މިއަދު ކުރިމަތިލާން ޖެހިފައިވާ ދިގުދެމިގެން ގޮސްފައި ވާ ކާރިސީ އަނދަވަޅުގެ ތެރެއަށް ސްރީލަންކާ ވައްޓާލި ކަމުގެ އިލްޒާމް، ޔޫކްރައިންގެ ރައީސް ވްލޮޑޮމީރް ޒެލެންސްކީ، ރަޝިއާއަށް އަމާޒު ކުރައްވާފައެވެ.

ދެކުނު ކޮރެއާގެ ސޯލްގައި ކުރިއަށް ދާ އޭޝިއަން ލީޑާޝިޕް ކޮންފަރަންސްއަށް ދެއްވި މެސެޖުގައި ޒެލެންސްކީ ވިދާޅުވީ، ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރައިންއަށް އަރާ އަރާ، ހަނގުރާމަ ފަށާ، ކާބޯތަކެތީގެ އުފެއްދުންތެރިކަމަށް ހުރަސް އެޅުމުގެ ސަބަބުން، ދުނިޔޭގެ ހުރިހާ ހިސާބެއްގައި ހަމަނުޖެހުންތައް ހިންގަމުން ދާ ކަމަށެވެ.

ރަޝިއާއިން ޔޫކްރައިންގައި ކުރަމުން ދާ ހަނގުރާމައިގެ އެއް އުކުޅަކީ "އިގުތިސޯދީ ޝޮކެއް" ޖެއްސުން ކަމަށް ވިދާޅުވެ މެސެޖު ކުރިއަށް ގެންދަވަމުން ޒެލެންސްކީ ވިދާޅުވީ، ގައުމުތަކަށް، ކާބޯތަކެއްޗާއި ހަކަތައިގެ ދަތިކަން ކުރިމަތިވެ، ސަޕްލައި ޗޭނަށް ބުރޫ އެރުމުގެ ސަބަބުން ހަމަނުޖެހުންގަނޑެއްގެ ތެރެއަށް ގައުމުތައް ވެއްޓިފައި ވާ ކަމަށާ، އެކަމުގެ ސަބަބުން ރަޝިއާގެ އެޖެންޑާއަށް ފައިދާ ކުރާ ކަމަށެވެ.

މިސާލެއްގެ ގޮތުގައި ސްރީލަންކާގެ މިސާލު ޖައްސަވަމުން ޒެލެންސްކީ ވަނީ ސްރީލަންކާގައި މިއަދު އުފެދިފައި ވާ ނުތަނަވަސް މަސްރަހަށް ހަމަޖެހުން އަންނާނެ ދުވަހެއް އެއްވެސް މީހަކަށް ނޭނގޭ ކަން ފާހަގަ ކުރައްވާފައެވެ. އަދި އެހެން ގައުމުތައްވެސް އެފަދަ ހާލަތަކަށް ވެއްޓިދާނެ ކަމީ އެންމެންވެސް ގަބޫލު ކުރާނެ ކަމެއް ކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.

އިގުތިސޯދީ އަދި މާލީ ގޮތުން އިނދަޖެހި، އާންމު ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުދޭ ގޮތް ނުވެ، ލަންކާގެ އެތައް ރައްޔިތުންނެއް ސުލްހަވެރި ގޮތުގައި މަގުތަކަށް ނުކުމެ ކުރަން ފެށި މުޒާހަރާތަކާއެކުގައިވެސް އެކަމަށް ހައްލެއް ނުލިބި، ސިޔާސީ ހަލަބޮލިކަމަކަށް ގައުމުގެ މަސްރަހު ބަދަލުވެ، ލަންކާގެ ރައީސް ކަމުގައި ހުންނެވި ގޮތަބާޔާ ރާޖަޕަކްސަ ވަނީ ގައުމު ދޫކުރައްވާ، ދިވެހިރާއްޖެއަށް ދަތުރު ކުރައްވާފައެވެ. ޖުލައި 13 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ކުރިން ވިދާޅުވަމުން ގެންދެވި ނަމަވެސް، ޖުލައި 14 ވަނަ ދުވަހަށް ފެށުނު އިރުވެސް ރަސްމީ ސިފައެއްގައި ގޮތަބާޔާގެ އިސްތިއުފާގެ ފަތްކޮޅު، ކަމާ ބެހޭ ފަރާތްތަކާ ހަވާލު ކުރައްވާފައި ނުވާ ކަމަށް ހަބަރު ލިބެއެވެ.

ސްރީލަންކާގެ ވަގުތީ ރައީސް ކަމުގެ މަގާމުގައި މި ވަގުތު ހުންނެވީ، އިގުތިސޯދީ ނުތަނަވަސް ކަމުގެ ތެރެއިން، 6 ވަނަ ދައުރަކަށް ބޮޑުވަޒީރު ކަމާ ހަވާލުވެވަޑައިގެންނެވި ރަނީލް ވިކްރަމަސިންހައެވެ. ނަމަވެސް، އެކަމަކީވެސް އާންމުންގެ މެދުގައި މަގުބޫލު ނިންމުމަކަށް ނުވާއިރު، ސްރީލަންކާގައި މިހާރު ވަނީ ކާފިއުވެސް އިއުލާން ކޮށްފައެވެ.