ދިވެހިންގެ ލޭކައްކުވާލާ ކުޅިވަރަކީ ކޮބާތޯ ސުވާލުކޮށްލައިފިނަމަ ކޮންމެ ދިވެއްސެއްގެ ހިތަށް ވެސް އަންނާނީ އެއްޖަވާބެކެވެ. ތިބޭފުޅާގެ ހިތަށް ވެސް ތިޔަ އެރީ ހަމަ އެ ޖަވާބުކަން ޔަގީންނެވެ. އެއީ ބޮޑުބެރެވެ. ބޮޑުބެރަކީ ދިވެހިންގެ ސަގާފީ ކުޅިވަރުތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއް ކުޅިވަރެއެވެ. އެކި މުނާސަބަތުތަކުގައި އާއި ހާއްސަ ހަފްލާ ތަކުގައި އިހުގައި ބޮޑުބެރަކީ ވަރަށް ހާއްސަ ރޯލެއް އަދާކުރާ އެއްޗެކެވެ.
މި ހަރަކާތުގެ މުހިންމު އެއް ސިފައަކީ އިހުތިޔާރާއި ބޭއިހުތިޔާރުގައި ނަމަވެސް ބޮޑުބެރުގެ އަޑުކެނޑެންދެން، ސިކުނޑިތެރެއިން އެހެން ކަންކަން ފިލާ ދާކަމެވެ. ނަމަވެސް މީގެ 10 ވަރަކަށް އަހަރު ކުރިން ބޮޑުބެރަށް ދެވޭ އަހަންމިއްޔަތާއި މުހިންމުކަން ކުޑަވެގެންދިޔައެވެ. އަދި ބޮޑުބެރުގެ ފޯރި ގެއްލުމަށްފަހު ޒަމާނީ މިއުޒިކާއި ދިމާލަށް މުޅި މުޖްތަމަޢް އެނބުރިގެންދިޔައެވެ. ޒަމާނާ އެއްގޮތައް ދިވެހިންގެ ތެރެއަށް އަލުން ބޮޑުބެރުގެ އަޑު ވައިގައި ހިއްޕާލީ 2010 ވަނަ އަހަރު ޓީވީއެމުން ބޭއްވި ބޮޑުބެރު ޗެލެންޖްގެ ސަބަބުންނެވެ.
ހުރިހާ އުމުރު ފުރައިގެ މީހުންގެ ހިތްތަކުގައި ބޮޑުބެރުގެ ވިންދު އަލުން ޖަހާލިއެވެ. ހާއްސަކޮށް ޒުވާނުންގެ ހިތްތަކުން ބޮޑުބެރަށް ހާއްސަ ޖާގައެއް ލިބުނެވެ. ބޮޑުމާލި ލަވަ، ޢަރަބި ލަވަ، ޖާވީ ލަވަ، ބަބުރު ލަވަ، ކާށިމަޖާ ލަވަތަށް މީގެކުރިން އަޑު އިވިފައިވާއިރު ދިވެހިންގެ ތެރޭގައި އެންމެ މަގްބޫލް ޒަމާނީ ބޮޑުބެރު އާންމުވެގެންދިޔައީ ބޮޑުބެރު ޗެލެންޖްގެ ސަބަބުންނެވެ.
ބޮޑުބެރު ޗެލެންޖްގެ ސަބަބުން އެތައް ފަންނާނުންނަކާއި ހުނަރުވެރިންނެއް ރާއްޖޭގައި އުފެދިގެންދިޔައެވެ. އަދި ތަފާތު އެކި ނަން ނަމުގައި ބޮޑުބެރު ގުރޫޕްތަށް އުފެދި ވާދަވެރި މާހައުލަކަށް ބަދަލުވެގެން ދިޔައެވެ.
ބޮޑުބެރު ގުރޫޕަތައް
ރާއްޖޭގައި މިހާރު ފާހަގަ ކޮށްލެވޭ ބޮޑުބެރު ގުރޫޕްތަކުގެ ތެރޭގައި ހަބޭސް ބޮޑުބެރު ގްރޫޕް، އެކަތި ބޮޑުބެރު ގްރޯޕް، ވަރުނުލާ ބޮޑުބެރު ގްރޫޕް، ހަރުބީ ބޮޑުބެރު ގްރޫޕް، ފަތްމިނި ބޮޑުބެރު ގްރޫޕް، ރާޅުގަނޑު ބޮޑުބެރު ގްރޫޕް، 1438 ބޮޑުބެރު ގިރޫޕާއި ހޭވައްލާ ބޮޑުބެރު ގްރޫފު ދަންމާނު ބޮޑުބެރު ގްރޫޕު އަދި މަންދޭރާ ފަދަ ބޮޑުބެރު ގުރޫޕްތަށް ހިމެނެއެވެ.
