އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އިންޑިއާއަށް ކުރެއްވި ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވައިލައްވައި މާލެއަށް ވަޑައިގެންފިއެވެ.

ރައީސް ސޯލިހް އިންޑިއާއަށް ކުރެއްވި މި ދަތުރުފުޅުގައި އެ މަނިކުފާނު ވަނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށާއި މުމްބާއީއަށް ޒިޔާރަތްކުރައްވާފައެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ފުރަތަމަ ވަޑައިގެންފައި ވަނީ ނިއުދިއްލީއަށެވެ. ނިއުދިއްލީގައި އެމަނިކުފާނު ވަނީ އިންޑިއާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދު ރަސްމީ ވާހަކަފުޅުތައް ބާއްވަވާފައެވެ.

އެ ބައްދަލު ކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ދެމެދު މީގެކުރިން އަދި މިހާރު ވެފައިވާ އެއްބަސްވުންތަކާ ގުޅޭ ގޮތުންނާއި ދެ ގައުމުގެ ގުޅުންތައް އިތުރަށް ބަދަހި ކުރުމާ ގުޅޭ ގޮތުންނާއި އަދި ކުރިމަގުގައި އިތުރަށް ގުޅުން ބަދަހި ކުރެވިދާނެ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. މި ދަތުރުފުޅުގައި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ގުޅުންބަދަހި ކުރުމާގުޅޭ ތަފާތު 6 އެއްބަސްވުމެއް ބަދަލުކުރެވުނެވެ. މި އެއްބަސްވުންތަކުގެ ތެރޭގައި، ތަމްރީނާއި ގާބިލުކަން އިތުރުކުރުމާއި ތަރައްގީގެ މުހިންމު މަޝްރޫއުތަކަށް ފައިނޭންސް ކުރުމުގެ އެއްބަސްވުންތައް ހިމެނެއެވެ.

އަދި މި ދަތުރުފުޅުގައި ރައީސް ސޯލިހް އާއި އިންޑިއާގެ ބޮޑުވަޒީރު ވަނީ ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވާފައެވެ. ގްރޭޓާ މާލެ ކަނެކްޓިވިޓީ މަޝްރޫއުގެ ތެރޭގައި ހިމެނެނީ، މާލެ އާއި ވިިލިމާލެ، ވިލިމާލެ އާއި ގުޅީފަޅު، އަދި ގުޅީފަޅާއި ތިލަފުށި ބްރިޖްތަކަކުން ގުޅާލުމާއި، މި ބްރިޖްތަކާއި ގުޅޭ، މަގުތައް ހެދުމެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކުގެ 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓާއި އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން ކުރިޔަށް ގެންދާ މަޝްރޫއެކެވެ.

ރައީސް ސޯލިހް ވަނީ، އިންޑިއާގެ އެގްޒިމް ބޭންކް މެދުވެރިކޮށް މީގެ ކުރިން ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓަށް އިތުރު 100 މިލިއަން ޑޮލަރު ލިބޭނެ މަގު ފަހިކޮށްދެއްވާފައި ވާތީ އެކަމަށްޓަކައި އިންޑިއާ ސަރުކާރަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި މީގެ އިތުރުން މާލެ ސަރަޙައްދުގައި ތަރައްގީ ކުރުމަށް ނިންމާފައިވާ 4000 ހައުސިން ޔުނިޓްގެ އިތުރުން، އިތުރު 2000 ސޯޝަލް ހައުސިން ޔުނިޓް އިމާރާތް ކުރުމަށް އެގްޒިމް ބޭންކުން ފައިނޭންސް ހަމަޖައްސަވާފައި ވާތީ އެކަން ވެސް ފާހަގަކުރައްވާފައި ވެއެވެ. މީގެ އިތުރުން ދިވެހި ސިފައިންގެ އުމްރާނީ ވަސިލަތްތަކާއި، އުޅަނދު ފަހަރާއި، އާލާތްތައް ތަރައްގީ ކުރުމަށް އިންޑިއާ ސަރުކާރުން ދޭ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރައްވައި ރައީސް ސޯލިހް ވަނީ އިންޑިއާގެ ބޮޑުވަޒީރަށް ޝުކުރު އަދާކުރައްވާފައެވެ.

ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވުމަށް ފަހު ދެ ބޭފުޅުން ވަނީ މީޑިއާއާ ބައްދަލު ކުރައްވައި ގުޅިފައިވާ ބަޔާނެއް ދެއްވާފައެވެ. ގުޅިފައިވާ ބަޔާން ދެއްވަމުން ރައީސުލްޖުމްހޫރިއްޔާއާ އިންޑިއާގެ ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި މި ސަރަހައްދުގެ ސުލްހައާއި ތަރައްގީއަށް ދެ ގައުމުން ވެސް ގެންގުޅޭ ތަސައްވުރު އެގޮތުގައި ދެމި އޮންނާނެކަމުގެ ޔަގީން ކަން ދެއްވާފައި ވެއެވެ. ޖޮއިންޓް ސްޓޭޓްމަންޓަށް ފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ޝަރަފުގައި އިންޑިއާގެ ބޮޑުވަޒީރު ދެއްވި ރަސްމީ ޖާފަތުގައި ބައިވެރިވެވަޑައިގެންފައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާގެ ރައީސް ދްރައުޕަތީ މުރްމުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ. މި ބައްދަލުކުރެއްވުން އޮތީ އިންޑިއާގެ ރައީސްގެ ރަސްމީ ގަނޑުވަރު ރާޝްތުރަޕަތީ ބަވަންގައެވެ. އިންޑިއާގެ ރައީސްއާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާގެ ރައީސްގެ މަގާމަށް އެކަމަނާ ވަޑައިގެންނެވުމާ ގުޅިގެން މަރުހަބާ ވިދާޅުވެފައެވެ. އަދި އެކަމަނާގެ ދައުރުގައި ރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިންޑިއާގެ މިނިސްޓާ އޮފް އެކްސްޓާނަލް އެފެއާޒް ޑޮކްޓާ ސުބްރަމާނިއަން ޖަޔަޝަންކަރު އިހްތިރާމުގެ ޒިޔާރަތެއް ކުރައްވާފައި ވެއެވެ.

މި ދަތުރުފުޅުގައި ނިއުދިއްލީއަށް ފަހު ދެން އެމަނިކުފާނު ވަޑައިގެންނެވީ މުމްބާއީ އަށެވެ. ރައީސުލްޖުމްހޫރިއްޔާއާ އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުން މުމްބާއީއަށް ވަޑައިގެންނެވުމުން، މަރުހަބާ ދަންނަވައި، މަހާރަޝްތުރާގެ ގަވަރުނަރު ޝްރީ ބަގަތު ސިންގް ކޮޝަޔާރީ ވަނީ ރައީސުލްޖުމްހޫރިއްޔާއަށް މެންދުރުގެ ހާއްސަ ފަރިއްކޮޅެއް ދެއްވާފައެވެ. މި ފަރިއްކޮޅުގައި، ރައީސް ސޯލިހާއި މަހާރާޝްތްރާގެ ގަވަރުނަރު ވަނީ، ދެ ގައުމުގެ މަސްލަހަތު އޮތް މުހިންމު މައުޟޫތަކުގައި ވާހަކަފުޅު ދައްކަވައި ކުރިމަގުގައި ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އިންޑިއާގެ ނިއުދިއްލީއާއި މުމްބާއީގައި ބޭއްވި އިންޑިއާ – މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ބައިވެރިވެވަޑައިގެންފައެވެ. މިގޮތުން ނިއުދިއްލީގައި ބޭއްވި ބިޒްނަސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ އިންޑިއާގެ ވިޔަފާރިވެރިން، ދިވެހިރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުސަތުތަކުގެ ބޭނުން ހިފައި ރާއްޖޭގައި އިންވެސްޓްކުރުމަށް ދައުވަތު ދެއްވާފައެވެ.

ހަމައެއާއެ އެމަނިކުފާނު ވަނީ ބޮމްބޭ ސްޓޮކް އެކްސްޗޭންޖަށް ޒިޔާރަތް ކުރައްވައި އެތަނުގެ ބޯޑު މެންބަރުންނާއި މެނޭޖްމަންޓް ސްޓާފުންނާ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާފައެވެ. މި މަޝްވަރާތަކުގައި ބޮމްބޭ ސްޓޮކް އެކްސްޗޭންޖުގެ ފަރާތުން ވަނީ ރާއްޖޭގެ ސްޓޮކް މާކެޓު ތަރައްގީކޮށް ކުރިއެރުވުމުގައި ގުޅިގެން މަސައްކަތް ކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މި ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން އެމަނިކުފާނު ވަނީ އިންޑިއާގެ ދެވަނައަށް އެންމެބޮޑު ކޮންޓެއިނާ ހޭންޑްލިން ޕޯޓް ކަމުގައިވާ ޖަވާހިރްލާލް ނެހުރޫ ޕޯޓް ޓްރަސްޓް (ޖޭއެންޕީޓީ) އަށް ޒިޔާރަތް ކުރައްވާފައެވެ. މި ޒިޔާރަތުގައި، ޖޭއެންޕީޓީގެ ޗެއާމަން ސަންޖޭ ސެތީ ވަނީ، ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނާއެކު ބަނދަރުގެ މުހިންމު ތަންތަނަށް ވަޑައިގެން ބަނދަރުގެ ތާރީހާއި އެތަނުގައި ހުރި ވަސީލަތްތަކާއި ބަނދަރުގެ މަސައްކަތްތައް ކުރިޔަށްދާ ގޮތުގެ މައުލޫމާތު ހިއްސާ ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި މި ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ދަތުރުފުޅެއް ކަމަށް ސަރުކާރުން ބުނެއެވެ. އަދި އިންޑިއާއަކީ ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސޯދީ ތަރައްގީގައި މުހިންމު ދައުރެއް އަދާ ކުރާ ބައިވެރިއެއް ކަމަށް ވެސް ސަރުކާރުން ބުނެއެވެ.