ލ. ކަލައިދޫގައި ކުޑަކުއްޖަކު ރޭޕކޮށް އޮރިޔާން ކާޑު ހެދި މައްސަލައިގައި އެރަށު މާކަރީލައިޓް، މުހައްމަދު ޝަޒްލީފްގެ މައްޗަށް ކުށް ސާބިތުވެ 40 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.

މި ހާދިސާ ހިނގާފައި ވަނީ ޖެނުއަރީ 6، 2018 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ލ. ކަލައިދޫ ދަނޑުބިން ސަރަހައްދު ވަލުތެރޭގައެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނީ، މި މައްސަލައިގައި ޝަޒްލީފްގެ މައްޗަށް ކުށް ސާބިތުވެ ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ އިއްޔެ ކަމަށެވެ. މި މައްސަލައިގައި އަނިޔާ ލިބިފައި ވަނީ އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކަށެވެ. ދައުވާގައި ބުނެފައި ވަނީ ހާދިސާ ހިނގި ތަނަށް އެ ކުއްޖާ ގެންގޮސް ގަދަކަމުން ޖިންސީ ގުޅުން ހިންގައި، ކުއްޖާގެ ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއާއި ވީޑިއޯ ނަގާފައިވާ ކަމަށެވެ.

މި މައްސަލައިގައި ރޭޕްގެ ކުށް ސާބިތުވެފައި ވާތީ ޖިންސީ ކުށުގެ ގާނޫނު ގެ 14 ވަނަ މާއްދާގެ (ނ) ގެ ދަށުން، ޝަޒްލީފް 20 އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފައެވެ. ހަމައެއާއެކު ކުޑަކުއްޖަކު މެދުވެރިކޮށް އޮރިޔާންކާޑު އުފެއްދުމުގެ ކުށް ސާބިތުވެފައި ވާތީ، ކުޑަކުދިންނަށް ޖީންސީ ގޯނާ ކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކުން އަމަލު ކުރުމުގެ ގާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން، ޝަޒްލީފް 20 އަހަރަށް ޖަލަށް ލުމަށް ވެސް ވަނީ ހުކުމް ކޮށްފައެވެ.

ޖުމްލަ 40 އަހަރަށް ޝަޒްލީފް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ އިރު އެ މުއްދަތުން ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ހުރި މުއްދަތު ކަމުގައިވާ ދެ އަހަރާއި އެއް މަހާއި 14 ދުވަސް އުނިކޮށްފައި ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

މި ހާދިސާ 2018 ވަނަ އަހަރު ޖެނުއަރީ މަހުގައި ހިނގާފައިވާ އިރު، އެ މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ އެ އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުއެވެ.