މީގެ ކުރިން ހަމަ އެކަނި އެފްރިކާ ސަރަހައްދުން ފެންނަމުން ދިޔަ މަންކީޕޮކްސް ބަލީގެ ކޭސްތައް ދުނިޔޭގެ އެކި ކަންކޮޅުތަކުން ރެކޯޑް އަދަދަކަށް ރިޕޯޓް ކުރަމުން ދާއިރު، ބަލި ޖެހޭ މީހުންގެ އާ އާލާމާތްތަކެއްވެސް ފާހަގަވާ ކަމަށް ދާއިރާގެ ތަޖުރިބާކާރުން ފާހަގަ ކުރައްވައިފިއެވެ.

ބަލިޖެހޭ މީހުންގެ ފަރާތުން މީގެ ކުރިން ލިބިފައި ނުވާ، އެހެން ނަމަވެސް މިހާރު ބަލިޖެހޭ މީހުންގެ ފަރާތުން ފެންނަ އަލާމާތްތަކުގެ ތެރެއިން އެންމެ ފާހަގަ ކުރެވޭ 2 އަލާމާތުގެ ތެރޭގައި ފުރަގަސް ފަރާތުގައި ރިއްސުމާއި ކުރިމަތި ފަރާތް ދުޅަވުން ހިމެނޭ ކަމަށް ބްރިޓިޝް މެޑިކަލް ޖާނަލްގައި ފާހަގަ ކޮށްފައިވެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ އެންމެ ފަހުގެ ރެކޯޑްތަކަށް ބަލާއިރު 78 ގައުމަކުން 18000 އަށްވުރެ ގިނަ ކޭސް މިހާރު ވަނީ ރިޕޯޓް ކޮށްފައެވެ. މީގެ ބޮޑު ބައެއް ހިއްސާ ކުރަނީ ވިލާތުގެ ގައުމުތަކުން ކަމަށް ވާ އިރު، ބަލި ޖެހިފައި ވާ މީހުންގެ 98 ޕަސެންޓް ހިއްސާ ކުރަނީ އެއްޖިންސުން ގުޅުން ހިންގާ މީހުން ކަމަށްވެސް މައުލޫމާތު ލިބެއެވެ. މަންކީޕޮކްސް ޕޭޝަންޓުންގެ ތެރޭގައި ގިނައީ ފިރިހެނުން ކަމުގައި ވީ ނަމަވެސް، އަންހެނުންނާ ކުޑަކުދިންނަށްވެސް ބަލީގެ ނުރައްކާ ބޮޑުކަން ފާހަގަ ކުރަން ޖެހެއެވެ.

ކަން މިހެން އޮތް އިރު މަންކީޕޮކްސް ބަލީގެ އާ އާލާމަތްތަކަކީ ބައްޔާ މެދު މީހުން ހޭލުންތެރި ކުރުވުމަށް ދޭ އިރުޝާދުތަކުގައި ހިމެނުން މުހިންމު މައުލޫމާތެއް ކަމަށް ރިސާޗަރުން ވަނީ ބުނެފައެވެ.

މަންކީޕޮކްސް ޖެހުމުން އާންމުކޮށް ފެންނަ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ހަމުގައި ބިހިގަނޑެއް ނެގުން އަދި ލިމްފްނޯޑް ދުޅަވުން ހިމެނެއެވެ. މި އަލާމާތްތައް 2 ހަފުތާއާއި 4 ހަފުތާއާ ދެމެދު މުއްދަތަކަށް ދެމިގެންދެއެވެ.

ޑަބްލިއުއެޗްއޯއިން ހާމަ ކޮށްފައި ވާ ގޮތުގައި މަންކީޕޮކްސް ފެތުރެނީ ބަލިޖެހިފައި ވާ މީހެއް ނުވަތަ ޖަނަވާރަކާ ގާތުން ކޮންޓެކްޓް ވެގެންނެވެ. ނުވަތަ ވައިރަހުގެ އަސަރު ހުރި ތަނެއްގައި އަތްޖެހުން ފަދަ ކަމެއް ދިމާވެގެންނެވެ.