ދީނީ ކަންތައްތައް ކުރިއެރުވުމަށް އެހީވާ ވަގްފު ފަންޑުގައި 15 މިލިއަން ރުފިޔާ އެބަހުރި ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ
މިއަދު މިނިސްޓަރު ޝަހީމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ އިސްލާމީ ވައުދުތަކުގެ ތެރެއިން މުހިންމު އެއް ވައުދަކީ ވަގުފު ފަންޑުގެ މަޝްރޫއުތައް ފުޅާކޮށް އިސްލާމީ ހިދުމަތްތަކަށް ހޭދަކުރަން ބޭނުންވާ ފައިސާ ހޯދުން ކަމަށެވެ.
އެގޮތުން އިސްލާމީ ވަގުފު ފަންޑު ތަރައްގީ ކުރުމަށް މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުން ދާކަމަށާއި އެޕްރީލް 15، 2025 ގައި އެ މިނިސްޓްރީން މުހިންމު ނިންމުންތަކެއް ނިންމާފައި ވާކަމަށް ޝަހީމް ވިދާޅުވެއެވެ.
މި ނިންމުންތަކުގެ ތެރޭގައި، އިސްލާމިކް ވަގުފު ފަންޑުން ހޭދަކުރުމުގެ ދާއިރާތައް ފުޅާކުރުމާއި، ދާރުލްއީމާން ބިލްޑިންގް އަކީ އިސްލާމީ ވަގުފު ފަންޑުގެ އެސެޓެއް ކަމުގައި ރަސްމީކޮށް ކަނޑައެޅުން ހިމެނެއެވެ. އަދި އެތަނުން ލިބޭ ނަފާއަކީ މިސްކިތްތަކަށް ހާއްސަކޮށް ވަގުފު ކުރެވިފައިވާ އެއްޗަކަން ހެދުމަށް ނިންމާފައި ވާކަމަށް ވިދާޅުވެއެވެ. އަލަށް އިމާރާތްކުރާ ދާރުއްސަލާމް ބިލްޑިންގާއި ދާރުލްއަރްގަމް ބިލްޑިންގުން ލިބޭ ނަފާ ދީނީ ކަންކަން ކުރިއެރިވުމަށް އެހީވާ ވަގުފު ފަންޑަށް ކަނޑައެޅުމަށް ސޮއިކޮށްފައި ވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ޝަހީމް ވިދާޅުވީ އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީގެ 'ދީނީ ކަންތައްތައް ކުރިއެރުވުމަށް އެހީވާ ވަގްފު ފަންޑު' އާއި ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ 'ޒަކާތު ފަންޑު' އާ ގުޅިގެން 'ދާރުއްސަލާމް' އާއި 'ދާރުލް އަރްގްމް' ތަރައްގީ ކުރުމަށް ނިންމާފައި ވާކަމަށެވެ. މި މަޝްރޫއުތަށް ކުރިއަށް ގެންދިއުމަށް ބީއެމްއެލް އިސްލާމިކް އިން 350 މިލިއަން ރުފިޔާގެ އިސްލާމިކް ލޯނެއް ނެގުމަށް ނިންމާފައި ވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ވަގުފު ފަންޑުގެ އިންވެސްޓްމަންޓްތަކުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށިގެންދާނެކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ މަޝްރޫއުތައް ނިމުމުން އިސްލާމީ ދާއިރާއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.