ޒިންމާދާރު އޮޕޮޒިޝަން ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ މަސައްކަތް ކުރާނެ ކަމަށާއި ނަމަވެސް 2013 ގައި ގައުމު އޮތް ހާލަތަށް އަލުން ދާން ޖާގަ ނުދެއްވާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި މި ސަރުކާރުގެ އެކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ޕީޕީއެމް، ޕީއެންސީ އިން ހޯދި ކާމިޔާބީ ފާހަގަ ކުރުމަށް މާލެ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޒިންމާދާރު ކަމާއެކު އޮޕޮޒިޝަންގެ ގޮތުގައި އެމްޑީޕީ އޮތުމަށް އެދިވަޑައިގެންފައެވެ. އަދި ޒިންމާދާރު އޮޕޮޒިޝަން އަކީ ގައުމީ ބޮޑެތި ކަންކަމުގައި ސަރުކާރާ އެއްގަލަކަށް އެރުމާއެކު، ސަރުކާރު ޒިންމާދާރު ކުރުވުމަށް ފާޑު ކިޔުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒުގެ މި ވާހަކަތަކާ ގުޅިގެން ފައްޔާޒު ވިދާޅުވީ ޑރ. މުއިއްޒުގެ އެދިވަޑައިގަތުމާ އެއްގޮތަށް ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ދެމިތިބޭނެ ކަމަށެވެ. މީގެ އިތުރުން ފައްޔާޒު ވިދާޅުވީ މުއިއްޒުގެ ސަރުކާރަކީ ވެސް އެމަނިކުފާނު ވައުދު ވެވަޑައިގެންނެވި ގޮތަށް ޑިމޮކްރަސީގެ ހަމަތަކުގެ ތެރެއިން ދެ ފުށް ފެންނަ ގޮތެއްގައި މަސައްކަތްކޮށް ރައްޔިތުންނަށް ވީ ވައުދު ފުއްދާނެ ސަރުކާރަކަށް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
"2013ވަނަ އަހަރު އައި ޕީޕީއެމްގެ ސަރުކާރާއެކު ފެނުނު އަނިޔާވެރިކަމާއި ހުދުމުހުތާރު ކަމުގެ ތެރެއަށް އަލުން އިއާދަވާ މަންޒަރު ބަލަން ކެތްކޮށްގެން ނުތިބޭނަން" ފައްޔާޒު ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމުން އެމްޑީޕީ ލީޑާޝިޕްގައި ހިމެނޭ ބައެއް މެންބަރުން މުއިއްޒު އަށް މަރުހަބާ ދަންނަވާފައި ވާއިރު ރައީސް އިބްރާހީމް ސޯލިހް ވިދާޅުވީ މިހާރު ކުރެވެމުން ދަނީ ސުލްހަވެރިކަމާ އެކު ވެރިކަމުގެ ބާރުތައް ބަދަލުކުރުމުގެ މަސައްކަތް ކަމަށެވެ.
ޒިންމާދާރު ކިތަންމެވަރަކަށް ކުރިއަސް މަނިކުފާނުގެ މިނިސްޓަރީން ގާނޫނާޚިލާފަށް ކޮށްފަހުރިކަންތައް ބަލާ ފިއަވަޅު އެޅޭނެ އެއީ އަނިޔާވެއްޖެއިޔާ ކުރާނެ ކަމެއްނެެއް