މިދިޔަ އަހަރުގެ ޖޫން މަހުގެ 21 ގައި ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން، ހައްޔަރުކޮށް ޓެރެރިޒަމްގެ ދައުވާ އުފުލި ޝައިހް ފަޒްލޫން ބިން މުހައްމަދާއި ޝައިހް އާދަމް ނިޝާންގެ ދައުވާގެ އަޑުއެހުން ލައިވް ކޮށްދިނުމަށް އެ ދެބޭފުޅުން އެދިވަޑައިގެންފިއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ހެނދުނު ކުރިއަށް ގެންދިޔަ މި ދައުވާގެ އަޑުއެހުމުގައި ވަކީލް ވަނީ ލިޔެކިޔުންތައް ދިރާސާކުރުމަށް އިތުރު ވަގުތު ދިނުމަށް އެދިވަޑައިގެންފައެވެ. އަދި ޝެއިހް ނިޝާނާއި ފަޒްލޫންގެ ފަރާތުން ދައުވާގެ އަޑު އެހުން ލައިވް ކޮށްދިނުމަށް ވެސް ވަކީލް އަލީ ސައީދް އެދިވަޑައިގެންނެވިއެވެ.

މި މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ވިދާޅުވީ މައްސަލަ ލައިވް ކުރުމާމެދު ގޮތެއް ނިންމާނީ ކުރިއަށް ދެން އޮންނަ އަޑު އެހުމެއްގައި ކަމަށެވެ. މީގެ އިތުރަށް ގާޒީ ފާއިޒް ވަނީ ދެން އޮންނަ އަޑުއެހުމަކަށް ލިޔެކިޔުންތައް ދިރާސާކޮށް، ދައުވާއަށް ޖަވާބުދާރީ ވުމަށް ތައްޔާރުވެގެން އައުމަށް ވަކީލް އަލީ ސައީދަށް އަންގަވާފައެވެ. ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ އަންނަ މާޗު މަހުގެ ތެރޭގައެވެ.

ޝެއިހް ނިޝާނާއި ފަޒްލޫންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ދައުވާ އެވެ. މި ދެބޭފުޅުން ވެސް ވަނީ ތަހުގީގު މަރުހަލާގައި މި ދައުވާއަށް އިންކާރު ކުރައްވާފައެވެ. މިކުށް ސާބިތު ވެއްޖެނަމަ 10 އަހަރާއި 15 އަހަރުގެ މުއްދަތަކަށް ޖަލު ހުކުމެއް އަންނާނެއެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން ޝައިހް ފަޒްލޫނާއި ޝައިހް ނިޝާންގެ ދީނީ ދަރުސް ދިނުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ވަނީ އަނބުރާ ގެންގޮސްފައެވެ. އެކަމާ ގުޅިގެން ނެރުނު ބަޔާނުގައި އެ މިނިސްޓްރީން ބުނީ، ޝައިހް ނިޝާނާއި ޝައިހް ފަޒްލޫނަށް ދީފައިވާ ހުއްދަ އަތުލާފައި ވަނީ ވަނީ ހަމަނުޖެހުން ހިންގުމަށް ހިތްވަރުދީ، ފުލުހުން އެ ދެ ޝައިހުންގެ މައްޗަށް ޖިނާއީ ތަހްގީގެއް ހިންގަން ފެށުމުން ކަމަށެވެ.