މަންކީޕޮކސް ނުވަތަ އެމްޕޮކްސް ނުވަތަ މަކުނުވިދުރި ފެނިފައިވާ ސަރަހައްދުތަކަށް ދަތުރުކުރާނަމަ ވެކްސިން ޖަހަން އިލްތިމާސް ކޮށްފިއެވެ.

ޔޫރަޕިއަން ސެންޓާ ފޮ ޑިޒީޒް ޕްރިވެންޝަން އެންޑް ކޮންޓްރޯލް (އީސީޑީސީ) އިން ބުނީ, މިވަގުތު އެބަލި ބާރަށް ފެތުރެމުން ދަނީ އެފްރިކާގައި ކަމަށާއި ޔޫރަޕުންވެސް ބައެއް ކޭސްތައް ފެނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

މަކުނުވިދުރި އަކީ ސިއްހީ އެމަޖެންސީއެއް ކަމަށް ޑަބްލިއުއެޗްއޯ އިން ކަނޑައަޅާ އިއުލާން ކޮށްފައި ވީ ނަމަވެސް އީސީޑީސީ އިން ބުނީ, އެ ބަލި މުޅި ދުނިޔެއަށް ފެތުރުގެ ފުރުސަތު ކުޑަކަމަށެވެ.

މި ބަލި އެންމެ ފުރަތަމަ ފެނުނު ދުވަސްވަރު މަންކީޕޮކްސްގެ ނަމުން ނަން ދިން ނަމަވެސް މިހާރު ކިޔަނީ އެމްޕޮކްސްއެވެ. މި ބަލި ފެތުރުމުގައި ބަލިހުންނަ މީހަކާ ގައިގޯޅިވެ ނުވަތަ ގާތުގައި އުޅެވޭނަމަ ގައިންގަޔަށް އެރުމުގެ ފުރުސަތު އޮވެއެވެ.

މި ބައްޔަކީވެސް އެހެން ބައެއް ބަލިތައް ފަދައިން ވެކްސިނެއް އޮންނަ ބައްޔެއް ކަމުން މީގެ ކުރިން ވެކްސިން ޖަހާފައި ވާ ފަރާތެއް ނަމަ އިތުރު 1 ޑޯޒް ޖެހުމުން ފުދޭނެ ކަމަށް އީސީޑީސީން ބުނެއެވެ.

އެމްޕޮކްސްގައި ފާއިތުވި ހައެއްކަ މަސްދުވަހުގެ ތެރޭގައި އެފްރިކާގެ ކޮންގޯއިން 450 މީހަކު ވަނީ މަރުވެފައެވެ.

އެމްޕޮކްސްގައި ގައިގައި ފެން ބިހިތަކެއް ނަގައެވެ. އެ ބިހިތައް ފަޅައިގެން ގޮސް އޭގެ ދިޔަ އެހެން މީހެއްގެ ގައިގައި ޖެހިއްޖަ ނަމަ ނުވަތަ އެފަދަ މީހަކު ބޭނުން ކުރާ ހެދުމެއް ނުވަތަ އެނޫންވެސް އެއްޗެއް އެހެން މީހަކު ބޭނުން ކުރާނަމަ ވެސް ބަލިޖެހުމުގެ ފުރުސަތު އޮވެއެވެ.

އަދި ބަލިޖެހިފައި ހުންނަ މީހަކު ކެއްސާ, ކިނބިހި އަޅާ އިރު އޭގެ އަސަރު ފޯރާ ހިސާބުގައި ތިބޭ މީހުނަށްވެސް ބަލިޖެހުމުގެ ފުރުސަތު ބޮޑެވެ.

ޔޫރަޕަށް ބަލާއިރު ސްވިޑަން އިން އެމްޕޮކްސްގެ ކޭސް އެއް ވަނީ ފެނިފައެވެ. މީގެ އިތުރުން ޕާކިސްތާނުންވެސް މި ބަލި ފެނިފައިވާ ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެފައި ވީ ނަމަވެސް އެކަން ޑަބްލިއެއެޗްއޯ އަދި އީސީޑީސީން ޔަގީން ކޮށްދީފައެއް ނުވެއެވެ.