ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޓެކްސީވޭގެ ގޮތުގައި މިހާރު ބޭނުންކުރަމުން އަންނަ ޓެކްސީވޭ-ޗާލީ އަލުން ތަރައްގީ ކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމައިފިއެވެ.

އެމްއޭސީއެލް އިން ބުނީ މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހިންގާފައިވާ ތަރައްގީގެ އެންމެ ބޮޑެތި މަސައްކަތް ކޮށްފައިވާ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) އާއި ކަމަށާއި، އެ ކުންފުންޏާއެކު އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު 16ގައި ކަމަށެވެ.

މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ 10 އޭޕްރިލް 2025 ގައި ކަމަށާއި، ހަތަރު ފިޔަވައްސަކަށް ބަހާލައިގެން ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމައި މިއަދު ހަވާލުކޮށްފައި ވަނީ ޝެޑިއުލްއަށްވުރެ 84 ދުވަސް ކުރިން ކަމަށްވެސް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.

އެމްއޭސީއެލް އިން އިތުރަށް ބުނީ މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ނިމުން ފާހަގަކުރުމަށް ހުޅުލޭ އައިލެންޑް ހޮޓެލްގައި މިއަދު ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާކަމަށާއި، އެ ރަސްމިއްޔާތުގައި މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ނިމުނުކަމުގެ ލިޔުން އެމްއޭސީއެލް އިން ވަނީ ބީޔޫސީޖީއާ ހަވާލުކޮށްފައި ކަމަށެވެ.

މި ލިޔުން އެމްއޭސީއެލްގެ ފަރާތުން ބީޔޫސީޖީއާ ހަވާލުކޮށްދެއްވާފައިވަނީ އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފެވެ. އަދި ބީޔޫސީޖީގެ ފަރާތުން ލިޔުމާ ހަވާލުވެވަޑައިގަތްފައިވަނީ ޕްރޮޖެކްޓް ޑިރެކްޓަރު ކަންގް ގުއަންގް ބޯއެވެ.

އެމްއޭސީއެލް އިން ބުނީ މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ ޗެއާ ޕާސަން އައިޝާ ނޫރައިން ޖަނާހު ވަނީ ޓެކްސީވޭ ޗާލީ ތަރައްގީކުރުމަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ސަފުހާއެއް ކަމަށާއި، އެ މަޝްރޫއު ނިމުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އޮޕަރޭޓްކުރާ ހުރިހާ އެއާލައިނަކަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވިދާޅުވެފައެވެ.

އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީގައި ބީޔޫސީޖީއަކީ މުހިންމު އިތުބާރު ކުރެވޭ ބައިވެރިއެއްކަން ފާހަގަކުރައްވާ ނޫރައިން ވަނީ އެކަމަށްޓަކައި އެ ކުންފުންޏަށް ޝުކުރު އަދާކުރައްވާފައެވެ.