މާލެއިން ފުރައިގެން ނ. އަތޮޅަށް ދަތުރުކުރި ލަންދޫ ބޯޓު ފަރު މައްޗަށް އަރުވާލަން ޖެހުނީ ބޯޓުގައި ހުރި މުދާ ސަލާމަތްކުރާނެ އިތުރު ގޮތެއް ނެތުމުން ކަމަށާއި އެ ހާދިސާގައި ބޯޓުން މުދާ ގެންދާ 15 ވަރަކަށް ވިޔަފާރިވެރިންނަށް ބޮޑު ގެއްލުމެއް ވާނެ ކަމަށް އެ ދޯނީގެ ވެރިޔާގެ ދަރި، ބޯޓުގެ ކަންކަމާ ހަވާލުވެ ހުރި އިބްރާހިމް ސައުދު ބުނެފިއެވެ.

"ދަ ޕްރެސް" އާ ވާހަކަ ދައްކަމުން ސައުދު ބުނީ އެ ބޯޓަކީ 2007 ވަނަ އަހަރު ދުއްވަން ފެށި، ދިގު މިނުގައި 96 ފޫޓު އަދި ފުޅާ މިނުގައި 32 ފޫޓު ހުރި ބޯޓެއް ކަމަށާއި މިހާރު ބޯޓު ފުންކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ސައުދު ބުނީ ގެގަނޑު އެއްކޮށް ކަނޑާލައިގެން ދޯނީގެ ހަލްގަނޑާއި އިންޖީނު ހޯދުމުގެ މަސައްކަތް ކުރަމުން ދާ އިރު ވިޔަފާރިވެރިންގެ ބައެއް މުދާ ސަލާމަތްކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށެވެ.

ހާދިސާ ހިނގީ ކިހިނެއް؟

އަންގާރަ ދުވަހުގެ ރޭ ނ. އަތޮޅަށް ދިއުމަށް ލަންދޫ ބޯޓު މާލެއިން ނައްޓާލީ ދަންވަރު 2:30 ހާއިރެވެ. އަދި އިންޖީނުގެ ޑީސަލު ތިއޭޓަރަށް ދިމާވި އާންމު މައްސަލައަކާ ގުޅިގެން ބޯޓު ކ. ގާފަރަށް ވަދެ މައްސަލަ ހައްލުކޮށް ނައްޓާލުމުގެ ކުރިން ދޯނީގެ ވެރިފަރާތް، ސައުދުގެ ބައްޕަ އޭނާއަށް ގުޅުމުން ދިޔަވަރު ހިކި ކަމަށް ބުނެފައިވާނެ ކަމަށް އޭނާ ބުންޏެވެ. އަދި މޫސުމަށް ބެލިއިރު މެންދުރު 12:30 ހާއިރު ވިލާގަނޑެއް ނަގާކަމަށް ލަފާކުރެވޭތީ ހެނދުނު 10:30 ހާއިރު ގާފަރުން ނައްޓާލީ ވިލާގަނޑުގައި ޖެހުމުގެ ކުރިން ކާށިދޫއާ ހިސާބަށް ދެވޭނެ ކަމުގެ އުންމީދުގައި ކަމަށް ސައުދު ކިޔައިދިނެވެ.

އެހެންނަމަވެސް އެ ހިސާބުން ފުރައިގެން 5 މޭލަށް ނުދެވެނީސް ގާފަރު ކައިރީގައި އޮންނަ ގަދަ އޮއި ގަނޑުގައި ޖެހި ރާޅަކާ ދޯނީގެ މަޑުލެއް ބިންދައިގެން ދިޔަ ކަމަށާއި އެލާމް އަޅަން ފެށުމުން އަނބުރާލާފައި ގޮސް ގާފަރަށް ނުވަދެވުނު ކަމަށް ސައުދު ވަނީ ބުނެފައެވެ. އަދި ބޯޓާއި މުދާ ސަލާމަތްކުރެވޭނެ އިތުރު ގޮތެއް ނެތުމުން ބޯޓު ބީއްސާލީ ގާފަރުގެ ފަރު ދޮށަށް ކަމަށްވެސް އޭނާ ކިޔައިދިނެވެ.

ލަންދޫ ބޯޓު

ގެއްލުމުގެ އަގު އަންދާޒާވެސް ނުކުރެވޭ

ލަންދޫ ބޯޓަކީ އެ އަތޮޅުގެ މަނަދޫ، މާފަރު، ލަންދޫ، މާޅެންދޫ، އަދި ބައެއް ފަހަރު ވިޔަފާރި ވެރިންގެ އެދުމަށް ކުޑަފަރީއަށް ޖައްސަމުން އަންނަ ގިނަ އަދަދެއްގެ ވިޔަފާރި މުދާ އުފުލާ ބޯޓެކެވެ. ސައުދު ބުނީ ލިބުނު ގެއްލުމުގެ އަދަދު އަންދާޒާ ނުކުރެވޭ ކަމަށާއި 15 ވަރަކަށް ވިޔަފާރިވެރިންގެ މުދާ އެ ދޯނީގައި ހުރިއިރު ޔަގީނުންވެސް ކޮންމެ ފަރާތެއްގެ އަތުން ލައްކައަކަށް ވުރެ ގިނަ މުދާ ގެއްލުންވެފައި ވާނެ ކަމަށެވެ. އަދި އެ ބޯޓަށް ބަރޯސާވެފައި އޮންނަ މަނަދޫ "އާދު" ފިހާރައިގެ ގިނަ އަދަދެއްގެ މުދާ ހުރިއިރު މިލިއަނަކާ ގާތަށް މުދަލުން ގެއްލުން ވެފައިވާނެ ކަމަށް ސައުދު ފާހަގަ ކުރިއެވެ.

"ވިޔަފާރިވެރިން މުދަލުންވެސް ދާނެ މިލިއަނެއް ޖުމްލަ، އޭގެ އިތުރުން އާދު ފިހާރައިގެ މުދަލުން މިލިއަނެއްވެސް ނާރާނެ ކަމެއް ނޭނގެ"
ސައުދު

ސައުދު ބުނީ ހުރިހާ މުދަލުން 80 ޕަސެންޓް ބޭނުން ނުކުރެވޭނެ ކަމަށް ބެލެވޭ ކަމަށާއި އޭގެ އިތުރުން ބޯޓަށް ލިބުނު ގެއްލުމާއި އެ ހުރިހާ ކަމަކަށް ގާތްގަނޑަކަށް 8.5 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ލަންދޫ ބޯޓުން ސަލާމަތްކުރެވުނު ބައެއް މުދާ

ބޯޓަށް ގެއްލުންވި އިރު އިންސުއަރެންސް މުއްދަތު ހަމަވެފައި

ސައުދު ބުނީ އެ ބޯޓުގެ އިންސުއަރެންސް ތިން ފަހަރު މަތިން އާކޮށްފައިވާނެ ކަމަށާއި މިހާރު އާމްދަނީ އެ ވަރަށް ނުލިބުމުގެ ސަބަބުން އެކަން ނުވަނީ ކަމަށެވެ. އަދި ތެލުގެ އަގު ބޮޑުވުމާއި ލޯނު ދައްކަން ޖެހުމުގެ ސަބަބުން އިންސުއަރެންސް އާކުރަން ނޫޅެވެނީ ކަމަށް އޭނާ ބުންޏެވެ. މީގެ ކުރިން އެ ބޯޓުން 200 މީހުން ދަތުރުކުރާކަން ފާހަގަ ކުރަމުން ސައުދު ބުނީ މާފަރު އެއާޕޯޓު ހެދުމުން ލިބުނު ލުއި ފަސޭހަ ކަމާއި ބޯޓަކީ ޒަމާނީ ބޯޓަކަށް ނުވުމުގެ ސަބަބުން މިހާރު ބޮޑު އާމްދަނީއެއް ނުލިބޭ ކަމަށާއި މީގެ ކުރިން 2.8 މިލިއަން ރުފިޔާ އިންސުއަރެންސް އަށް ދައްކާފައި ވާނެ ކަމަށެވެ.

