ޕީޕީއެމާއި ޕީއެންސީގެ ދާއިރާތަކުގެ އިސްވެރިން ހޮވަން ނިންމާ، މަގާމުތަކަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.

ޕީޕީއެމް ކޯލިޝަނުން ބުނީ، އިންތިހާބުގައި ހޮވާނީ ޕީޕީއެމް/ޕީއެންސީން 87 ދާއިރާގެ ރައީސުންނާއި، ޕީޕީއެމް/ޕީއެންސީން 87 ދާއިރާގެ ނައިބު ރައީސުންގެ އިތުރުން ކޮންމެ ރަށަކުން ޒުވާނުން ގޮފީގެ ރައީސްއެއް އަދި ކޮންމެ ރަށަކުން ޒުވާނުން އަންހެނުންގެ ގޮފީގެ ރައީސްއެއް ކަމަށެވެ.

މި އިންތިހާބު ބާއްވާނީ އަންނަ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު ކަމަށް އެ ޕާޓީން ބުނެއެވެ.

އިންތިހާބަށް ވާދަކުރާ ފޯމް ބަލައިގަންނާނީ މި މަހުގެ 13 އިން ފެށިގެން 25 އަށް ކަމަށް ޕީޕީއެމް ޕީއެންސީގެ އިންތިހާބާ ބެހޭ ކޮމިޓީން ވަނީ ބުނެފައެވެ. އަދި ވޯޓުލުމަށް ރީ-ރަޖިސްޓްރޭޝަނަށް އަންނަ މަހުގެ 15 ގައި ހުޅުވާލައި ހަތް ދުވަހުގެ މުއްދަތެއް ދޭނެ ކަމަށް ވަނީ ބުނެފައެވެ.

ޕީޕީއެމާއި ޕީއެންސީގެ ދާއިރާތަކުގެ އިސްވެރިން ހޮވަން އިންތުހާބެއް ބާއްވަން ނިންމާފައިވާ އިރު އަންނަ ރިޔާސީ އިންތިހާބަށް އެ ދެޕާޓީން އަންނަނީ ވަރަށް ބޮޑަށް ތައްޔާރު ވަމުންނެވެ. އެ ގޮތުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެނޑީޑޭޓަކީ ރައީސް އަބްދުﷲ ޔާމިން ކަން ވަނީ އިއުލާން ކޮށްފައެވެ. އަދި ރަސްމީކޮށް ރިޔާސީ ޓިކެޓު ހަވާލުކުރުމަށް މިމަހުގެ 19 ވަނަ ދުވަހު ބޮޑު ޖަލްސާއެއް ބޭއްވުމަށް އިދިކޮޅު ކޯލިޝަނުން ވަނީ ނިންމާފައެވެ.

ޕީޕީއެމް އިން ވަނީ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގެންފި ނަމަ މިހާރު ވެރިކަން ކުރާ މީހުންނަށް ވެރިކަން ނުލިބިދާނެ ކަމުގެ ބިރައްޓަކައި އެމަނިކުފާނު ޖަލަށްލުމަށް އަނެއްކާ ވެސް މައްސައްކަތް ފަށާފައިވާ ކަމަށް ބުނެފައެވެ.