މ. ވޭވަށުގައި ހުންނަ ހުކުރު މިސްކިތަކީ މިހާރު 500 އަހަރު ވެފައިވާ މިސްކިތެކެވެ. ސަގާފީ ތަރިކައިގެ ގޮތުގައި ބަލަހައްޓަމުން އަންނަ ހިރިގަލުން ހަދާފައިވާ އެ މިސްކިތަކީ ސަރުކާރުން ހިމާޔަތް ކޮށްފައިވާ ތަނެކެވެ.

އެ ރަށުގެ ދުވަސްވީ މީހުންގެ ފަރާތުން މައުލޫމާތު ލިބޭ ގޮތުގައި އެ މިސްކިތަށް 450 އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. އެ ރަށުން މައުލޫމާތު ދިން މީހަކު ބުނީ އޭނާގެ މުނި ކާފަމެން ވެސް ބުނަނީ އެހެން ކަމަށެވެ. އެހެންކަމުން މިހާރު އެ މިސްކިތަށް 500 އަށް ވުރެ ގިނަ އަހަރު ވެދާނެ ކަަމަށް ބެލެވޭ ކަމަށް ވެސް ބުނެއެވެ.

ވޭވަށު ހުކުރު މިސްކިތް ތެރޭގައި ހުރި މިންބަރު

ހިރިގަލުން ފަތޮޅުކަނޑާ ހަދާފައިވާ މި މިސްކިތް ބެހެއްޓިތާ އަހަރުތަކެއް ފަހުން މިސްކިތުގެ ޖާގައިގެ ދަތިކަން ހުރިގޮތުން މިސްކިތުގެ ގިބުލަ ނޫން އަނެއް ތިން ފަރާތުގައި ތެޅިގަލުން ރާނާފައިވާ ފަސްފޫޓު ފުޅާމިނުގެ ފެންޑާއެއް ހުރެއެވެ. މިސްކިތުގެ އިންފާރު ތެރޭގައި ނަމާދު ވަގުތު ބެލޭ ގޮތަށް ހިރިގަލުން ހަދާފައިވާ ގަލެއް އޮވެއެވެ. މައުލޫމާތު ލިބޭ ގޮތުގައި މިސްކިތުގެ ފެންޑާއޭ ކިޔާ ސަރަހައްދާ އެކު އެ މިސްކިތަކީ 50 އެއްހާ މީހުންނަށް ނަމާދު ކުރެވޭ ވަރުގެ ޖާގަ އޮތް މިސްކިތެވެ.

ވޭވަށު ހުކުރު މިސްކިތުގައި އިހު ޒަމާނުގައި ނަމާދު ވަގުތު ބެލުމަށް ހިރިގަލުން ހަދާފައިވާ ގަލެއް

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލްގެ ނައިބު ރައީސް އަހުސަން ނައީމް ވިދާޅުވީ، މިހާރު އެ މިސްކިތުގައި ހުކުރު ނަމާދު ނުކުރި ނަމަވެސް ފަސް ވަގުތަށް މިސްކިތުގައި ބަންގި ގޮވާ އަދި ނަމާދު ކުރާ ކަމަށެވެ. ސަގާފީ ތަރިކައެއްގެ ގޮތުގައި ހިމާޔަތް ކޮށްފައިވާ އެ މިސްކިތް ބެލެހެއްޓުމުގެ ކަންކަން ކައުންސިލުން ކުރަމުން އަންނަ އިރު، އެ ކަންކަން ކުރަމުން ދަނީ ހެރިޓޭޖް މިނިސްޓްރީއާ ގުޅިގެން ކަމަށް ކައުންސިލުން ބުނެއެވެ. އެ ރަށަށް ޒިޔާރަތްކުރާ މެހެމާނުން މި މިސްކިތަށް ޒިޔާރަތް ކުރާ ކަމަށް ވެސް ކައުންސިލުން ބުނެއެވެ.

ވޭވަށު ހުކުރު މިސްކިތަށް ވަންނަ ދޮރު

އެ މިސްކިތުގެ އިންފާރުގެ ތެރޭގައި ހިރިގަލުން ހަދާފައިވާ ދެ ވަޅު ހުރެއެވެ. އެއް ވަޅަކީ މިސްކިތަށް އަންނަ މީހުން ވުޟޫ ކުރުމަށް ހުންނަ ވަޅެކެވެ. އަނެއް ވަޅަކީ ރަށު މީހުން ބޯފެން ނެގުމަށް ކުރީގައި ބޭނުން ކުރި ވަޅެކެވެ. ވާރޭ ފެން ނެގޭ ގޮތަށް ތާނގީތައް ހަދާ ރައްޔިތުންނަށް ބޯފެން ލިބެންދެން އެ ރަށު މީހުން ބޯ ފެން ނަގަމުން އައީ އެ ވަޅުން ކަމަށް ބުނެއެވެ.