ގާފަރާއި ލަންދޫގެ ރައްޔިތުންގެ ފަރާތުން ލިބުނު އެހީ، އެއީ ހަމަ ނަމޫނާ

ސައުދު ބުނީ ގާފަރުގެ ރައްޔިތުންގެ ފަރާތުން ވަރަށް އެހީތެރިކަމާއި އެއްބާރުލުން ލިބޭ ކަމަށާއި ގާތްގަނޑަކަށް 5 ދޯންޏާއި އެއް ލޯންޗު މިހާރުވެސް އެ މަސައްކަތުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި ގާފަރު ކައިރީގައި އޮތް ރިސޯޓަކުންވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެންނެއް ނޫން ރިސޯޓުން ޑައިވިން ފުޅިއާ އެއްޗެހި ހޯދަން އެދުނީ ގާފަރު ކައުންސިލުން،. ގާފަރުގެ ރައްޔިތުން 70 އާއި 100 އާ ދެމެދު އަދަދެއްގެ މީހުން މިހާރުވެސް މަސައްކަތް ކުރޭ އެބަ"
ސައުދު

އޭގެ އިތުރުން "އާދު" ފިހާރައިގެ އިސްވެރިންވެސް އެ ސަރަހައްދުގައި އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ކުރާ ކަމަށް ސައުދު ފާހަގަ ކުރިއެވެ.

ލަންދޫ ބޯޓު

މިކަމާ ގުޅިގެން "ދަ ޕްރެސް" އާ ވާހަކަދައްކަމުން ލަންދޫ ކައުންސިލްގެ ރައީސް އަބްދުލް އަޒީޒް މުހައްމަދު ވިދާޅުވީ ގާފަރަކީ ވަރަށް ނަމޫނާ ބަޔަކު ދިރިއުޅޭ ރަށެއް ކަމަށާއި މީގެ 20 އަހަރު ކުރިންވެސް އޭނާ އެ ތަޖުރިބާ ކުރި ކަމަށެވެ. އެ ތަޖުރިބާ ހިއްސާ ކުރައްވަމުން އަޒީޒް ވިދާޅުވީ ކަނޑުގަދަވެގެން ދަތުރު ނުކުރެވި، 200 އެއްހާ މީހުންނާއެކު 4 ދުވަސް ވަންދެން އެ ރަށުގައި ތިބި ކަމަށާއި 4 ދުވަސް ވަންދެން ތަފާތުކުރުމެއް ނެތި ގާފަރުގެ ރައްޔިތުން ހިދުމަތް ކޮށްދިން ކަމަށެވެ. އަދި މިއަދުވެސް ހަމަ އެ ނަމޫނާ ދައްކާ ކަމަށާއި އެކަމަށްޓަކައި ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ލަންދޫ ރައްޔިތުން މިފަދަ ކޮންމެ ކަމެއްގައި ވަމުން އަންނަ އެހީ ފާހަގަކޮށް އެ ފަރާތްތަކަށްވެސް އަޒީޒު ޝުކުރު އަދާކުރެއްވިއެވެ.

ލަންދޫ ރައްޔިތުންގެ ފަރާތުން ލިބޭ އެހީ ސައުދު ފާހަގަ ކުރާ އިރު އޭނާ ބުނީ ލަންދޫ ރައްޔިތުންގެ ވަރަށް ގިނަ މީހުން އެ މަސައްކަތަށް އަންނަން ބޭނުންވި ނަމަވެސް ދޯނީގެ ޖާގަ ހުރި ވަރުން އާދެވުނީ 54 މީހުންނަށް ކަމަށެވެ. އެހެންނަމަވެސް ބަނދަރަށް ރަށު ރައްޔިތުން ނިކުތް ކަމަށާއި މިވެނި ގެއަކުން މިވެނި މީހަކު ނުނިކުމެއޭ ބުނެވޭނެ އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށެވެ.