މީހަކު ރަހީނުކޮށް، އޭނާގެ އޮރިޔާންކާޑު ހަދާ ބިރުދެއްކާ އަދި އެމީހާގެ އަތުން ފޭރުނު މައްސަލައިގެ ތުހުމަތުގައި ތިން މީހަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.
މި މައްސަލަ އާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ހއ. ފިއްލަދޫ، ސީރީން މަންޒިލް، މުހައްމަދު ލާމިރު (27 އަހަރު)، ގދ. ނަޑެއްލާ، ގަހާކޮޅި، ހުސައިން މައޫޒު އަބްދުﷲ (26 އަހަރު) އަދި ގދ. ނަޑެއްލާ، ހިތަށް ފިނިވާގެ، ޝަހުމީން ރަޝީދު (25 އަހަރު) އެވެ. މި މީހުން ބަންދުކުރުމަށް ނެރުނު ކޯޓު އަމުރުގައިވަނީ ހުއްދަ ނޫން ގޮތެއްގައި މީހަކު ހިފެހެއްޓުމާ، އޮރިޔާންކާޑު ހެދުން، ވައްކަން، ބިރު ދެއްކުން އަދި ފޭރުމާ ގުޅިގެންކަމަށެވެ.
މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މި ތިން މީހުންނާ ދެކޮޅަށް ކޯޓަށް ހުށަހަޅާފައިވާ ހެކިންގެ ހެކިބަހާ، ސީސީޓީވީގެ ކެމެރާގެ ސްނެޕްޝޮޓްތަކަށް ބެލުމަށްފަހު ކުށްކުރިކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރަކަށް ހެކި ލިބިފައިވާކަމަށް ބުނެފައެވެ.
މި ގޮތުން މި މައްސަލައިގައި ހައްޔަރުކުރި ޝަހުމީން ރަޝީދު އަކީ ވަޒީފާއެއްގައި އުޅޭ މީހެއްކަމަށް އޭނާ ބުނެފައިވާއިރު، ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައެވެ. އަދި މި މައްސަލައިގައި ހައްޔަރުކުރި މުހައްމަދު ލާމިރު އާއި ހުސައިން މައޫޒު އަބްދުﷲގެ ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު އެ ދެމީހުންނަށް ލިބިފައިނުވާކަމަށް ބުނުމުން އެ ދެމީހުންގެ ބަންދަށް ދީފައިވަނީ 05 ދުވަހެވެ.
މި ތިން މީހުންނަކީވެސް ކުށުގެ ރެކޯޑް އޮތް ތިން މީހުންނަށްވާއިރު ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.