ފެށުނީންސުރެ ވެސް ރާއްޖޭގައި އޮންނަން ޖެހޭނީ ރިޔާސީ ނިޒާމު ކަމަށް ތާއިދުކުރައްވާ ކަމުގައި އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަމުން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ބަރުލަމާނީ ނިޒާމު ގެންނެވުމުގައި މިނިސްޓަރު ފައްޔާޒްގެ ތާއީދު ވެސް ބޭނުންފުޅުވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން ކަމަށާއި ބަރުލަމާނީ ނިޒާމު ގެނައުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި ރާއްޖޭގައި އޮންނަން ފެންނަނީ ބަރުލަމާނީ ކަމަށް ފާސްވެއްޖެނަމަ ގާނޫނުއަސާސީއަށް އިސްލާހު ގެންނަން އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. އަދި ކޮންގްރެސްއިން އެ ހުށަހެޅުން ފާސްވާނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް ކުރާ މަސައްކަތުގައި ފައްޔާޒްގެ ތާއީދު ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި ފައްޔާޒަކީ ކަންކަން ކުރައްވާ ހިންގުންތެރި ބޭފުޅެއް ކަމަށާއި ފައްޔާޒާއެކު މަސައްކަތް ކުރުމަށް ބޭނުންވާ ކަމަށެވެ.

އެކަމާ ގުޅިގެން "ދަ ޕްރެސް" އިން ކުރި ސުވާލަށް ފައްޔާޒު ވިދާޅުވީ އޭނާއަކީ ފެށުނީއްސުރެ ދިވެހި ރާއްޖޭގައި އޮންނަން ޖެހޭނީ ރިޔާސީ ނިޒާމް ކަމަށް ތާއީދުކުރައްވާ މީހެއް ކަމަށެވެ.

ނަޝީދު މިއަދު ފައްޔާޒުގެ ތާއީދު ބޭނުންވާ ކަމަށް ވިދާޅުވެފައިވާއިރު ދާދި ފަހުން ނަޝީދު ވަނީ ފައްޔާޒް އިސްމާއިލް އާ ދެކޮޅަށް މަސައްކަތް ކުރެއްވުމަކީ ކުރެއްވުނު ގޯސް ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި ފައްޔާޒާ އިދިކޮޅަށް ދެން ނާރުއްވާނެ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ނަޝީދު ވަނީ މީގެ ކުރިން އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ތެރޭގައި ފައްޔާޒަށް ތަފާތު އެކި ތުހުމަތުތައް ކުރައްވާފައެވެ.