މިފަހުން ރާއްޖޭގައި އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކައަކީ ޔޯގާގެ ވާހަކައެވެ. މީގެ މަހެއްހާ ދުވަސް ކުރިން ބައިނަލްއަގުވާމީ ޔޯގާ ދުވަސް ރާއްޖޭގައި ފާހަގަ ކުރި އިރު، ޔޯގާ އަކީ ދިވެހިންގެ ތެރޭގައި ވެސް އެތައް ބަޔަކު ކުރަމުން ދާ ކަމެކެވެ. ޔޯގާ އަކީ އެއް ބަޔަކަށް ކަސްރަތަކަށް ވާއިރު، އަނެއް ބަޔަކު ގަބޫލުކުރާ ގޮތުގައި ޔޯގާ އަކީ ޝިރުކުގެ އަމަލެކެވެ. ކޮންމެއަކަސް މިއަދު އާންމުންގެ ހިތުގައި އޮތް ސުވާލަކީ ޔޯގާ އަކީ ހަރާމް ކަމެއްތޯ ނުވަތަ ހުއްދަ ކަމެއްތޯއެވެ.

ދީނީ އިލްމުވެރިންގެ މެދުގައި ވެސް ޔޯގާ އާ މެދު ހިލާފުތައް އެބަހުއްޓެވެ. ގިނަ އިލްމުވެރިން އިއްތިފާގުވެލައްވާ ގޮތުގައި ޔޯގާ އަކީ މުޅިން ހަރާމް ކަމެކެވެ. އަދި އެހެން ބައެއް އިލްމުވެރިން ވިދާޅުވާ ގޮތުގައި ޔޯގާ ހަރާމެއް ނޫނެވެ. އަނެއްބައި އިލްމުވެރިން ބުރަވެލައްވަނީ ޔޯގާގެ ތެރޭގައި ހިމެނޭ އިސްލާމީ ޝަރީއަތާ ހިލާފުނުވާ ކަންކަން ހުއްދަ ކަމަށެވެ. އެގޮތުން ވަކި ޝަރުތުތަކާ އެކު ޔޯގާ ހުއްދަ ކަމަށް އެ އިލްމުވެރިން ވިދާޅުވެއެވެ. އެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ:

  • ހިންދޫ ދީނުގެ ޔޯގާގައި ހިމެނޭ ހަރަކާތްތަކުގެ ތަރުތީބު ބަދަލުކޮށް، ނުހިމެނޭ ހަރަކާތްތައް އިތުރުކުރުން
  • ހިންދޫ ދީނުގައި ކަނޑައަޅާފައިވާ ވަގުތުތަކުގެ ބަދަލުގައި އެހެން ވަގުތުތަކުގައި ކުރުން

އެ ރައުޔަށް ބަލާއިރު، އެ ރައުޔުގައި ގެންނަ ޝަރުތުތައް ހިމަނާ ނަމަ، ޔޯގާގެ އަސްލަށް ބަދަލު އައިސް، ހަގީގީ ޔޯގާ އަށް ނުވާނެ ކަމަށް، އެ ރައުޔުގައި ވެއެވެ.

ޔޯގާ އަކީ ހަރާމް ކަމެއް ކަމަށް ގިނަ އިލްމުވެރިން އިއްތިފާގުވޭ

ދާދިފަހުން ސަރުކާރު ކޯލިޝަންގައި ހިމެނޭ އެއް ޕާޓީ އަދި ގިނަ ދީނީ އިލްމުވެރިން ހިމެނޭ އަދާލަތު ޕާޓީން ނެރުނު އިލްމީ ރިޕޯޓެއްގައި ބުނީ، ޔޯގާގެ އަމަލަކީ ހިންދޫ ދީނުގެ ކަމެއްކަން ސާފުވާ ކަމަށެވެ. އެ ރިޕޯޓުގައި އިތުރަށް ބުނީ، ކުރިއަރާފައިވާ މިއަދުގެ ދުނިޔޭގައި އެކި ދީންތަކާއި ގައުމުތަކުގެ ސަގާފަތްތައް އެއް ގައުމުން އަނެއް ގައުމަށް އަންނަމުންދާ ހިނދު، ދިވެހި އިސްލާމީ މުޖުތަމައަށް އަންނަ ސަގާފަތްތަކަކީ ދީނާ ފުށުއަރާ ކަންތައްތައް ކަމުގައި ވެގެން ނުވާނެ ކަމަށެވެ.

