އެމްޑީޕީގެ މެންބަރުންގެ މައްޗަށް ކުރާ ދައުވާތަކަކީ ޕާޓީގެ އަޑު ކަނޑުވާލަން ހިންގާ ފިނޑި އަމަލެއް ކަމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިފަދައިން ވިދާޅުވެފައި ވަނީ އެމްޑީޕީން މާލޭގައި ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާތަކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކާ ގުޅިގެން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމްގެ މަންމަ، މަރިޔަމް ޒުބެއިރު (މަންދީ) އާއި އެމްޑީޕީ އަދި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ މައްޗަށް ދައުވާކުރަން ފެމިލީ ކޯޓަށާއި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމާ ގުޅިގެންނެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ސޯލިހް ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އަދި ޕާޓީގެ އިސް ހިދުމަތްތެރީންގެ މައްޗަށް ސިޔާސީ ބޭނުމަށް އެކި ނަންނަމުގައި ކުރާ ދައުވާތަކަކީ އެމްޑީޕީގެ އަޑު ކަނޑުވާލުމުގެ މަގުސަދުގައި ހިންގާ ފިނޑި އަމަލެއް ކަމަށެވެ.

މިއީ އެމްޑީޕީއަށް އާ ކަމެއް ނޫން ކަމަށާއި އެފަދަ ކަމަކުން އެމްޑީޕީއިން ކުޑަކޮށްވެސް ފަހަތަކަށް ނުޖެހޭނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އަސި އެކަތިގަނޑެއްގެ ގޮތުގައި ބަދަހިކޮށް ރައްޔިތުންގެ ހައްގުގައި އެމްޑީޕީއިން ކުރާ މަސައްކަތްތައް ކުރިއަށްދާނެ ކަމަށް ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ.

މިދިޔަ ރަމްޟާން މަހުގެ ތެރޭގައި އެމްޑީޕީއިން ސިލްސިލާކޮށް މާލޭގެ މަގުތަކުގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން މަންދީ ވަނީ ރާއްޖޭގައި ވޭޕް މަނާ ކުރީ ރައީސްގެ ދަރިކަލުން ވޭޕް ބޭނުން ކުރާކަން އެނގިގެން އެކަން ހުއްޓުވުމަށް ކަމަށް ވިދާޅުވެ ސާބިތު ނުހިފޭ ތުހުމަތެއް ކޮށްފައެވެ.

އެއާއެކު ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިވެފައި އޮތުމުގެ ހައްގު ނިގުޅައިގެންފައި ވާތީ މަންދީ އާއި އެމްޑީޕީ އަދި ފައްޔާޒްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައެއް ސިވިލް ކޯޓަށް ވަނީ ހުށަހަޅާފައެވެ. އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބައިންލައަގްވާމީ މުއާހަދާ އިން ކުޑަކުދިންނަށް ކަށަވަރުކޮށްދީފައިވާ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގެންފައިވާތީ މަންދީ އާއި އެމްޑީޕީ އަދި ފައްޔާޒްގެ މައްސަލައެއް ފެމިލީ ކޯޓަށް ވެސް ހުށަހަޅާފައިވެއެވެ.

މި މައްސަލަތައް ހުށަހަޅާފައި ވަނީ ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ފަރާތްޕުޅުންނެވެ. މި މައްސަލަ ހުށަހަޅާފައި ވަނީ ރައީސްގެ ދަރިކަލުންނަށް ރައްކާތެރިކަން ހޯދުމަށް މަންމައެއްގެ ހައިސިއްޔަތުންނާއި މާދަމާ އެ މަގާމުތަކުގައި ތިބެދާނެ އެހެންކުދިންނަށް ރައްކާތެރިކަން ޔަގީންވެފައި އޮތުމަކީ ކޮންމެހެން ބޭނުންކަމެއް ކަމުގައި މެޑަމް ސާޖިދާ ދެކެވަޑައިގަންނަވާތީ ރައީސްގެ އާއިލާގެ ގާނޫނީ ވަކީލު އާޒިމާ ޝަކޫރު ވަނީ ވިދާޅުވެފައެވެ.