މަރާމާތަށް ބަންދުކޮށް ދޮޅު އަހަރަށް ވުރެ ގިނަ ދުވަސް ފަހުން، ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމަށް ފަހު، ރާއްޖޭގެ އެންމެ ގިނަދުވަސްވީ ސިނަމާ އޮލިމްޕަސް ރޭ އަލުން ހުޅުވައިފިއެވެ.

ބޮޑެތި ބަދަލުތަކާ އެކު ރޭ އޮލިމްޕަސް އަލުން ހުޅުވައިދެއްވީ އެކަމަށްޓަކައި ބޭއްވި ކުލަގަދަ ހަފްލާއެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. އެ ހަފްލާގައި އެހާރާއި މިހާރުގެ ގިނަ ފަންނާނުން ފެނިގެންދިޔަ އިރު، ބައެއް ފަންނާނުން އެކި ބާވަތުގެ ހުށަހެޅުންތައް ހުށަހަޅައިދީފައި ވެއެވެ.

އޮލިމްޕަސް އަލުން ހުޅުވުމުގެ ހަފްލާގައި އަޝްފާ، ތޭރަވާ، ރާފިޔަތު، އަދި ކުޑަ އިއްބެ (ކ-ވ) ހުށަހެޅުމެއް ހުށަހަޅަނީ / ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުން ބުނީ، އޮލިމްޕަސް އަލުން ހުޅުވާފައިި ވަނީ އެތަން ޒަމާނީ ފެންވަރަކަށް ތަރައްގީކޮށް، އިތުރު ވަސީލަތްތަކާ އެކުގައި ކަމަށެވެ. ރައީސް އޮފީހުން ބުނާ ގޮތުގައި އޮލިމްޕަހަށް ގެނައި ބަދަލުތަކުގެ ސަބަބުން

  • ދިވެހި ފިލްމުތައް އެޅުވުމުގައި އިތުރު ފުރިހަމަކަމެއް ލިބިގެން ދާނެ
  • މާލޭގައި މިއުޒިކް ޝޯ ބޭއްވުމަށާއި ސްޓޭޖް ތަމްސީލްތަކަށް ފުރުސަތު ފަހިވާނެ

ރޭ އޮލިމްޕަސް އަލުން ހުޅުވިއިރު، އެ ތަނުގައި މިއުޒިކާއި ނެށުމަށް ހާއްސަ ޕްރެކްޓިސް ރޫމާއި، ތަފާތު ހަރަކާތްތައް ބޭއްވޭ ގޮތަށް އޮލިމްޕަހުގެ ބެކްޔާޑް ވެސް ތަރައްގީކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ކޮވިޑުގެ ސަބަބުން އޮލިމްޕަސް ބަންދުކުރުމަށް ފަހު، އެތަން ނުހުޅުވި ދިގުލައިގެން ދިއުމުގެ ސަބަބުން މުނިފޫހިފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އަދި އޮލިމްޕަސް މަރާމާތުކުރުމަށް ފަހު އެތަން ހުޅުވުމަށް ދިން ތާރީހު އެތައް ފަހަރެއްގެ މަތިން ބަދަލުވެފައި ވެސް ވެއެވެ.

ޒަމާނީ ފެންވަރަކަށް އޮލިމްޕަސް ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިޔައީ އިންޑިއާ ސަރުކާރުގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް"ގެ ހިލޭ އެހީގެ ދަށުންނެވެ.