ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ފެތުރެމުންދާ މަންކީޕޮކްސް ބަލިމަޑުކަމަކީ، ބަލިން ދިފާއުވާން ހަމަ އެކަނި ވެކްސިން ޖަހައިގެން ހުއްޓުވޭނެ ބަލިމަޑުކަމެއް ނޫން ކަމަށާ، ނުރައްކަލަށް ހުށަހެޅިފައިވާ ވަކިވަކި ފަރުދުން އަމަލީ ގޮތުންވެސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަރަހައްދީ ޑައިރެކްޓަރު ޑރ ހާންސް ހެންރީ ޕީ ކްލޫގެ ވިދާޅުވެއްޖެއެވެ.
ޑރ ކްލޫގެ ވިދާޅުވީ މިހާތަނާ ޖެހުނު އިރު މަންކީޕޮކްސްގެ ކޭސް ރިޕޯޓް ކޮށްފައި ނުވާ ގައުމުތަކުންވެސް، މި ހިނދުން ހިނދަށް ހަލުވި ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ. އަދި އެ ވައިރަހަކާ ބެހޭ ގޮތުން އަދިވެސް ގިނަ ކަންތައްތަކެއް ދަސް ކުރަންޖެހިފައި ވާ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކާ ދިމާވެދާނެ ހުރިހާ ހާލަތަކަށް ތައްޔާރުވެ، އެ ވައިރަސް ފެތުރިގެން ދިއުން ކޮންޓްރޯލް ކުރުމަށް ފިޔަވަޅު އެޅުމަށްވެސް ޑރ ކްލޫގެ ވަނީ ގޮވާލައްވާފައެވެ.
އިތުރު އެހެން ބައްޔެއް ތަހައްމަލު ނުކުރާނަމަ މަންކީޕޮކްސްއަކީ ފުރާނައަށް ނުރައްކާ ބައްޔެއް ނޫން ކަމަށާ، މި ބަލި ޖެހޭ މީހުންނާ މެދު ތަފާތު ކުރުންތައް ނުގެންގުޅުމަށް ޑަބްލިއުއެޗްއޯއިން ދަނީ ބާރު އަޅަމުންނެވެ.
ދުނިޔޭގެ އެކި މަންޒިލްތަކުން މިހާތަނަށް ރިޕޯޓްކޮށްފައިވާ ކޭސްތަކުގެ 98 ޕަސެންޓް ހިއްސާ ކުރަނީ އެއް ޖިންސުން ގުޅުން ފިރިހެނުން ކަން ފާހަގަ ކުރަން ޖެހެއެވެ. އަދި ކޭސްލޯޑްގެ 80 ޕަސެންޓް ހިއްސާ ކުރަނީ ވިލާތުގެ ގައުމުތަކުން ކަމަށް ވާއިރު ބޮޑު އިންސައްތައެއް ހިއްސާ ކުރަނީ ތަރައްގީ ހިސާބުތައް ކަމަށް ދާއިރާގެ ތަޖުރިބާކާރުން ވަނީ ވިދާޅުވެފައެވެ.
ކަން މިހެން އޮތް ނަމަވެސް އާބާދީގެ އެހެން ގިންތިތައް ކަމަށް ވާ އަންހެނުންނާއި ކުޑަކުދިންގެ ކިބައިންވެސް މަންކީޕޮކްސް ބަލި ފެންނަމުން ދާ ކަން ޑރ ކްލޫގެ ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އެއީ ބަލި ޖެހުމުން ނުރައްކާ ބޮޑުވެދާނެ ގިންތިއެއް ކަންވެސް ޑރ ކްލޫގެ ވަނީ ފާހަގަ ކުރައްވާފައެވެ.
މަންކީޕޮކްސް މިހާރު ފެތުރެމުން ދާ ގޮތަށް ބަލާއިރު އެންމެ ބޮޑު ހިއްސާއެއް އޮތީ ޖިންސީ ގުޅުމުގެ ޒަރިއްޔާއިން ކަމުގައި ވީ ނަމަވެސް، ގޭތެރެއިންވެސް ބަލި ފެތުރިފައި އެބަ ހުރި ކަމަށާ، ބައްޔަށް ހުށަހެޅުމުގެ ރެކޯޑެއް ނެތް މީހުންގެ ބަލި ފެނިފައި އެބަ ހުރި ކަމަށް ޑރ ކްލޫގެ ވަނީ ވިދާޅުވެފައެވެ.
