އއ. ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ފިރިހެން މީހާ ވެންޓިލޭޓަރުން ނަގައިފި ކަމަށް އައިޖީއެމްއެޗް އިން ބުނެފިއެވެ.
ރަސްދޫގެ ގެއެއްގެ ކޮޓަރިއެއްގައި ހިނގި އެ ހާދިސާގައި ފިހިފައި ވަނީ ދެމަފިރިއެކެވެ. އަންހެން މީހާގެ ހަށިގަނޑުގެ 80 އަށް ވުރެ ބޮޑު ޕަސެންޓެއް ފިހިފައިވާއިރު، ފިރިހެން މީހާގެ ހަށިގަނޑުގެ ވެސް 80 އަށް ވުރެ ބޮޑު ޕަސެންޓު ވަނީ ފިހިފައެވެ.
އެ ހާދިސާ އާ ގުޅިގެން ދެ މީހުންނަށް ފަރުވާ ދިނުމަށް މާލެ ގެނެސް އައިޖީއެމްއެޗްގެ އައިސީޔޫގެ ވެންޓިލޭޓަރުގައި ފަރުވާދެމުންދަނިކޮށް އަންހެން މީހާ ނިޔާވެފައި ވަނީ މިދިޔަ ހޯމަ ދުވަހުއެވެ.
އަދި ފިރިހެން މީހާއަށް ވެންޓިލޭޓަރުގައި ފަރުވާދެމުން ދިޔަ ނަމަވެސް އޭނާ ވެންޓިލޭޓަރުން ނަގާފައި ވަނީ މިއަދު ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދިނެވެ. އަދި ވެންޓިލޭޓަރުން ނެގި ނަމަވެސް ހާލު ކްރިޓިކަލް ކަމުން އޭނާއަށް ފަރުވާ ދެމުންދަނީ އައިސީޔޫގައި ކަމަށް 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ފިހުނު ދެ މީހުންނަށް ފަރުވާ ދިނުމުގައި ލަފާ ދޭން މިދިޔަ މަހުގެ ފަހުކޮޅު އިންޑިއާގެ މުމްބާއީގެ ބަޓިއާ ހޮސްޕިޓަލުގެ ބާންސް އެންޑް ޕްލާސްޓިކް ސާޖަން ޑރ. ޝައިލާޝް ވީ ރަނާދު ވެސް ރާއްޖެ އައިސްފައި ވެއެވެ.
އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އެއްވެސް އިދާރާއަކުން މިހާތަނަށް ހާމަކޮށްފައި ނުވާއިރު މައުލޫމާތު ލިބިފައިވާ ގޮތުން ރޯވެފައި ވަނީ ކޮޓަރީގައި ނަމަވެސް ކޮޓަރިއަށް އެހާ ބޮޑު ގެއްލުމެއް ލިބިފައި ނުވެއެވެ.