރާއި އޭސީ އަދި ޓީވީއާ ހުރި އިރު އަލިފާން ހިފާފައޮ ހުރި ވަރުން އެއްވެސް އެއްޗެއް ސަލާމަތް ކުރެވިފައި ނުވާ ކަމަށް ސޮބާހު ވިދާޅުވިއެވެ. އަދި ގާތްގަނޑަށް މިލިއަނަކަށް ވުރެ، ލިބުނު ގެއްލުމުގެ އަގު ބޮޑުވާނެ ކަމަށް ސޮބާހު ވިދާޅުވިއެވެ.

އިހަވަންދޫ ނަލަ އައްސޭރި ގޭގައި ހިނގި އަލިފާނުގެ ހާދިސާ/ ފޮޓޯ: އެންޑީއެމްއޭ

ސޮބާހު އިތުރަށް ވިދާޅުވީ ރައްޔިތުންގެ ފަރާތުން ފެނިގެން ދިޔައީ އެކުވެރި، އެއްބައިވަންތަ އަދި އެއްމެން ގުޅިގެން މަސައްކަތް ކުރުމުގެ ރީތިި މިސާލެއް ކަމަށާއި އަލިފާން އެހާ އަވަހަށް ނިއްވާލެވުނީ ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމުގެ ސަބަބުން ކަމަށާއި އެކަމަށްޓަކައި ޝުކުރުއަދާ ކުރާ ކަމަށެވެ. އަދި އިހަވަންދޫއަކީ އެފަދަ ކޮންމެ ހާދިސާއެއްގައި ރީތި ނަމޫނާ ދައްކާ ރަށެއް ކަމަށް ސޮބާހު ވިދާޅުވިއެވެ.