ދުނިޔޭގެ އެކި ހިސާބުތަކުގައި މި ދުވަސްވަރު އާދަޔާ ހިލާފު ބާރު މިނުގައި ފެތުރެމުންދާ މަންކީޕޮކްސް ބަލި ޖެހިގެން ބްރެޒިލް ފުރަތަމަ ފަހަރަށް މީހަކު މަރުވެގެން ރިޕޯޓް ކޮށްފިއެވެ.

މަންކީޕޮކްސް ޖެހިގެން ބްރެޒިލް އިން މަރުވެފައި ވަނީ އުމުރުން 41 އަހަރުގެ ފިރިހެނެއް ކަމަށް އެ ގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން ކަށަވަރު ކޮށްދީފައި ވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ހަބަރު ދެއެވެ.

މަންކީޕޮކްސް ޖެހިގެން ބްރެޒިލް އިން މަރުވި ކަމަށް ރިޕޯޓް ކުރި މީހާއަކީ ކެންސަރު ބަލީގެ ޕޭޝަންޓެއް ކަމަށާ، އެމީހާއަކީ ދިފާއީ ނިޒާމުވެސް ބަލިކަށި މީހެއް ކަމަށް ހަބަރު ލިބެއެވެ.

މީގެ ކުރިން އެފްރިކާ ސަރަހައްދުން ރިޕޯޓް ކުރަމުން ދިޔަ މަންކީޕޮކްސް ބަލި، ދުނިޔޭގެ އެކި ހިސާބުތަކުން ފެނިގެން ރިޕޯޓް ކުރަން ފެށީ މެއި 2022 ގެ ފަހުކޮޅު، އިނގިރޭސިވިލާތުން އެފަދަ ރިޕޯޓެއް ކުރި ހިސާބުންނެވެ.

ޖެނުއަރީ 1، 2022 އިން ފެށިގެން ޖުލައި 22، 2022 އާ ދެމެދު މަންކީޕޮކްސްގެ ޝިކާރައަކަށް ވެ 5 މީހެއްގެ ފުރާނަ ގެއްލިފައި ވާ އިރު، އެއީ މުޅިންވެސް އެފްރިކާ ސަރަހައްދުން ކަމަށް ޑަބްލިއުއެޗްއޯގެ ރިޕޯޓްއިން ދައްކައެވެ.

އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުން 78 ގައުމަކުން، މަންކީޕޮކްސްގެ 18000 އަށްވުރެ ގިނަ ކޭސް ރެކޯޑް ކޮށްފައި ވާ ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ހާމަ ކޮށްފައެވެ.

ބަލި ޖެހޭ މީހުންގެ އާ އާލާމާތްތަކެއްވެސް ފާހަގަވާ ކަމަށް ދާއިރާގެ ތަޖުރިބާކާރުން ވަނީ ފާހަގަ ކުރައްވާފައެވެ.

މަންކީޕޮކްސް އަކީ ބައިނަލްއަގުވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ދަރަޖާގައި އޮތް ބަލިމަޑުކަމެއް ކަމަށް ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައި ވަނީ މީގެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ. މިއީ ޑަބްލިއުއެޗްއޯއިން ނެރޭ އެންމެ މަތީ ދަރަޖައިގެ އިންޒާރެވެ.