ކުޑަކުދީންނަށް ޖިންސީ ގޯނާ ކުރާ މީހުންނަށް މައާފް ދިނުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ 13 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ހައްޔަރުކުރި އެ ކުއްޖާގެ ކާފަ ދޫކޮށްލި މައްސަލައާ ގުޅިގެންނެވެ. އަދި އެ ކާފަ ދޫކޮށްލާފައިވަނީ އެ ދާއިރާއަށް ވާދަކުރާ މިހާރުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުގެ ބޭބެ އަހުމަދު ރިޔާޒަށް ވޯޓު އިތުރުކުރުމުގެ ބޭނުމުގައި ކަމަށް ބުނެ އާންމު ރައްޔިތުން ވާހަކަތައް ދައްކަމުންދާ ދަނޑިވަޅެއްގައެވެ.

ރައީސް ވިދާޅުވީ ކުޑަކުދިީންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ނުވަތަ އެކުށް ސާބިތުވެ ހުކުމް ކޮށްފައިވާ މީހުންނަށް މައާފުދިނުން އަދި ލުއިދީ ދޫކޮށްލުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނޭ ކަމެ ނޫން ކަމަށެވެ. އަދި އެގޮތަށް ނިންމާ ނިންމުންތައް ލަސްނުކޮށް އިސްތިއުނާފު ކުރުމަށް ސަރުކާރުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ)ގައި އެދެމުންދާ ކަމަށެވެ.

ރައީސް ވަނީ ދިވެހި މުޖުތަމައަކީ އެފަދަ ނުބައި ފަރާތްތަކުގެ ނުބައި ވަކިތަކުން ސަލާމަތްވެފައިވާ މުޖުތަމައަކަށް ހެދުމަށް އެންމެން އެކުގައި މަސަކަތް ކުރުމަށް އެދިވަޑައިގެންފައެވެ.

ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ކާފަ ދޫކޮށްލާފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައި ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓުންނެވެ.