އަލިރަސްގެފާނު ޒިޔާރަތް އާބާތުރަފިލުވައި ބަލަހައްތަން އަހަރު ދުވަހަށް އެމްޑަބްލިއުއެސްސީން ހަވާލުވެއްޖެއެވެ.

އެމްޑަބްލިއުއެސްސީން ބުނީ، މި ފަހުމުނާމާގެ ދަށުން، އަލިރަސްގެފާނު ޒިޔާރަތް އާބާތުރަ ފިލުވައި ދެމެހެއްޓެނެވި ގޮތެއްގައި ބެލެހެއްޓުމަށްޓަކައި، ޒިޔާރަތުގެ ފާރުތަކާއި، ގޭޓުގައި ކުލަ އާއި ދަވާދުލައި، ދިދަ ދަނޑި މަރާމާތުކޮށް، ސާވޭލަންސް ކެމެރާ ހަރުކޮށް އަދި އެތަން ޒީނަތްތެރި ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެއް އަހަރު ދުވަހުގެ މުއްދަތައް ކުރިޔަށް ގެންދިޔުމަށް ރޭވިފައިވާ މި މަސައްކަތްތަކަކީ ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގެ ހާއްސަ ލަފައާއި އިރުޝާދާއެކު، އެމްޑަބްލިއުއެސްސީގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ.

އަލި ރަސްގެފާނު ޒިޔާރަތް ފަދަ ރައްޖޭގެ މުއްސަނދި ސަގާފީ ތަރިކަ ފެންނަށް ހުރި ބިނާތައް، ރަނގަޅު ގޮތެއްގައި ބެލެހެއްޓުމަކީ އިހުގެ ސަގާފަތް އަންނަ އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ދެކޭ ކަމަށް އެ ކުންފުނިން ބުނެއެވެ. އާސާރީ ތަރިކަ ހިމާޔަތް ކުރުމާއި އެތަންތަން ރަނގަޅު ގޮތުގައި ބެލެހެއްޓުމުގެ މިފަދަ ފުރުސަތެއް، ލިބިގެން ދިއުމަކީ ވަރަށް ބޮޑު އުފަލާކާއި ޝަރަފެއް ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ. އަދި މިއީ މުޖްތަމައަށް އޭގެ މަންފާއާއި ލާބަ ނުހަނު ބޮޑަށް ލިބިގެންދާނެ ކަމެއް ކަމުގައި ވެސް އެ ކުންފުނިން ދެކޭ ކަމަށް ބުނެއެވެ.

މި ފަހުމުނާމާގައި ސޮއިކޮށްފައި ވަނީ، މިއަދު ބޭއްވި ރަސްމިއްޔާތުގައި، ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގެ ފަރާތުން ސޮއިކުރެއްވީ ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގާއި އެމްޑަބްލިއުއެސްސީގެ ފަރާތުން މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް އެވެ. މި ރަސްމިއްޔާތުގައި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫންގެ އިތުރުން ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒު އާއި އެމްޑަބްލިއުއެސްސީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.