2022 ވަނަ އަހަރުގެ 2 ވަނަ ކުއާޓަރުގައި ޗައިނާގެ އިގުތިސޯދީ ކުރިއެރުމުގެ ދުވެލި އަޑިއަޅާލާފައި ވާ ކަމަށް ރެކޯޑްތަކުން ދައްކައިފިއެވެ.
ޖޫން މަހު ނިންމާލި 2022 ވަނަ އަހަރުގެ 2 ވަނަ ތިންމަސްދުވަހުގެ ތެރޭގައި، ޗައިނާގެ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ ޖީޑީޕީ ވަނީ، އޭގެ ކުރީ 3 މަސްދުވަހާ އަޅާ ބަލާއިރު، 2.6 ޕަސެންޓް ދަށަށް ގޮސްފައެވެ.
މި އަހަރުގެ 2 ވަނަ ކުއާޓަރަކީ ޗައިނާގެ އުފެއްދުންތެރިކަމާއި މާލީ ހަބްގެ ގޮތުގައި ބަލަމުން އަންނަ ޝަންހާގައި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް ފެތުރެމުން ދިއުމުގެ ސަބަބުން، ލޮކްޑައުންގެ ހަރުކަށި އަމުރު ތަންފީޒު ކުރަމުން ދިޔަ ދުވަސްރެއް ކަން ފާހަގަ ކުރަން ޖެހެއެވެ.
ޗައިނާއަކީ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް "ޒީރޯ-ކޮވިޑް" ސިޔާސަތު ތަންފީޒު ކުރަމުން ދާ ގައުމެކެވެ.
2022 ވަނަ އަހަރުގެ 2 ވަނަ ކުއާޓަރުގައި ޗައިނާގެ އިގުތިސޯދު އަޑި އަޅާލި ކަމަށް ރެކޯޑްތަކުން ދެއްކި ނަމަވެސް، 2021 ވަނަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު ޗައިނާގެ އިގުތިސޯދު ކުރިއެރުން ލިބިފައި ވާ ކަން ފާހަގަ ކުރަން ޖެހެއެވެ. އެގޮތުން މިދިޔަ އަހަރުގެ 2 ވަނަ ކުއާޓަރާ އަޅާ ބަލާއިރު މި އަހަރުގެ އޭޕްރިލް މަހާއި ޖޫން މަހާއި ދެމެދު، ޗައިނާގެ އިގުތިސޯދު، 0.4 ޕަސެންޓަށް ކުރިއަރާފައި ވާ ކަމަށް ރެކޯޑްތަކުން ދައްކައެވެ. ނަމަވެސް، އެއީ އަންދާޒާ ކުރި 1 ޕަސެންޓަށް ވުރެ ދަށް މިންވަރެކެވެ.
މިއީ ކޮވިޑް-19 ގެ ބަލިމަޑުކަން ފެށުނު ފަހުން ޗައިނާގެ އިގުތިސޯދު މިހާ ބޮޑަށް ހީނަރުވި ފުރަތަމަ ފަހަރު ކަން ވެސް ފާހަގަ ކުރަން މުހިންމެވެ. ނަމަވެސް، ހުސްވި މަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ހެޔޮ ފާލަކަށް އެޅެން އުޅޭ ކަމުގެ އިޝާރާތްތަކެއް ވަނީ ފެނިފައެވެ.
ގައުމެއްގެ އުފެއްދުންތެރިކަމުގެ ނިސްބަތަކީ އެ ގައުމުގެ އިގުތިސޯދީ ހައިބަތު ވަޒަން ކުރުމުގެ މައި މީޒާން ކަމުގައި ވާ ހިނދު، އިކޮނޮމިސްޓުންނާއި މަރުކަޒީ ބޭންކުތަކުންވެސް ޖީޑީޕީއަށް ފާރަވެރިވެއެވެ. ޖީޑީޕީއަކީ ވިޔާރިތައް އިތުރަށް ފުޅާ ކުރުމާއި އިތުރު މުވައްޒަފުން ނެގުން ނުވަތަ އިންވެސްޓްމަންޓްތައް މަދު ކުރުމާއި މުވައްޒަފުން މަދު ކުރުން ފަދަ މުހިންމު ނިންމުންތައް ނިންމުމުގައިވެސް ބުރަދަން ބޮޑު ހިއްސާދާރެކެވެ.