ދިވެހި ސަރުކާރުން ވަނީ ރާއްޖޭގެ ހާރިޖީ ސިޔާސަތު ޖަރީމާއަކަށް ހަދާފައި ކަމަށް ދީނީ މިނިވަންކަމާއި ގުޅުންހުރި މައްސަލަތައް ބެއްލެވުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ އދގެ ސްޕެޝަލް ރެޕަޓުއާ އަދި ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީދު މިފަދައިން ވިދާޅުވެފައި ވަނީ ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސައާ މެދު އެގައުމުގެ ރައްޔިތުން ނުރުހުންފާޅުކުރަމުން ދާ ދަނޑިވަޅެއްގައި އޭނާއަށް ރާއްޖެއިން ހިމާޔަތް ދިން މައްސަލާގައި ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުން ދަނިކޮށެވެ.

ރޭ ދަންވަރުގެ ވަގުތެއްގައި ގޮތަބަޔާ ރާއްޖެއަށް ވަޑައިގެންފައި ވާއިރު ރާއްޖެއިން ވަނީ އޭނާއަށް ހިމާޔަތް ދީފައެވެ.

މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި ޑރ. ޝަހީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރާއްޖޭގެ ހާރިޖީ ސިޔާސަތު ބޮޑު ޖަރީމާއަކަށް ހަދާފައިވާ ކަމަށާއި ވެރިކަން ހިންގަވަން ތިބި ރާއްޖޭގެ އިސްވެރިން ވަނީ ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ ލަންކާގެ މުޖުރިމަކަށް ހިމާޔަތް ދީފައި ކަމަށެވެ. އަދި މިއީ ލަދުވެތި ކަމެއް ކަމަށް ވެސް ޑރ. ޝަހީދު ވިދާޅުވިއެވެ.

ރޭ މެންދަމުން އަލިވެ 3 ޖަހަނިކޮށް ރާއްޖެ އައި އެ ފްލައިޓް އެއާޕޯޓަށް ޖެއްސި އިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ސެކިއުރިޓީ އެއާޕޯޓުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ ވީޑިއޯތައް ވަނީ އާންމުވެފައެވެ. ނަމަވެސް އެއިން ވީޑިއޯއަކުން ގޮތަބަޔާ ނުފެނުނު ނަމަވެސް ބައެއް މަސްދަރުތަކުން ބުނާގޮތުން، އޭނާ ރާއްޖޭގައި ހުންނަވާނީ ރިސޯޓެއްގައި ކަމަށާއި އެއަށްފަހު ވަޑައިގަންނަވާނީ ޔޫއޭއީއަށެވެ.