ރާއްޖޭގައި ހުރި ގިނަ ނުރަނގަޅު ކަންކަމުގެ އަސްލަކީ ވެރިކަމުގެ ނިޒާމު ކަމަށާއި، އެއީ ވަކި ވެރިއެއްގެ މައްސަލައެއް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ބަދުވެސް ބަރުލަމާނީ ނިޒާމަށް ތާއީދުކުރައްވާ ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގައި ހުރި ގިނަ ނުރަނގަޅު ކަންކަމުގެ އަސްލަކީ ރިޔާސީ ނިޒާމުކަމަށެވެ. ބަރުލަމާނީ ނިޒާމާއި، ޕްރިފަރެންޝަލް ނުވަތަ ގިނަ ވޯޓު ދެވޭ ނިޒާމަކަށް ބަދަލުވެވިއްޖެނަމަ އެތައް ކަމެއް އިސްލާހުވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އެމްޑީޕީގެ ވެރިކަމުގައި، އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއި ނަޝީދު އާއި ދެމެދު އެންމެ ބޮޑު ހިޔާލު ތަފާތުވުމެއް އުފެދުނު އެއް މައްސަލައަކީ ވެރިކަމުގެ ނިޒާމުގެ މައްސަލަކަން ފާހަގަކޮށްލެވެއެވެ. މި ހަމަނުޖެހުންތަކާއެކު މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ނަޝީދު ވަނީ ބަރުލަމާނީ ނިޒަމު ރައްޖެއަށް ގެނައުމަށް ވަރަށް ބޮޑަށް ވަކާލާތުކުރައްވާފައެވެ.