ޔޫކްރައިންގައި ހައްދާ ގޮވާން، ބްލޭކް ސީ ހުރަސްކޮށް ބައިނަލްއަގުވާމީ ބާޒާރަށް އެކްސްޕޯޓް ކުރުމުގެ އެއްބަސްވުމަކަށް ރަޝިއާއާއެކު އާދެވިފައި ވާ ކަމަށް ތުރުކީވިލާތުން ބުނެފިއެވެ.

ގޮވާން އެކްސްޕޯޓް ކުރުމުގެ އެއްބަސްވުމުގައި މިއަދުގެ ވަގުތެއްގައި ސޮއި ކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ. އެއްބަސްވުމުގައި ސޮއި ކުރުމަށް ހަމަޖެހިފައި ވަނީ ތުރުކީވިލާތުގެ އިސްތަންބޫލްގައެވެ. ރަޝިއާއާއި ޔޫކްރައިންގެ އިތުރުން ތުރުކީވިލާތުންވެސް އެއްބަސްވުމުގައި ސޮއި ކުރާނެ ކަމަށާ، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒްވެސް މިއަދުގެ ވަގުތެއްގައި އެ އެއްބަސްވުމުގައި ސޮއި ކުރައްވާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ފެބުރުއަރީ 24 ވަނަ ދުވަހު ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރައިން އަރާ، ހަނގުރާމަ ފަށާ، އެ ގައުމުގެ އެކްސްޕޯޓަށް ހުރަސް އަޅަން ފެށުމާއެކު ބައިނަލްއަގުވާމީ ފެންވަރުގައި ކާބޯތަކެތީގެ ސަޕްލައިގެ ދަތިކަން ވަނީ ކުރިމަތިވެފައެވެ. އެތައް ބަޔަކު ބަނޑުހައި ހޫނުކަމުގެ ނުރައްކަލަށް ހުށަހަޅާފައެވެ.

ޔޫކްރައިންގައި ރަޝިއާއިން ކުރަމުންދާ ހަނގުރާމައާއެކު ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގުތައް ވަނީ އުފުލިފައެވެ. އެހެން ކަމުން، ރަޝިއާއިން ހުރަސް އަޅަމުންދާ ބަނދުރަތައް ހުޅުވާ، ޔޫކްރައިންއިން ކާބޯތަކެތި އެކްސްޕޯޓް ކުރެވޭނެ މަގު ތަނަވަސް ކުރުމަކީ ބައިނަލްއަގުވާމީ ސަމާލުކަން އެކަމަކަށް ހުއްޓިފައި ވާ އެންމެ ހައްސާސީ އެއް މައްސަލައެވެ. ޔޫކްރައިންގެ އޮޑެއްސާގައި މިހާރުވެސް 20 މިލިއަން ޓަނުގެ ގޮވާން ތާށިވެފައި އެބަހުއްޓެވެ.

ގޮވާން އެކްސްޕޯޓް ކުރުމުގެ އެއްބަސްވުމާ ބެހޭ ގޮތުން ޔޫކްރައިންގެ ފޮރިން މިނިސްޓްރީއިން ވަނީ މިއަދުގެ ވަގުތެއްގައި އދ އިސްވެ އޮވެ މަޝްވަރާތަކެއް ކުރިއަށް ގެންދާނެ ކަން ކަށަވަރު ކޮށްދީފައެވެ. އަދި "ފަހަރެއްގައި" އެއްބަސްވުމެއްގައި ސޮއި ކުރެވޭނެ ކަމަށްވެސް ޔޫކްރައިނުން ވަނީ ބުނެފައެވެ.

ކަން މިހެން އޮތް ނަމަވެސް ޔޫކްރައިންގެ މަޖިލީސް މެމްބަރަކު ވަނީ އެއްބަސްވުމާ މެދު ކަންބޮޑުވުންތަކެއް ފާޅު ކުރައްވާފައެވެ. މަޝްވަރާތަކާ ގާތް އެމްޕީއެއް ކަމަށް ވާ އެލެކްސީ ހޮންޗަރެންކޯ ބީބީސީއަށް ވިދާޅުވީ، އެއްވެސް ހާލެއްގައި ޔޫކްރައިނުން ރަޝިއާއަށް އިތުރުބާރު ނުކުރާ ކަމަށެވެ. ނަމަވެސް އެއްބަސްވުމަށް ރަޝިއާއިން އިހުތިރާމް ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް އެމްޕީ ވަނީ ވިދާޅުވެފައެވެ.

ޔޫކްރައިނުން ގޮވާން އެކްސްޕޯޓް ކުރުމަށް، އދ މެދުވެރިއެއްގެ ގޮތުގައި އޮވެ ރަޝިއާއާއެކު ވެފައި ވާ އެއްބަސްވުމަށް، އެމެރިކާއިންވެސް ވަނީ މަރުހަބާ ކިއާފައެވެ. ނަމަވެސް އެމެރިކާގެ ވިސްނުން މިވަގުތު ހުރީ، އެއްބަސްވުން ތަންފީޒު ކުރުމުގައި ރަޝިއާ ޒިންމާދާރު ކުރުވުމުގެ މައްޗަށް ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ބުނެފައެވެ.

މިއަދުގެ ވަގުތެއްގައި އިސްތަންބޫލްގައި ސޮއި ކުރާ ގޮވާމުގެ އެއްބަސްވުމުގެ ދަށުން، ރަޝިއާގެ ގޮވާމާއި ގަހުކާނާ، ބްލްކް ސީ ހުރަސްކޮށް އެކްސްޕޯޓް ކުރުމުގެ އިންތިޒާމްތައްވެސް ހަމަޖެހިގެންދާނެއެވެ.

ފަސް މަހަށް ދިގުލާފައި ވާ ހަނގުރާމައިގެ ސަބަބުން ބައިނަލްއަގުވާމީ ފެންވަރުގައި ނުތަނަވަސްކަން އުފެދިފައި ވާ އިރު، އެކްސްޕޯޓްގެ ކަންކަމުގައި އެއްބަސްވުމެއް އެކުލަވާލުމަށް ތުރުކީވިލާތާއި އދއިން މަސައްކަތް ކުރަމުންދާތާ މިހާރު 2 މަހެއްހާ ދުވަސް ވަނީ ވެފައެވެ.