މިދިޔަ އަހަރުގެ ޖޫން މަހުގެ 21 ގައި ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން، ހައްޔަރުކޮށް ޓެރެރިޒަމްގެ ދައުވާ އުފުލި ޝައިހް ފަޒްލޫން ބިން މުހައްމަދާއި ޝައިހް އާދަމް ނިޝާންގެ ދައުވާގެ އަޑުއެހުން މާދަމާއަށް ތާވަލް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މި ދައުވާގެ އަޑުއެހުން ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މާދަމާ ހެދުނު 9 ޖަހާ އިރުއެވެ.

ނިޝާނާއި ފަޒްލޫންގެ މައްޗަށް ކޮށްފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ހިތްވަރު ދިނުމުގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ، ނިޝާނާއި ފަޒްލޫނަށް 10-15 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އެ ދައުވާގެ އެންމެ ފަހުގެ އަޑުއެހުމުގައި ދައުވާ ކުރާ މައްސަލައިގެ ލިޔުންތައް ލިބިފައި ވާތީ ކުރިއަށް ދާން ބޭނުންވަނީ ވަކީލަކާއެކު ކަމަށް ނިޝާނާއި ފަޒްލޫން ވިދާޅުވުމުން މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދު ވަނީ ވަކީލަކު ހަމަޖައްސަން ދެ ފަރާތަށް ވެސް 10 ދުވަސް ދީފައެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން ޝައިހް ފަޒްލޫނާއި ޝައިހް ނިޝާންގެ ދީނީ ދަރުސް ދިނުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ވަނީ އަނބުރާ ގެންގޮސްފައެވެ. އެކަމާ ގުޅިގެން ނެރުނު ބަޔާނުގައި އެ މިނިސްޓްރީން ބުނީ، ޝައިހް ނިޝާނާއި ޝައިހް ފަޒްލޫނަށް ދީފައިވާ ހުއްދަ އަތުލާފައި ވަނީ ވަނީ ހަމަނުޖެހުން ހިންގުމަށް ހިތްވަރުދީ، ފުލުހުން އެ ދެ ޝައިހުންގެ މައްޗަށް ޖިނާއީ ތަހްގީގެއް ހިންގަން ފެށުމުން ކަމަށެވެ.