ރާއްޖެދުށް އެންމެ އަނިޔާވެރި ސަރުކާރުތަކުގެ ތެރޭގައި މިސަރުކާރު ހިމެނިއްޖެ ކަމަށް ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަދި އދގެ ސްޕެޝަލް ރެޕަޓުއާ އޮން ފްރީޑަމް އޮފް ރިލިޖަން އޯ ބިލީފް، ޑރ އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީދު މިފަދައިން ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅުގެ ނަމުގައި އިދިކޮޅުން ހިންގާ ހަރަކާތުގެ ބައިވެރިން ހިފާ ހައްޔަރު ކުރާތީއެވެ. ޝާހިދު ވަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އަޑުއުފުލާ މީހުން ހައްޔަރު ކުރާ ނަމަ މިސަރުކާރަކީ ރާއްޖެދުށް އެންމެ އަނިޔާވެރި ސަރުކާރުތަކުގެ ތެރޭގައި ހިމެނޭ ސަރުކާރެއް ކަމަށް ވިދާޅުވެފައެވެ.

ޑރ. ޝަހީދު ވަނީ ކޮމަންވެލްތުގައި އޮންނަ ސީމެގްގައި ރާއްޖެ ހިމަނަން ޖެހޭ ވަގުތު ނުޖެހޭތޯ ވެސް ސުވާލު ކުރައްވާފައެވެ.

ސަރުކާރުގެ އެކި ކަންކަމަށް ފާޑުވިދާޅުވަމުން އަންނަ ޝަހީދު މީގެ ކުރިންވެސް ވަނީ ރާއްޖޭގެ ފޮރިން ޕޮލިސީ އާއި ނުވަތަ އިންޑިއާ އާ އެކު ދިވެހި ސަރުކާރުން ގެންގުޅޭ ސިޔާސަތާ ދެކޮޅަށް ވާހަކަދެއްކުމަކީ ޖިނާއީ ކުށަކަށް ހެދުން އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވެފައެވެ.

"އިންޑިއާ އައުޓް" ހަރަކާތް ރާވައި އިންތިޒާމް ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލްގެ އިތުރުން އެހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ ޕީޕީއެމްގެ އެކްޓިވިސްޓް އަލީ ނަސީމް (ތަކަނޭ) ވެސް ހައްޔަރު ކުރިއެވެ. އަދި މުހައްމަދު އިސްމާއިލް ހައްޔަރުކުރި އިރު ކޯޓު އަމުރު ދައްކާފައި ނުވާ ކަމަށާއި ކޯޓު އަމުރު ދެއްކީ ފުލުސް އޮފީހަށް ގެންގޮސްފައި ކަމަށް ބުނެ ކްރިމިނަލް ކޯޓުން ވަނީ އޭނާ ދޫކޮށްލާފައެވެ. އެހެންނަމަވެސް ތަކަނޭގެ ބަންދަށް ވަނީ 5 ދުވަހުގެ މުއްދަތެއް ޖަހާފައެވެ.