މެލޭޝިއާގެ ތާރީހުގައި ހިންގާފައި އޮތް އެންމެ ބޮޑު އެއް ހިޔާނާތް ކަމުގައި ވާ، މެލޭޝިއާ ޑިވެލޮޕްމަންޓް ފަންޑް (1އެމްޑީބީ) ގެ 210 މިލިއަން ރިންގިޓް (46.8 މިލިއަން ޑޮލަރު) އަށް ހިޔާނާތްތެރި ވެވަޑައިގެން ޖަލަށް ލާފައި ހުރި ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގަށް އިއްވާފައި އޮތް 12 އަހަރުގެ ޖަލު ހުކުމް އެގައުމުގެ އެންމެ މަތީ ކޯޓުން ދަމަހައްޓައިފިއެވެ.
ނަޖީބް ރައްޒާގް ހިޔާނާތުގެ ކުށުގައި 12 އަހަރަށް ޖަލަށް ލީ 2020 އަހަރުއެވެ.
އުމުރުން މިހާރު 69 އަހަރުގެ ނަޖީބު ބޮޑުވަޒީރަށް ހުންނެވި އިރު ހިނގަމުން ދިޔަ އެ ފަންޑުން 4.5 ބިލިއަން ޑޮލަރުގެ ހިޔާނާތް ހިންގާފައި ވާކަމަށް ދައުލަތުގެ ވަކީލުން ބުނެފައި ވެއެވެ. އެ ހުރިހާ ހިޔާނާތެއް އަދި ސާބިތު ކުރެވިފައި ނުވާ އިރު ނަޖީބުގެ މައްޗަށް ސާބިތުވި މަނީ ލޯންޑަރިންގެ ކުށުގެ ހުކުމާއެކު 45 މިލިއަން ޑޮލަރުގެ ޖޫރިމަނާވެސް މަތީ ކޯޓުން ވަނީ ދަމަހައްޓާފައެވެ.
ނަޖީބަށް 2018 ވަނަ އަހަރު އިންތިހާބުގައި ނާކާމިޔާބުވެ ވެރިކަން ގެއްލުނީ އެ ފަންޑުން އެތައް ބިލިއަން ޑޮލަރެއްގެ ހިޔާނާތް ވެވަޑައިގެން، ނަޖީބާއި އޭނާގެ ބައިވެރިންގެ މުއްސަނދިކަން ފުޅާކޮށް އަގުބޮޑު ގެދޮރާއި މުދަލާއި އަގުބޮޑު އާޓް ފަދަ ތަކެތި ވެސް ގަނެފައި ހުރިކަން ފަޅާއެރުމުންނެވެ. އަދި އެ ތުހުމަތުތަކާއެކު ހިންގި ތަހުގީގުން ނަޖީބުގެ އަމިއްލަ އެކައުންޓަށް 10 މިލިއަން ޑޮލަރު ޖަމާކޮށްފައި އޮތްކަންވެސް ވަނީ ސާބިތުވެފައެވެ.
12 އަހަރުގެ ޖަލު ހުކުމާއި ޖޫރިމަނާ ނަޖީބުގެ މައްޗަށް ދަމަހައްޓާފައި ވާއިރު، މިހާރުވެސް އޭނާގެ މައްޗަށް އުފުލާ، ކުރިއަށް ދާ އިތުރު ދައުވާތައްވެސް އެބަހުއްޓެވެ.
މެލޭޝިއާގެ ތާރީހުގައިވެސް އެގައުމުގެ ލީޑަރެއްގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވި ފުރަތަމަ ލީޑަރަކަށް ނަޖީބު ވި އިރު، މަގާމުގެ ބާރު ނާޖާއިޒު ގޮތުގައި ބޭނުން ކުރައްވައިގެން އިތުބާރު ގެއްލުވާލުމުގެ ޖިނާއީ ކުށުގެ 3 ދައުވާއަކަށް 10 އަހަރާއި މަނީ ލޯންޑާ ކުރުމުގެ 3 ދައުވާއަކަށް 10 އަހަރު ހިމެނޭ ގޮތަށް ޖުމްލަ 20 އަހަރުގެ ހުކުމެއް އޮތް ނަމަވެސް ދަށު ކޯޓުން އޭރު ހުކުމް އިއްވީ ގަނޑުކޮށް ހުކުމް ތަންފީޒު ކުރާ ގޮތަށް 12 އަހަރަށެވެ.
ނަޖީބާ ދެކޮޅަށް ޖުމްލަ 681 މިލިއަން ޑޮލަރުގެ ދައުވާ ހުށަހަޅާފައި އެބައޮތެވެ. އަދި 1އެމްޑީބީގެ ކުރީގެ 7 އޮފިސަރެއްގެ މައްޗަށްވެސް ވަނީ ދައުވާ އުފުލާފައެވެ.
ޔާމީނުގެ އެކައުންޓްގައިވެސް ހުރީ ފަޅުތަކާއި ރަށްތައް ވިއްކައިގެން ލިބުނު ފައިސާކަން ނޭގޭ ކުޑަކުއްޖެއްވެސް ނެތެވެ. އެކަމަކު މިތަނުގެ ކޯޓުތަކުން ސާބިތެއް ނުކުރެވެއެވެ. މީ ކެހެނަކުން ވޫ ކަމެއްބާއެވެ؟