ގިނަ ދުވަސްތަކެއް ވަންދެން އާޓް ގެލެރީ ބަންދުކޮށްފައި ވާތީ ފަންނުވެރިންގެ ފަރާތުން ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައި ވަނިކޮށް، އެތަން އިއްޔެ ބުކިން އަށް އަލުން ހުޅުވާލައިފިއެވެ.
ފަންނުވެރިން، ނުވަތަ އާޓިސްޓުންގެ ކަންބޮޑުވުމަކަށް ވެފައި ވަނީ އާޓް ގެލެރީ ބަންދުކުރުމުގެ ސަބަބުން އިވެންޓުތަކާއި މައުރަޒުތައް ނުބޭއްވި އާޓިސްޓުންނަށް ދަތިތަކާ ކުރިމަތިލާން ޖެހުމެވެ.
އާޓްސް މިނިސްޓްރީގެ ދަށުން އާޓް ގެލެރީ ބަލަހައްޓާ ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) އިން ކުރި އިއުލާނުގައި ބުނީ، އެ ތަނުގައި މައުރަޒުތައް ބޭއްވުމަށް ބޭނުންވާ ފަރާތްތަކަށް އެ ތަން ކުއްޔަށް ހިފުމުގެ ފުރުސަތު އިއްޔެއިން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތުން އަންނަ މަހުގެ 15 އިން ފެށިގެން އެތަން ބުކް ކުރެވޭނެ ކަމަށް އެ އިއުލާނުގައިވެއެވެ.
މިދިޔަ އާދީއްތަ ދުވަހު ނެރުނު ބަޔާނުގައި އާޓިސްޓް ކޮމިއުނިޓީން ނެރުނު ބަޔާނެއްގައި ބުނީ، އާޓް ގެލެރީ މަރާމާތަށް ބަންދުކޮށް ގިނަ ދުވަސްވެފައިވާތީ، ބަންދާ ގުޅިގެން ހިންގަން ރާވާފައި ހުރި ގިނަ އިވެންޓުތައް ނުބޭއްވި ދިގުލައިގެން ހިނގައްޖެ ކަމަށާއި، އެހެންވެ ގިނަ އާޓިސްޓުންނަށާއި އެ ޖަމިއްޔާ އަށް ވެސް ބޮޑު ހީނަރުކަމެއް ކުރިމަތިވެފައިވާ ކަމަށެވެ.
އެ މައްސަލައިގައި އާޓްސް މިނިސްޓަރު ޔުމްނާ މައުމޫން ހިމެނިވަޑައިގަންނަވާ ހެން އެ މިނިސްޓްރީގެ އިސްބޭފުޅުންނާއި ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާކުރެވުނު ކަމަށާއި، ނަމަވެސް އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާ ކަމަށް އެ ބަޔާނުގައިވެއެވެ.
މިކަމާ ގުޅިގެން އާޓްސް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު އިސްމާއީލް ނާއިލް "ދަ ޕްރެސް" އަށް ވިދާޅުވީ، އާޓް ގެލެރީ މިދިޔަ އަހަރު މަރާމާތަށް ބަންދުކުރީ، އެ ތަން ބަންދުކޮށްގެން ނޫނީ ނުކުރެވޭނެ މަސައްކަތެއް ކުރުމަށް ކަމަށެވެ. ނާއިލް ވިދާޅުވި ގޮތުގައި މިހާރު ކުރިއަށް ދަނީ އެ ތަނުގެ އެންމެ ފަހުގެ މަސައްކަތްތަކެވެ.
"މިހާރު ވެސް އިއުލާނު ކުރެވިފަ އޮންނާނެ ކުލަލުން ކަހަލަ އެންމެ ފަހުގެ ބައެއް މަސައްކަތްތަކަށް. އެއަށް ދެން ބަޔަކު ވީހާ އަވަހަކަށް އެ މަސައްކަތް ދެން މާ ގިނަދުވަހެއް ވެސް ނުވާނެ." ނާއިލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އާޓް ގެލެރީ ހުޅުވާ އިރު މައުރަޒުތައް އަދި ނުފެށުނު ކަމުގައިވީ ނަމަވެސް، "ޕާމަނަންޓް ކަލެކްޝަން" ގެލެރީގައި އާންމުންނަށް ފެންނަ ގޮތަށް ޑިސްޕްލޭ ކުރެވިފައި ހުންނާނެ ކަމަށެވެ. އެ ކުރެހުންތަކަކީ ރާއްޖޭގެ އެކި އާޓިސްޓުންގެ ކުރެހުންތައް ހިމެނިގެން ގައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ކުރެހުންތަށް ކަމަށް ވެސް ވިދާޅުވިއެވެ.