ސިވިލްކޯޓުގެ ގާޒީ ޒުބައިރު މުހައްމަދު ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) އިން ބުނީ ސިވިލް ކޯޓުގެ ގާޒީ ޒުބައިރު މުހައްމަދު މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވައިފައިވާ ކަަމަށެވެ.

ޒުބައިރު 14 އަހަރަށް ވުރެ ދިގު މުއްދަތަކަށް ފަނޑިޔާރުކަން ކުރައްވާފައިވާއިރު މެޖިސްޓްރޭޓެއްގެ ހައިސިއްޔަތުން ފ. ދަރަބޫދޫ މެޖިސްޓްރޭޓް ކޯޓުގައި އަދި ދާއިރާ އިސް މެޖިސްޓްރޭޓްގެ ހައިސިއްޔަތުން ހދ. އަދި ދ. ޖުޑީޝަލް ދާއިރާގައި ޒުބައިރު ވަނީ މަސައްކަތް ކުރައްވާފައެވެ.

އޭގެ އިތުރުން ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގައިވެސް ޒުބައިރު ވަނީ މަސައްކަތް ކުރައްވާފައެވެ.

ޖޭއެސްސީއިން ބުނީ ފަނޑިޔާރުންގެ ގާނޫނުގެ 27 ވަނަ މާއްދާގެ (1) ގައި ބަޔާންވާ ގޮތުގެ މަތީން، ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާ ދިނުމާ ގުޅިގެން މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން ޒުބައިރު ފަނޑިޔާރުކަމުގެ މަގާމުން ވަކިވީ ކަމަށެވެ.