ޔޫތު މިނިސްޓަރު މަހްލޫފް އަދި އިންޑިއާ ހައިކޮމިޝަނަރު މުނޫ (މ) ޔޯގާ ހައްދަވަނީ / ފޮޓޯ: ޔޫތު މިނިސްޓްރީ

އެ ރިޕޯޓުގައި އިތުރަށް ބުނީ، ޔޯގާ އަކީ ހަށިގަނޑުގެ ހަރަކާތްތަކެއް ކަމާއި ވިސްނާ ފިކުރުކުރުންތަކެއް ކަމަށް ގިނަ މީހުންނަށް ހީވެފައިވާ ކަމަށެވެ. ނަމަވެސް އެ ކަމަކީ ވަކި އުންސުރުތަކަކާއި އަޅުކަންތަކެއްގެ މައްޗަށް އެކުލެވޭ ކަމަކަށް ވާއިރު، ޔޯގާގެ އަސްލު ހަގީގީ މަގްސަދަށް ވާސިލްވުމަށް އެ ބައިތަކަށް ފުރިހަމައަށް ތަބާވާން ޖެހޭނެ ކަމަށް އެ ރިޕޯޓުގައި ބުންޏެވެ

ހަމައެއާއެކު، ޔޯގާ ކުރުމުގެ ތެރޭގައި ހިންދޫ ދީނުގެ ކަންތައްތަކެއް ހިމެނުމާއެކު، އެކަން ކުރާއިރު ހިންދޫ ކަލާނގެއަށް ނިސްބަތްވާ ގޮތަށް ހާއްސަ ކަލިމަތަކެއް ކިޔަން ޖެހޭ ކަމުގައި ވެސް ބުންޏެވެ.

"އެގޮތުން އެކަމުގެ ތެރޭގައި ކުރާ އިއުތިގާދުތަކަށް ބަލާއިރު މީހާ މަރުވުމަށް ފަހު ރޫހު އެހެން މަހްލޫގަކަށް ބަދަލުވާ ކަމާއި، މަތިވެރި އިލާހާ އެކުވާކަމާއި އަދި އިރު ކަލާނގެ މަތިވެރި ކުރުންފަދަ އެތައް އިއުތިގާދުތައް ޔޯގާގެ ތެރޭގައި ހިމެނިގެންވޭ. އަދި ކިޔަން ޖެހޭ ލަފްޒުތަކަށް ބަލާއިރު އިރަށް ދެވިފައިވާ ނަންތައް ކިޔާއިރު މަތިވެރި ކުރުމާއެކު ބޯލަނބައި އަޅުވެތިވާކަން ބަޔާންކުރަން ޖެހޭ." އިލްމުވެރިން ބުނެފައިވެއެވެ.

ޔޯގާ ހަރާމްކަމަށް އިލްމުވެރިން ވިދާޅުވާ ސަބަބުތައް

އަދާލަތުން ނެރުނު އިލްމީ ރިޕޯޓުގައި ވަނީ ޔޯގާ ހުއްދަ ނުވާނެ ބައެއް ސަބަބުތައް، ދަލީލުތަކާ އެކު ތަފްސީލްކޮށްދީފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

1. ޝިރުކުގެ އަމަލުތައް ޔޯގާގެ ތެރޭގައި ހިމެނުން

އެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، ޔޯގާގެ ހަރަކާތުގައި އިސްލާމީ އަގީދާ އާ ފުށުއަރާ، ކަނޑައެޅިގެން ޝިރުކުގެ އަމަލު ހިމެނެއެވެ. އެއީ ޔޯގާގެ ހަރަކާތުގައި އިރުގެ ނަންތައް ކިޔައި، އެއަށް ކުރުނީސް ކުރުމުން، މާތް ﷲ ފިޔަވައި އެހެން ފަރާތެއް އަޅުކަން ކުރުމުގައި ބައިވެރި ކުރެވޭތީއެވެ. މާތް ﷲ އާއި އެހެން އެއްޗެއް ބައިވެރިކުރުން ނުވަތަ އެއްފަދަ ކުރުމަކީ ޝިރުކުގެ އަމަލެކެވެ. އަދި ބާޠިލް ކަލާނގެއެއް މަތިވެރި ކުރުމަކީ ޝިރުކުގެ ތެރެއިން ވާކަމެކެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި ވަހީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. ”ހަމަކަށަވަރުން ﷲ އަށް ޝަރީކުކުރާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ﷲ އެމީހާގެ މައްޗަށް ސުވަރުގެ ހަރާމްކުރެއްވިއެވެ. އަދި އެމީހަކު އުޅޭނެތަނަކީ ނަރަކައެވެ. އަދި އަނިޔާވެރިންނަށް (އެބަހީ: ޝަރީކުކުޅަ މީހުންނަށް) ނަސްރުދޭނޭ އެއްވެސް ބަޔަކު ނުވެއެވެ.” (އަލްމާއިދާ: 72)