ވޭވަށު ހުކުރު މިސްކިތުގައި ފަހުން ރާނާފައިވާ ވަޅާއި، އިހު ޒަމާނުގައި ބޭނުން ކުރި ވަޅު

އެ ވަޅަކީ ވަރަށް ފެން މީރު ވަޅެއް ކަމަށާއި އަދި ވެސް އެ ވަޅުގެ ފެން ލޮނު ނުވާ ކަމަށް ކައުންސިލުން ބުނެއެވެ. ޑިސެމްބަރު 26، 2004 ގައި ސުނާމީ އެރި ދުވަހު ރަށުގެ ވަޅުތަކުގެ ފެން ލޮނުވި އިރު ވެސް އެ ވަޅުގެ ފެނަކަށް ބަދަލެއް ނާންނަ ކަމަށް ކައުންސިލުން ބުނެފައި ވެއެވެ. ނަމަވެސް ސުނާމީ ކާރިސާއާ ގުޅިގެން އެ ވަޅު ހަލާކުވުމުން ބަދަލުގައި މިހާރު ބޭނުން ކުރަނީ ފަހުން ރާނަފައިވާ ވަޅެކެވެ.

ކައުންސިލުން ބުނީ، ފަހުން ރާނާފައިވާ ވަޅުން ނަގާ ފެން ކުރިން ބޭނުން ކުރި ވަޅުން ނަގާ ފެންހާ މީރު ނޫން ކަމަށެވެ.

އިހު ޒަމާނުގައި ބޭނުން ކުރި ވަޅު: މިއީ އަދިވެސް ފެން މީރު ވަޅެއް

އެ ރަށު މީހުންނާ ހަވާލާދީ ހެރިޓޭޖް މިނިސްޓްރީން ބުނާ ގޮތުގައި، އެ މިސްކިތަކީ ޖޯޖޯބޭ ކިޔާ މީހަކާއި އޭނާގެ ފަސް ދަރިން މާލެ ގޮސް ރަދުންނަށް ދަންނަވައިގެން އެ ރަށަށް ގެންދިޔަ މިސްކިތެކެވެ. [މި ޖޯޖޯބެއާ ބެހޭ ތާރީހެއް ފެންނާކަށް ނެތެވެ.] ރަށުގެ މުސްކުޅިން ބުނާ ގޮތުގައި އެއިރު ދިވެހި ތަހުތުގައި އިންނެވީ އުތީމު ދަރިކޮޅުގެ ރަސްކަލެކެވެ. އެހެންކަމުން މިއީ ބޮޑު ރަސްގެފާނުގެ ޒަމާނުގެ މިސްކިތަކަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ހެރިޓޭޖް މިނިސްޓްރީން ބުނެއެވެ.

ވޭވަށުގައި 100 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ނިކަގަސް

މީގެ އިތުރުން ވެސް އެ މިސްކިތާ މާދުރު ނޫސް ސަރަހައްދެއްގައި ދުވަސްވީ ނިކަ ގަހެއް ހުރެއެވެ. މ. ވޭވަށު ހުކުރު މިސްކިތައްދާ މަގުގައި ހުންނަ މި ނިކަ ގަހަކީ ވަރަށް ޒާމަން ވީ ގަހެކެވެ. އެ ގަހަށް 100 އަށް ވުރެ ގިނަ އަހަރު ވާނެ ކަމަށް މީހުން ބުނާ އިރު، އެ ނިކަގަސް ހުންނަނީ ދުވަސްވެފައިވާ ގަހެއްގެ ގޮތުގައި މިހާރު ސަރުކާރުން ހިމާޔަތް ކޮށްފައެވެ.

މީގެ އިތުރުން ހުކުރު މިސްކިތް ކައިރީގައި ހުންނަ ނިކަ ގަހާއި އެ ސަރަހައްދުގައި ހެދިފައި ހުރި ފިތުރޯނު ގަސްތަކަކީ ހުކުރު މިސްކިތް ބަލާލުމަށް އެ ސަރަހައްދަށް ދާ ގިނަ ބަޔަކު ފާހަގަ ކުރާ ރީތި މަންޒަރެކެވެ.

ވޭވަށުގައި ހުކުރު މިސްކިތަށް ދާ މަގުގެ ދެފަރާތުގައި ހެދިފައިވާ ފިތުރޯނު ގަސްތަކުން ހިޔާވެފައި

ދިވެހިރާއްޖޭގެ ހިރިގަލު މިސްކިތްތަކުގެ ތެރޭގައި މާލޭގެ ހުކުރު މިސްކިތުގެ އިތުރުން ވެސް ވަރަށް ގިނަ ހިރިގަލު މިސްކިތްތައް ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުން ފެންނަން އެބަ ހުއްޓެވެ. އޭގެތެރެއިން ފާހަގަކޮށްލެވޭ ބައެއް މިސްކިތްތަކުގެ ތެރޭގައި މާލޭ އީދު މިސްކިތް، އދ. ފެންފުށީ އާސާރީ މިސްކިތް، ރ. މީދޫ އާސާރީ މިސްކިތް، ފ. ނިލަންދޫ އާސާރީ މިސްކިތް، ދ. ކުޑަހުވަދޫ ހުކުރު މިސްކިތް، ލ. އިސްދޫ އާސާރީ މިސްކިތް ހއ. އިހަވަންދޫ އާސާރީ މިސްކިތް އަދި ހއ. ކެލާ އާސާރީ މިސްކިތް ހިމެނެއެވެ.