އާންމުކޮށް އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުންގެ ތެރޭގައި ބޮޑަށް ފެތުރެމުން ދާ މަންކީޕޮކްސް ނުވަތަ މަކުނިވިދުރި އަކީ ސިއްހީ ކުއްލި ނުރައްކަމެއް ކަމުގައި ކަނޑައަޅާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އެމެރިކާގައި އިއުލާންކޮށްފިއެވެ.

މިހާރުވެސް އެއްޖިންސުން ކައިވެނި ކުރުމުގެ ހުއްދަ އޮންނަ އެމެރިކާގައި މި ބައްތޔާމެދު ސަމާލުވެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ކަނޑައެޅީ، ސަރުކާރުގެ ވަސީލަތްތަކާއި، ބޭހާއި ވެކްސިން އާންމުކޮށް ފޯރުކޮށްދިނުމުގައި އަވަސްކޮށް ބަލިފެތުރުން ކޮންޓްރޯލް ކުރުމަށް ކަމަށް ބުނެއެވެ.

އެމެރިކާގައި މިހާރުވެސް މަންކީޕޮކްސް ޖެހިފައި ތިބި 6600 މީހަކު ތިބި ކަމަށް އެގައުމުގެ ރެކޯޑްތަކުން ދައްކައެވެ. މީގެ ތެރެއިން އެންމެ ގިނަ ކޭސް ފެނިފައިވަނީ ހުސްވި ހަފްތާގައި އަމިއްލައަށް ސިއްހީ ކުއްލި ހާލަތު އިއުލާން ކުރި ނިއުޔޫކުންނެވެ. ނިއުޔޯކަކީ، ދުނިޔޭގެ ވިޔަފާރި މަރުކަޒަކަށް ވުމުގެ އިތުރުން، ދުނިޔޭގެ އެތައް ގައުމެއްގެ މިޝަންތައްވެސް ހުންނަ ސިޓީއެވެ. އެތަންތަނުގައި އެކި ގައުމުތަކުގެ އިސް ބޭފުޅުން ތިއްބަވައެވެ.

އެފްރިކާއިން ފެނުނު މި ބަލި ދުނިޔޭގެ އެތައް ބައްރަކަށް ފެތުރިފައި ވާ އިރު، މިހާތަނަށް 26،000 މީހުންނަށް ވަނީ ބަލިޖެހިފައެވެ. މި ބައްޔަކީ ކޮންމެ މީހެއްގެ ގަޔަށްވެސް އަރާފާނެ ބައްޔެއް ނަމަވެސް ބަލި ފެތުރެމުން ދާ ގޮތުގެ މައުލޫމާތުތަކަށް ބަލާއިރު، އާންމުކޮށް ފެތުރެނީ އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުންގެ މެދުގައެވެ. ނަމަވެސް އެކަމުގެ ގައިން އަނެކަކުގެ ގަޔަށްވެސް އެރުމުގެ ފުރުސަތު އޮތް މިބަލީގައި އެންމެފުރަތަމަ ފެންނަނީ، ސްކިން ރޭޝް (ހަންގަނޑު ރަތްވެފައި) ހުންނަ ގޮތަކަށެވެ. އަދި ގަދަޔަށް ހިރުވާއި މުޅި ގަޔަށް ފެތުރި، ރިއްސާ އަދި އިތުރު ސިއްހީ އުނދަގޫތަކާ ކުރިމަތިވެފައެވެ.

މި ބައްޔަކީ ފަރުވާއެއް ނުކުރިނަމަވެސް އަމިއްލައަށް ހުރެގެން ފަސޭހަވާ ބައްޔެއް ނަމަވެސް، ބަލި ޖެހި ފުރާނައަށް ނުރައްކާވާ މީހުންގެ ތެރޭގައި ކުޑަކުދިން ގިނަވުމަކީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއާއި އެހެނިހެން އިދާރާތަކުގެ ކަންބޮޑުވުމެކެވެ.