އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅޭ 80 ވަރަކަށް މިލިއަން ޑޮލަރު ނުވަތަ 1.2 ބިލިއަން ރުފިޔާގެ ތެރެއިން ބޮޑު އަދަދެއް ސިންގަޕޫރުގެ ޕޯސްޓްބޮކްސް އެއްގައި ހުރި ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ ގާތުގައި ވިދާޅުވި ކަމަށް އޭނާ ރައީސް ޔާމީނަށް ދެންނެވި ކަމަށް ވިދާޅުވެއްޖެއެވެ.

3 އަހަރަށް ފަހު އާންމުކޮށް ނޫސްވެރިންނާ ބައްދަލު ކުރައްވާ، މިރޭ ރައީސް ޔާމީން ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި އޭރުގެ ނައިބު ރައީސް ހައްޔަރު ކޮށް ފެށި ތަހުގީގުގެ ތެރެއިން އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަ ބަލަމުން ދިޔަ އިރު، އެ ފައިސާގެ ބޮޑުބައެއް ސިންގަޕޫރުގެ ޕޯސްޓްބޮކްސް އެއްގައި ހުރި ކަމަށް އަދީބު، ލުތުފީ ގާތުގައި ވިދާޅުވި ކަމަށާއި، ނަމަވެސް އެ ޕޯސްޓްބޮކްސް ހުުޅުވޭނީ އަދީބުގެ ލޯ ސްކޭން (ލޮލުގެ ރެޓީނާ ސްކޭން) ކޮށްގެން ކަމަށް ވިދާޅުވި ކަމަށެވެ.

އޭރު އަދީބު ހުންނެވީ ރައީސް ޔާމީން، ހައްޖުން ވަޑައިގެންނެވި އިރު އިންނެވި ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގޮއްވާލި ހާދިސާގެ ތުހުމަތަށް ހައްޔަރު ކޮށްފައެވެ. އެއާއެކު އޭރު ނިއުޅެމުން ދިޔަ މައްސަލަތަކުގެ ތެރެއިން އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅޭ އެ މައްސަލަގައި ލުތުފީ ދެންނެވި ވާހަކައަކަށް ޔާމީން ދެއްވި ޖަވާބުގައި، އަދީބު ސިންގަޕޫރަށް ފޮނުއްވައިފި ނަމަ، ފިއްލެވުމުގެ ފުރުސަތު އޮތް ކަމަށާއި، އެ ފައިސާވެސް ނުލިބުމުގެ ފުރުސަތު އޮތް ކަމަށް ލުތުފީއަށް ދެންނެވި ކަމަށް ވިދާޅުވިއެވެ.

"އަދިވެސް ލުރުފީ ގަބޫލު ކުރައްވާ އެއީ ތެދެއް ކަމަށް، އައި ޑޯންޓް ނޯ"
ރައީސް ޔާމީން

ޔާމީން ވިދާޅުވީ، އަދީބު ލުތުފީއަށް ދެންނެވި ވާހަކަ އޭނާ އަދިވެސް ގަބޫލު ކުރައްވާ ކަމަށާއި، ނަމަވެސް އެއީ ތެދެއްކަން ނުވަތަ ދޮގެއްކަންވެސް އެމަނިކުފާނަށް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

ރައީސް ޔާމީން، މިރޭ ވިދާލުވީ، އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅޭ މައްސަލަތައް ބަލައި މިސަރުކާރުން ރަނގަޅަށް ތަހުގީގު ނުކުރާ ކަމަށާއި، 80 ވަރަކަށް މިލިއަން ޑޮލަރަށް ވުރެ މާ ބޮޑު އަދަދެއް ގެއްލިގެން އުޅޭ އިރު، އެންމެ 1 މިލިއަން ޑޮލަރާ ހެދި އެމަނިކުފާނު ފަހަތުން އުޅޭ ކަމަށެވެ. އަދި އެތައް ބަޔަކު ކުރި ކަމެއްގައި ޖަވާބުދާރީ ވާން ޖެހޭ މުއައްސަސާތަކާއި މުވައްޒަފުން ތިއްބާ، ރައީސްކަން ކުރެއްވި ބޭފުޅަކު ހުރިހާ ޒިންމާއެއް އުފުލަން ޖެހުމަމީ އުސޫލެއް ނޫން ކަމަށެވެ.

އެމްއެމްޕީއާރުސީ ހިޔާނާތަކީ، ރާއްްޖޭގެ ފަހުގެ ތާރީހުގައި ހިންގާފައި އޮތް އެންމެ ބޮޑު ވައްކަމެކެވެ. ރާއްޖޭގެ ފަޅުތަކާއި ރަށްތައް ނުއަގުގައި ވިއްކާ، ދައުލަތަށް ވަންނަން ޖެހޭ ފައިސާ އަމިއްލަ ބައެއްގެ އެކައުންޓްތަކަށް ވައްދާ، ބޮޑެތި އަދަދުތަކުން ކޮށްފައި އޮތް ވައްކަމެކެވެ.

އެ ވައްކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން، ޔާމީން އިތުރަށް ވިދާޅުވީ، މައްސަލަ އުފެދެނީ، އެމަނިކުފާނަށް މީހަކު ދިން 5 މިލިއަން ޑޮލަރުގެ ތެރެއިން 1 މިލިއަން ޑޮލަރު އެމަނިކުފާނަށް ދެއްވާފައި 4 މިލިއަން ޑޮލަރު އަދީބު ފޮރުވުމުން އެ ހޯއްދަވަން އުޅުއްވި ހިސާބުން ކަމަށެވެ. ޔާމީން އިތުރަށް ވިދާޅުވީ، އެއީ އެމަނިކުފާނުގެ ސިޔާސީ މަސައްކަތަށް ލިބިވަޑައިގެންނެވި ފައިސާ ކަމަށާއި އެފައިސާ އަކީ އެމަނިކުފާނުގެ ފައިސާ ކަމަށެވެ. އެހެން ކަމުން އެފައިސާ ހޯއްދަވަން ނޫޅުއްވަން ވީ ސަބަބެއް ނެތް ކަމަށެވެ.