މަޝްހޫރު ކުރެހުންތެރިޔާ ވިންސެންޓް ވެން ގޯގެ މީގެ ކުރިން އެނގިފައި ނުވާ ކުރުހެމެއް، އެހެން ކުރެހުމެއްގެ ފަހަތުގައި ފޮރުވާފައި ވާތީ ފެނިއްޖެއެވެ.
ނޭޝަނަލް ގެލެރީޒް އޮފް ސްކޮޓްލަންޑްގެ ތަޖުރިބާކާރުންނަށް މި ކުރެހުން ފެނިފައި ވަނީ، މައުރަޒެއްގައި ދައްކާލުމަށް، ކުރެހުންތަކުގެ އެކްސް-ރޭ ނަމަގަމުން ދިޔަ ދިއުމުގެ ތެރޭގައެވެ.
ކުރެހުމެއްގެ ފަހަތުގައި ފޮރުވާފައި ވަނިކޮށް ފެނުނީ، ވެން ގޯގެ ސެލްފް-ޕޯޓްރެއިޓެއް ނުވަތަ އަމިއްލަ މީހާގެ ސޫރައިގެ ތަސްވީރެކެވެ.
"ހެޑް އޮފް އަ ޕެސަންޓް ވުމަން"ގެ ނަން ދީފައި ވާ ކުރެހުމުގެ ފަހަތުގައި، ވެން ގޯގެ ސެލްފް-ޕޯޓްރެއިޓް ފޮރުވާފައި ވަނީ ތެރަހާއި ކާޑްބޯޑް ބޭނުން ކޮށްގެންނެވެ.
ގެލަރީގެ ސީނިއާ ކޮންޒަވޭޓާ ލެޒެލީ ސްޓިވަންސަން ވިދާޅުވީ، މި ފެނުނު އާ ކުރެހުމަކީ، ވެން ގޯގެ ހަޔާތާ ބެހޭ ގޮތުން މިހާރު އެނގޭ އެއްޗަކަށް އާ ވާހަކަތަކެއް އިތުރު ކޮށްދޭނެ ކުރެހުމެއް ކަމަށެވެ.
ނެދަލަންޑްސްއަށް ނިސްބަތްވާ ވެން ގޯއަކީ ފައިސާ ސަލާމަތް ކުރުމުގެ ގޮތުން އެއް ފަހަރަށް ވުރެ ގިނަ ފަހަރު ކެންވަސް ބޭނުން ކުރި ކުރެހުންތެރިއެކެވެ. ބައެއް ފަހަރު ކުރެހުން ނުފުށަށް ޖަހާ، އޭގެ އަނެއް ކޮޅުގައިވެސް އޭނާ ކުރަހާ ހެދިއެވެ.
ވެން ގޯގެ ހަޔާތުގައި، އޭނާގެ ކުރެހުންތައް ވިކިފައެއް ނުވެއެވެ. ނަމަވެސް އޭނާގެ ކުރެހުންތައް ވިކެން ފެށީ، އުމުރުން އެންމެ 37 އަހަރުގައި އޭނާ މި ދުނިޔެ ދޫ ކުރި ފަހުންނެވެ.
ހުޅަނގުގެ ފަންނުވެރި ސަގާފަތުގައި މިއަދު ވެން ގޯއަކީ މަޝްހޫރު އަދި ނުފޫޒު ގަދަ ޝަހްސެކެވެ.
ބެލެވޭ ގޮތުގައި "ހެޑް އޮފް އަ ޕެސަންޓް ވުމަން"ގެ ނަން ދީފައި ވާ ކުރެހުމުގެ ފަހަތުގައި ވެން ގޯ، އޭނާގެ އަމިއްލަ ސޫރަ ކުރަހާފައި ވަނީ، އޭނާގެ ކެރިއަރުގެ މުހިންމު ދުވަސްވަރެއްގައެވެ. "ހެޑް އޮފް އަ ޕެސަންޓް ވުމަން"ގެ ފަހަތުގައި ކާޑްބޯޑް ހިއްޕާފައި ވަނީ، އެ ކުރެހުން ފްރޭމް ކުރުމުގެ ކުރިންނެވެ.
ގެލަރީގެ ތަޖުރިބާކާރުން ވަނީ އެ ކުރެހުމުން ކާޑްބޯޑް ނެއްޓުމުގެ މަސައްކަތަކީ ވަރަށް ފަރުވާ ބަހައްޓައިގެން ކުރަން ޖެހޭ، "އާސާރީ" މަސައްކަތެއް ކަން ފާހަގަ ކޮށްފައެވެ. ކެންވަސްގެ މައި ކުރެހުން ކަމުގައި "ހެޑް އޮފް އަ ޕެސަންޓް ވުމަން" އަށް ގެއްލުމެއް ނުދީ، ވެން ގޯގެ ސެލްފް-ޕޯޓްރެއިޓް ސަލާމަތް ކުރާނެ ގޮތުގެ ދިރާސާތައް މިހާރު ދަނީ ކުރިއަށެވެ.
ނަމަވެސް މައުރަޒަށް ޒިޔާރަތް ކުރާ ފަރާތްތަކަށް އެ ސެލްފް-ޕޯޓްރެއިޓް ބަލާލުމުގެ އިންތިޒާމްތައް ވަނީ ހަމަޖައްސާފައެވެ. އެކަން ކުރަނީ، ހާއްސަ ލައިޓް-ބޮކްސްއެއްގެ އެހީގައެވެ.