ސޯޝަލް މީޑިއާގައި އަމިއްލަ ބަރަހަނާ ފޮޓޯ އާންމު ކުރަމުން ގެންދާ މީހެއް ކަމަށް ބުނެ ހައްޔަރު ކުރި މީހާ ދޫކޮށްލައިފިއެވެ.

އާންމު އިޖުތިމާއީ މިންގަނޑާއި ހިލާފު ފޮޓޯތަކެއް މީސް މީޑިއާގައި އާއްމު ކޮށްފައިވާ މައްސަލައާ ގުޅިގެން ހައްޔަރު ކުރި އުމުރުން 37 އަހަރުގެ ދިވެހި ފިރިހެން މީހާ ދޫކޮށްލާފައި ވަނީ އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް ގެންދިއުމުން ކްރިމިނަލް ކޯޓުންނެވެ. ފުލުހުން ބުނީ، ހައްޔަރު ކުރި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޮޓަށް ހާޒިރު ކުރުމުން ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން ނުފެންނަ ކަމަށް ނިންމައި އޭނާ ދޫކޮށްލާފައިވާ ކަމަށެވެ.

މިއީ އެ ފިރިހެން މީހާ މި ފަދަ މައްސަލައެއްގައި ހައްޔަރު ކުރި ދެވަނަ ފަހަރެވެ. އެ ގޮތުން މި މަހުގެ 31 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އެމީހާ ހައްޔަރުކޮށްފައިވާ އިރު މީގެ ކުރިން އެ މީހާ ހައްޔަރު ކޮށްފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ. އެފަހަރު ވެސް އެ އަަހަރުގެ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު ޝަރުތުތަކަކާއެކު އޭނާ ވަނީ ދޫކޮށްލާފައެވެ.

މިފަހަރު އޭނާ ހައްޔަރުކޮށްފައި ވަނީ ބަރަހަނާ ފޮޓޯ އާއްމު ކުރަމުން ދާއިރުވެސް އޭނާ ހައްޔަރު ނުކުރާތީ ފުލުހުންނާއި އަދި ސަރުކާރަށް އެތައްބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދިޔަ ކަމަށް ބުނެފައި ވިޔަސް މި މައްސަލައާ ގުޅޭ ގޮތުން އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.