އިރުވައި މޫސުން ފެށުމާއެކު، ރަށުގެ ތެރޭގައި ލޮނުގަނޑު ބޮޑުވެ، އެކަމުގެ އުނދަގުލާ ކުރިމަތިލާން ޖެހިފައިވުމުން، ޒަމާނުއްސުރެ މ. ދިއްގަރުގެ ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް، އެ ރަށު ކައުންސިލްގެ ރައީސް އަހްމަދު ނިޝާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ދިއްގަރުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނިޝާން ވިދާޅުވީ، ރަށުގައި ލޮނުގަނޑު ބޮޑުވުމުގެ ސަބަބުން ދިމާވެފައިވާ ދަތިތަކާ ހެދި އެ ރަށުގެ ރައްޔިތުން އުޅެމުން ދިޔައީ ހާލުގައި ކަމަށެވެ.

"ހާއްސަކޮށް އިރުވައި މޫސުމުގަ، އިރުވައި މޫސުމުގެ އުދަ، އެ ރާޅުތައް، އެ ރާޅުތަކުގެ ތެރޭގަ ބޮޑެތި ތަކްލީފުތަކެއް ދިއްގަރު ރައްޔިތުން އުފުލައިފި." ނިޝާން ވިދާޅުވިއެވެ.

ނިޝާން ފާހަގަކުރެއްވި ގޮތުގައި، ރާޅުގެ އުނދަގުލުގެ ސަބަބުން، ކާބަފައިން ގަލުން ބާޑި ޖަހައި ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް އެ މަސައްކަތް ކޮންމެ ދުވަހަކު ވެސް ކުރަން އޭރު ޖެހުނު ކަމަށާއި ސަބަބަކީ އެ މަސައްކަތް ޖެހިގެން އަންނަ ދުވަހު ހަލާކުވެގެން ދާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަތީޖާއެއްގެ ގޮތުން ދިއްގަރަށް އުދަ އަރާ ދުވަސްވަރު، ރަށުގެ ދެބައިކުޅަ އެއްބަޔަށް އަސަރުކޮށް ތަކެއްޗަށް ގެއްލުންވާ ކަން ނިޝާން ފާހަގަކުރެއްވިއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތުގައި ދިއްގަރުގައި ލޮނުގަނޑު ބޮޑުވެ، ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމަށް އެ ރަށުގެ ރައްޔިތުން މީގެ ކުރީ ސަރުކާރުތަކުގައި ވެސް އެދިފައިވާނެއެވެ. އެމަނިކުފާނު ވިދާޅުވީ، ދިއްގަރު ރައްޔިތުންގެ އެ އެދުމަށް އަމަލީ ސިފަ ގެނެސްދޭން އޭރުގެ ސަރުކާރުތަކުން ވައުދު ވެސް ވެފައި ވާނެއެވެ.

ދިއްގަރުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ / ފޮޓޯ: ރައީސް އޮފީސް

"އެހެންނަމަވެސް މިއަދު އިރާދަކުރެއްވިއްޔާ މި ވަނީ ތިބޭފުޅުންގެ އެ ދުވަސްވީ ތަކްލީފަށް ހައްލެއް އިރާދަކުރެއްވިއްޔާ ގެނެސްދެވިފަ."

ހަމަ އެއާއެކު، ދިއްގަރުގެ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 17 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، އިތުރު އަށް ހެކްޓަރާ އެކު ޖުމްލަ 25 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭ ނިންމާލާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ދިއްގަރުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން، 25 ހެކްޓަރުގެ ބިން ހިއްކުމާއި، ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި، ބޭރުތޮށި ލުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

މ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ރައީސް ވަނީ އިއްޔެ ރަތްމަންދުއަށާއި މަޑުއްވަރީގެ އިތުރުން ދިއްގަރަށް ވަޑައިގެން، އެ ރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ކޮމިޓީތަކާ އެކު މަޝްވަރާ ކުރައްވައިފައެވެ.

އެ ދަތުރުފުޅުގައި މާދަމާ މުއްޔަށާއި ވޭވަށަށް ރައީސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.