ތަރުހީބު ބޮޑުވެ، ފުރުސަތު އިތުރުވެއްޖެ
މީގެކުރިން އީދު ޝޯ ފަދަ މުނާސަބަތުތަކުގައި މިއުޒިކް ބޭންޑުތަށް އަދި ފިލްމީތަރިން ރަށްރަށް ބޮޑު އަގުދީފައި ގެންދެއެވެ. މިފަދަ މިއުޒިކް ބޭންޑުތައް އަދި ފިލްމީތަރިންގެ ޝޯއެއް ނުބޭއްވިއްޖެނަމަ އޭރު އީދަކަށް ނުވެއެވެ. ނަމަވެސް ބޮޑުބެރު ޗެލެންޖް އާންމު ވުމާ ގުޅިގެން މިހާރު މިވަނީ މިކަން މުޅިން ބަދަލު ވެފައެވެ. ސަބަބަކީ މިހާރު ގިނަ މުނާސަބަތުތަކުގައި ބޮޑުބެރު ނުޖެހިއްޖެ ނަމަ އެމުނާސަބަތެއް ފުރިހަމަ ނުވުމެއެވެ. އެގޮތުން އީދު ޝޯ، ކައިވެނި ހަފްލާ އަދި ހިތާނުކުރުމުގެ މުނާސަބާތައް ހިމެނެއެވެ.
މިއަދު ފެންނަމުން ދާ މަންޒަރުތަކުން ބޮޑުބެރުގެ މުސްތަގުމަލް ވަރަށް އުޖާލާވެގެން ދާކަމުގެ އުންމީދު ވަރަށް ބޮޑެވެ. ސަބަބަކީ މިހާރަކަށް އައިސް ބޮޑެތި މީހުންގެ އިތުރުން ކުދަކުދިންގެ ވެސް ބޮޑެބެރަށް އޮންނަ ލޯތްބާއި ފޯރިގަދަވެފައި ވުމުގެ ސަބަބުންނެވެ.
ބޮޑުބެރު ގުރޫޕްތަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ކުރެވިދާނެ ކަންތައްތަކެއް އެބަހުއްޓެވެ. މިގޮތުން އަމިއްލަ ސްޓޫޑިއޯތަށް އުފައްދާ، އާ އަލްބަމްތަށް ނެރުމަކީ ކުރެވިދާނެ ކަމެކެވެ. އަދި މީގެ އިތުރުން ގިނަ ސަގާފީ ހަރަކާތްތައް ގްރޫޕްތަކުން ހުށަހެޅުމަކީ ވެސް ކުރެވިދާނެ ކަމެކެވެ.
ބޮޑުބެރަކީ ދިވެހިންގެ އަމިއްލަ މިލްކެކެވެ. އަމިއްލަ ވަންތަކަން ދައްކުވައިދެއި ރަމްޒެކެވެ. ބެރެއް ހިފައިގެން ހުރެ ޖެހިއަސް ބޮޑުބެރަކަށް ނުވާނެވެ. ބޮޑުބެރަށްވަނީ ގިނަ ބައެއްގެ ތަފާތު ހުނަރުތަކާއި ހަރަކާތްތަކެއް އެކުލެވިގެންނެވެ. ކުރުކޮށް ބުނާނަމަ ބޮޑުބެރަކީ ދިވެހިންގެ އެއްބައިވަންތަކަމުގެ އިތުރުން ދިވެހިންގެ އެކުވެރިކަމާއި އަހުވަންތަކަން ދައްކުވައިދޭ ރަމްޒަކަށް ނޫނީ ނުވާނެވެ.
ދިވެހިން އެވޭލާ ޒަމާނުންސުރެ ދަމަހައްޓަމުން އައި އާދަކާދައާއި ސަގާފަތްތައް ރައްކާތެރިކޮށް ދަމަހައްޓައިކުރިއެރުވުމަށް ހުރިހާ އެންމެން ގުޅިގެން މަސްކަތްކުރަންޖެހެއެވެ. މިފަދަ ކުޅިވަރު ހަރަކާތްތައް އުވިދިޔަނުދީ ކުރިއަށްއޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ކޮންމެ މީހެއްގެވެސް ޒިންމާއަކަށް ހަދަމާ ހިނގާށެވެ.