މަންކީޕޮކްސް ފެތުރުން ކޮންޓްރޯލް ކުރުމަކީ މުޖުތަމައުގެ ހުރިހާ ގުރޫޕަކަށްވެސް އޮތް ކަމެއް ކަން ޑަބްލިއުއެޗްއޯގެ އޮފިޝަލު ވަނީ ފާހަގަ ކުރައްވާފައެވެ. އެކަމުގައި ސަރުކާރާއި އިދާރާތަކާއި، އާންމު ފަރުދުންވެސް ހިމެނޭ ކަމަށް ޑރ ކްލޫގެ ވިދާޅުވިއެވެ.
ޓެސްޓު ކުރުމަށް ޕޭޝަންޓުން އިސްވެ ނުކުތުމަށް އޮތް ހުރަސްތައް ނައްތާލުމަށްވެސް ޑރ ކްލޫގެ ވަނީ ގޮވާލައްވާފައެވެ. މީގެ އަހަރުތަކެއް ކުރިން ކުރިމަތިލާން ޖެހުނު އެޗްއައިވީ/އެއިޑްސް ބަލީގެ ހާދިސާތަކުން އިބުރަތް ހާސިލު ކުރުމަށްވެސް ޑރ ކްލޫގެ ވަނީ ގޮވާލައްވާފައެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަންކީޕޮކްސް ބަލީގެ ކޭސްތައް ފެތުރިފައިވާ ހަލާތު ބަޔާންކޮށް ޖުލައި 25 ވަނަ ދުވަހު ޑަބްލިއުއެޗްއޯއިން އާންމު ކުރި ރިޕޯޓްގައި ވާ ގޮތުން، ޖުލައި 22 ވަނަ ދުވަހުގެ ނިޔަލަށް 75 ގައުމަކާއި ސަރަހައްދަކުން 16016 ކޭހެއް ވަނީ މަންކީޕޮކްސްއަށް ކަށަވަރުވެފައެވެ. އަދި މަރުގެ 5 ކޭހެއް ވަނީ ރިޕޯޓް ކޮށްފައެވެ.
މީގެ ކުރިން އެފްރިކާ ސަރަހައްދުން ރިޕޯޓް ކުރަމުން ދިޔަ މަންކީޕޮކްސް ބަލި، ދުނިޔޭގެ އެކި ހިސާބުތަކުން ފެނިގެން ރިޕޯޓް ކުރަން ފެށީ މެއި 2022 ގެ ފަހުކޮޅު، އިނގިރޭސިވިލާތުން އެފަދަ ރިޕޯޓެއް ކުރި ހިސާބުންނެވެ.
ޖެނުއަރީ 1، 2022 އިން ފެށިގެން ޖުލައި 22، 2022 އާ ދެމެދު މަންކީޕޮކްސްގެ ޝިކާރައަކަށް ވެ 5 މީހެއްގެ ފުރާނަ ގެއްލިފައި ވާ އިރު، އެއީ މުޅިންވެސް އެފްރިކާ ސަރަހައްދުން ކަމަށް ޑަބްލިއުއެޗްއޯގެ ރިޕޯޓްއިން ދައްކައެވެ. މި މުއްދަތުގައި އެންމެ ގިނަ އަދަދަކަށް ކޭސް ފެނިފައި ވަނީ ވިލާތުގެ ސަރަހައްދުން ކަމަށް ވާއިރު، ބަލީގެ ނުރައްކާ އެންމެ ބޮޑު ސަރަހައްދަކީވެސް ވިލާތު ސަރަހައްދު ކަމަށް ޑަބްލިއުއެޗްއޯއިން ވަނީ ހާމަ ކޮށްފައެވެ. ނަމަވެސް ވަކިވަކި ގައުމުތަކަށް ބަލާއިރު ކޭސްތައް އެންމެ ގިނައީ އެމެރިކާގައި ކަމަށް އެ ގައުމުގެ ރެކޯޑްތަކުން ހާމަ ވެއެވެ.
މަންކީޕޮކްސް އަކީ ބައިނަލްއަގުވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ދަރަޖާގައި އޮތް ބަލިމަޑުކަމެއް ކަމަށް ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައި ވަނީ މީގެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ. މިއީ ޑަބްލިއުއެޗްއޯއިން ނެރޭ އެންމެ މަތީ ދަރަޖައިގެ އިންޒާރެވެ.