ޔޯގާ ކުރާ ބަޔަކު ސަޖިދަ ޖަހާފަދަ އަކުން ކުރާ ހަރާކަތެއްގައި ތިއްބައި

2. ޔޯގާ ހެދުން އެހެން ދީނެއްގެ ތެރެއިން ވުން ނުވަތަ އެހެން ދީނަކާ ވައްތަރުވުން

ހިންދޫން ފިޔަވާ އެހެން މީހުންނަށް ޔޯގާ ތަޢާރަފް ވެފައިވަނީ ހިންދޫންގެ ފަރާތުން ކަމަށް އަދާލަތުގެ ރިޕޯޓުގައިވެއެވެ. އެހެންކަމުން ޔޯގާ ހެދުން ވަނީ ހިންދޫ ދީނުގެ ތެރެއިން ކަމަށާއި، ހިންދޫ ދީނަށް އަޅުކަން ކުރާ މީހުންނާ އެއްގޮތްވުންތަކެއް ހިމެނޭ ކަމެއްގެ ގޮތުގައި ކަމަށް ވެސް އެ ރިޕޯޓުގައިވެއެވެ. އެހެން ދީންތަކާ ގުޅުންހުރި ކަންކަމަކީ ހަރާމް ކަންތައްތަކެވެ. ކީރިތި ރަސޫލާގެ ހަދީޘް ބަސްފުޅެއްގެ މާނައިގައިވެއެވެ، “ބަޔަކު މީހުންނާއި އެއްގޮތް ވެގަންފި މީހަކީ އެބައިމީހުންގެ ތެރެއިންވާ މީހެކެވެ.”

3. އިސްލާމީ އަގީދާ އާ ފުށޫއަރާ ކަންކަން ހިމެނުން

އަދާލަތުގެ ރިޕޯޓުގައިވާ ގޮތުން،، ހިންދޫ ދީނުގައި ޔޯގާ ހަދާ މީހުން ގަބޫލުކުރާ ގޮތުގައި ޔޯގާ އަކީ އެ މީހުންގެ ކަލާނގެއަށް ކުއްތަންވެ، އާހިރުގައި ކަލާނގެއާ އެކުވެ އެކަތިގަނޑަކަށް ވުމަށް ކުރާ ކަމެކެވެ. މިއީ ކަލާނގެއާއި މަހްލޫގުން އެކުވުމުގެ އަގީދާއެވެ. މި އަގީދާގެ މީހުން ގަބޫލުކުރާ ގޮތުގައި، ކަލާނގެއާ އެކުވުމުން ހާއްސަ ބާރުތަކެއް ލިބިގެންވެއެވެ. އަދި ކޮންމެ މީހަކަށްވެސް އެތައް ހަޔާތެއް ލިބިގެންވާ ކަމަށް އެ މީހުން ގަބޫލުކުރެއެވެ. މިއީ އިސްލާމްދީނުގައި އާހިރަތް ދުވަހަށް އީމާންވުމުގެ ތެރެއިން އަންނަ ކަންކަމާ ހިލާފު ކަންކަމެވެ.

މިފަދަ ކަންކަމަށް ރިއާޔަތް ކުރެއްވުމަށް ފަހު، އަދި ޖުމްހޫރު ގިނަ އިލްމުވެރިންގެ ރައުޔުތަކަށް ރިއާޔަތް ކުރެއްވުމަށް ފަހު، ދިވެހި ގިނަ އިލްމުވެރިން އިއްތިފާގުވެލައްވާ ގޮތުގައި ޔޯގާ އަކީ ހަރާމް ކަމެކެވެ.

ޔޯގާ އަކީ ހަރާމް ކަމެއް ނޫން ކަމަށް އިއްތިފާގުވާ އިލްމުވެރިންގެ ބަސް

ކުރިން ވެސް ފާހަގަކުރި ގޮތަށް، ޔޯގާ އަކީ ހަރާމް ކަމެއް ނޫން ކަމަށް އިއްތިފާގުވެލައްވާ އިލްމުވެރިންގެ ދެ ރައުޔެއްވެއެވެ. އޭގެ ތެރެއިން އެއް ރައުޔަށް ބުރަވެލައްވާ އިލްމުވެރިން ވިދާޅުވާ ގޮތުގައި، ޔޯގާ އެއްވެސް ގޮތަކަށް ހަރާމެއް ނޫނެވެ. އަދި ބައެއް އިލްމުވެރިން ވިދާޅުވާ ގޮތުގައި، އިސްލާމީ ޝަރީއަތާ ހިލާފުނުވާ ކަންކަން ޔޯގާގެ ތެރެއިން ހުއްދަވެއެވެ.

