ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަށް އަމާޒުކޮށް އެ ސަރަހައްދުގައި އިމާރާތް ކުރަމުންދާ ކާމިލް ދީދީ ޕްރައިމަރީ ސްކޫލް، އަންނަ ސެޕްޓެމްބަރު މަހު ހުޅުވޭ ވަރު ވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އެ ސްކޫލަކީ ޕްރީ ސްކޫލެއްގެ ގޮތުގައި ހުޅުވަން ނިންމި ސްކޫލެއް ކަމަށާއި ނަމަވެސް އެ ސްކޫލް ޕަރައިމަރީ ސްކޫލެއްގެ ގޮތުގައި ހުޅުވަން މިހާރު ނިންމާފައި ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމަށް ކަމަށެވެ. އެ ސްކޫލަށް ދީފައިވާ ނަމަކީ ކާމިލް ދީދީ ޕްރައިމަރީ ސްކޫލް ކަމަށާއި އެ ސްކޫލްގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހުގެ 12 އަށް ނިންމާލެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.
12 ކްލާސް ރޫމާ އެކު އެ ސްކޫލް ހުޅުވާ އިރު، އެ ސްކޫލަށް ވައްދާ ދަރިވަރުން ވެސް މިހާރު ވަނީ ހޮވާފައި ކަމަށް އެޑިއުކޭޝަނުން ބުނެއެވެ. އެ ދަރިވަރުން ދިރާސީ އާ އަހަރު ފެށުމާ އެކު ކިޔަވަން އަދި ދާނީ ހުޅުމާލޭގައި މިހާރު ހިންގަމުންދާ ސްކޫލްތަކަށް ކަމަށާއި ނަމަވެސް ސެޕްޓެމްބަރު މަހު އެ ސްކޫލް ހުޅުވުމުން އެ ދަރިވަރުން ކާމިލް ދީދީ ޕަރައިމަރީ ސްކޫލަށް ކިޔަވަން ދާނެ ކަމަށް އެޑިއުކޭޝަން އިން ބުނެއެވެ. މިކަމާ ގުޅޭ ގޮތުން އެ ސްކޫލަށް ދާ ދަރިވަރުންގެ ބެލެނިވެރިންނާ ބައްދަލުކޮށް ސްކޫލަށް ކުދިން ދިއުމުގެ ކަންކަމާއި ޔުނީފޯމާ ގުޅޭ ގޮތުން ވާހަކަތައް ވާނީ ހިއްސާ ކޮށްފައި ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
އެ ގޮތުން މި އަހަރު ފެށޭ އިރު މިހާރު ދާ ސްކޫލެއްގެ ޔުނީފޯމްގައި ދަރިވަރުން ތިބި ނަމަވެސް އެ ޔުނީފޯމާ އެކު ކާމިލް ދީދީ ޕްރައިމަރީ ސްކޫލަށް ދެވޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެޑިއުކޭޝަން އިން ބުނެއެވެ. މިކަން ބެލެނިވެރިންނަށް ވެސް އަންގާފައި ވާނެ ކަމަށާއި އާ ސްކޫލަށް ދާން ޖެހި އާ ޔުނީފޯމެއް އަނެއްކާ ހޯދަން ޖެހުމުގެ ތަކުލީފް ބެލެނިވެރިންނަށް ނުޖެހޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
އެޗްޑީސީން ބުނީ އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން އަޅާ ސްކޫލުގައި 24 ކްލާސް ރޫމް ހެދުމަށް ހަމަޖެހިފައިވާ ކަމަށާއި އެހެންނަމަވެސް އެ ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގެ ދަށުން 12 ކްލާސް ރޫމް މި މަހު ނިންމާލެވޭނެ ކަމަށެވެ. މިހާރު އެ ސްކޫލްގެ 90 ޕަސެންޓް މަސައްކަތް ވަނީ ނިމިފައި ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.
އެ ޕްރީސްކޫލް ހުޅުވުމަށް އެތަނަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް މިނިސްޓްރީން އިއުލާން ކޮށްފައިވާ އިރު ޖުމްލަ 50 ވަޒީފާއަކަށް ވަނީ ހުޅުވާލާފައެވެ. ހުޅުމާލޭގައި މީހުން އާބާދުވަމުން އަންނަ އިރު، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސްކޫލެއް ނެތުމުން އެކަމުގެ ތަކުލީފް އުފުލާ އަދި އެ ކަންބޮޑުވުންތައް ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ. ކާމިލް ދީދީ ސްކޫލް ނިމުމުން ގިނަ ދަރިވަރުންތަކަކަށް އެ ސްކޫލަށް ދެވުން ވެގެން ދާނީ މި މައްސަލަލައަށް ލިބިގެން ދާނެ ހައްލަޖަށެވެ.