މިއަހަރުގެ ފަހު ތިން މަހު އެކަނިވެސް ބަރަހާނާ ފޮޓޯ ބޭނުންކޮށްގެން ބްލެކްމެއިލްކުރުމުގެ 18 މައްސަލަ ހުށަހަޅާފައިވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން އާންމުކުރި މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ސައިބާކްރައިމްގެ 51 މައްސަލަ އަދި ބްލެކްމެއިލް ކުރުމުގެ 24 މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވެއެވެ. މީގެ ތެރެއިން ބްލެކްމެއިލް ކުރުމުގެ 18 މައްސަލަ އަކީ ބަރަހަނާ ފޮޓޯތައް ބޭނުންކޮށްގެން ހިންގާފައިވާ އަމަލުތަކަށްވާއިރު މި ތިން މަހުގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 47 މައްސަލަ ވެސް ފުލުހުންނަށްވަނީ ހުށަހަޅާފައެވެ.

މީގެ އިތުރުން ގެވެށި އަނިޔާގެ 134 މައްސަލަ ހުށަހަޅާފައިވާއިރު މީގެ ތެރެއިން 46 މައްސަލަ ފުލުހުން ވަނީ ތަހުގީގުކޮށްފައެވެ. ފުލުހުން ތަހުގީގުކޮށްފައިވާ ގެވެށި އަނިޔާގެ 24 މައްސަލަ މާލެ ސިޓީއިން ހުށަހަޅާފައިވާއިރު، ކުޅުދުއްފުށީ ސިޓީ އިން 5 މައްސަލަ އަދި އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ އިން 2 މައްސަލަ ހުށަހަޅާފައިވެއެވެ. ގެވެށި އަނިޔާގެ 15 މައްސަލައަކީ އާއިލާގެ ފަރާތުން ލިބިފައިވާ އަނިޔާތަކަށްވާއިރު ފިރިމީހާގެ ފަރާތުން އަނިޔާ ލިބިގެން 31 މައްސަލަ ހުށަހަޅާފައިވެއެވެ. މި މައްސަލަ ތަކުގެ ތެރެއިން 35 މައްސަލަ ނިމިފައިވާއިރު 1 މައްސަލަ އޮތީ ޕީޖީގައެވެ، އަދި 3 މައްސަލަ ކުރިއަށް ގެންދިއުން ވަނީ ވަގުތީ ގޮތުން މަޑުޖައްސާލާފައެވެެ.

ފުލުހުން އާންމުކުރި ހިސާބުތަކަށް ބާލައިރު ފާއިތުވި 3 މަހު ޖިންސީ ގޯނާގެ 140 މައްސަލަ ހުށަހަޅާފައިވާއިރު 80 މައްސަލައިގެ ތަހުގީގުވަނީ ކުރިއަށް ގެންގޮސްފައެވެ. މި ގޮތުން ޖިންސީ އަމަލެއް ހިންގަން އުޅުމުގެ 38 މައްސަލަ ހުށަހަޅާފައިވާއިރު ރޭޕްކުރުމުގެ 3 މައްސަލަ ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން ހަށިވިއްކުމުގެ 3 މައްސަލަ އާއި ޖިންސީ ފުރައްސާރައިގެ 7 މައްސަލައިގެ އިތުރުން އެހެނިހެން ގޮތްގޮތުން ޖިންސީ އަމަލު ހިންގުމުގެ 29 މައްސަލަ ވަނީ ހުށަހަޅާފައެވެ. މީގެތެރެއިން 38 މައްސަލަ ނިމިފައިވާއިރު، ޕީޖީގައި 2 މައްސަލަ އަދި ވަގުތީ ގޮތުން 31 މައްސަލަވަނީ މަޑުޖައްސާލާފައެވެ.

ރާއްޖޭގައި ކުށްކުރާ ނިސްބަތް އިތުރުވަމުން އަންނައިރު މި ތިން މަހުގެ ތެރޭގައި މާލެ ސަރަހައްދުގައި އެކަނިވެސް 2854 މައްސަލަ ހުށަހަޅާފައިވެއެވެ. މީގެ އިތުރުން އައްޑޫ ސިޓީ އިން 154 މައްސަލަ ހުށަހަޅާފައިވާއިރު ފުވައްމުލައް ސިޓީގައި 78 އަދި ކުޅުދުއްފުށި ސިޓީގައި 56 ގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުން ޖުމްލަ 715 މައްސަލަ ހުށަހަޅާފައިވެއެވެ.