ހަފްތާގެ 3 ދުވަހު، ލޮނުޒިޔާރަތް ޕާކުގައި ކުރިއަށް ގެންދާ ޔޯގާ ސެޝަންތަކުގެ ތެރެއިން / ފޮޓޯ: ސިޓީ ކައުންސިލް

ކުރީގެ ރައީސް އަދި ރާއްޖޭގެ ގިނަ ބަޔަކު ގަބޫލުކުރާ ދީނީ އިލްމުވެރިޔާ މައުމޫން އަބްދުލްގައްޔޫމް ވެސް ބުރަވެވަޑައިގަންނަވަނީ ޝިރުކުގެ އަމަލެއް ނުހިމެނޭ ނަމަ ޔޯގާ ހުއްދަ ކަމަށެވެ. ރާއްޖޭގެ އޮންލައިން ނޫހަކަށް ދެއްވި ޖަވާބުގައި މައުމޫން ވިދާޅުވި ގޮތުގައި، ޔޯގާ އާއި އިސްލާމްދީނާ ގުޅުވޭނެ އެއްވެސް ގޮތެއް ނެތެވެ. ސަބަބަކީ އިސްލާމްދީން ބިނާވެފައި ވަނީ ޤުރުއާނާއި ސުންނަތަށް ކަމަށް ވާއިރު، ޔޯގާގެ ވާހަކަތައް އައިސްފައި ނެތުން ކަމުގައި އެމަނިކުފާނު ވިދާޅުވެއެވެ.

މައުމޫން ވިދާޅުވާ ގޮތުގައި، ކޮންމެ ހަރަކާތެއްގައި ވިޔަސް، މާތް ﷲ ފިޔަވައި އެހެން ފަރާތަކަށް އަޅުކަން ކުރުމުގެ ހިޔާލެއް ގެންގުޅޭ ނަމަ، އެ އަމަލު ވާނީ ޝިރުކަށެވެ.

"ހަރާމްވާނީ މާތް ﷲ ހަރާމް ކުރެއްވި ކަންތައްތަކެއް. ހަރާން ކުރެއްވުމުގެ އިޚްތިޔާރަކީ ހަމައެކަނި މާތް ﷲ އަށް އޮންނަ އިޚްތިޔާރެކޭ. [ﷲ] ނާންގަވާ ކޮންމެ ކަމަކީ ހަލާލު ކަމެއް،" މައުމޫން ވިދާޅުވިއެވެ.

ޔޯގާ ދުވަސް ފާހަގަކުރި ދުވަހު ރާއްޖޭގައި ކަން ހިނގައިދިޔަ ގޮތް

ޔޯގާ ހަރަކާތް ހުއްޓުވަން ޒުވާނުންތަކެއް ދަނޑަށް ވަންނަނީ

ސަރުކާރާއި އިންޑިއާގެ ހައިކޮމިޝަން ގުޅިގެން ރާއްޖޭގައި ޔޯގާ ދުވަސް ފާހަގަކުރުމުގެ ހަރަކާތް ބާއްވާފައި ވަނީ މިދިޔަ މަހުގެ 21 ގެ ހެނދުނު ގަލޮޅު ރަސްމީ ދަނޑުގައެވެ. ޔޯގާގެ ހަރަކާތް ހިނގަމުން ދިޔަ ވަގުތު އެ ހަރަކާތް ހުއްޓުވުމަށްޓަކައި ޒުވާނުންތަކެއް އެ ދުވަހު ވަނީ ދަނޑު ކައިރިއަށް އެއްވެ، އެތެރެއަށް ވަދެ ހަމަނުޖެހުން ހިންގާފައެވެ. އެ މައްސަލައާ ގުޅިގެން ދީނީ 2 އިލްމުވެރިޔަކާ އެކު ޖުމްލަ 21 މީހަކު ހައްޔަރުކުރި އިރު، އޭގެ ތެރެއިން ބައެއް މީހުން ވަނީ މިހާރު ވަނީ ދޫކޮށްކާފައެވެ.

ޔޯގާ އަކީ ހަރާމް ކަމެއް ކަމަށް ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިން ވިދާޅުވެފައި ވާއިރު، ޔޯގާގެ ހަރަކާތާ ގުޅިގެން، ފަތުވާދޭ އެންމެ މަތީ މަޖިލިހުން ފަތުވާއެއް އަދި ނެރެފައެއް ނުވެއެވެ. އަދި ޔޯގާ ދުވަސް ފާހަގަނުކުރުމަށް އެދި އިސްލާމިކް މިނިސްޓްރީން ސިޓީ އެއް ހުށަނާޅާ ކަމަށް، ޔޫތު މިނިސްޓްރީން ވެސް މީގެ ކުރިން ބުނެފައި ވެއެވެ.