ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންގަނޑު ބެލުމަށް ފަހު އެކުލަވާލާ ޕްރެސް ފްރީޑަމް އިންޑެކްސް އިން ރާއްޖެ ފަހަތަށް ދިއުމުން ސަރުކާރަށް ފާޑުކިއުން އަމާޒުވެއްޖެއެވެ.
ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކުރުމަށް ވަކާލާތުކުރާ ޖަމިއްޔާއެއް ކަމަށްވާ "ރިޕޯޓާސް ވިތްއައުޓް ބޯޑާސް" އިން އެކި ގައުމުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު ބެލުމަށް ފަހު އެކުލަވާލާފައިވާ ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެއަށް ވަނީ 15 ދަރަޖައިގެ ދަށްވުމެއް އައިސްފައެވެ.
2019 އާ ހަމައަށް ރާއްޖެ އޮތީ ޕްރެސް ފްރީޑަމް އިންޑެކްސްގެ 180 ވަނައިގައެވެ. ނަމަވެސް 2020 ގައި 82 ދަރަޖައިގެ ކުރިއެރުމެއް ރާއްޖެއަށް އައިސް މިދިޔަ އަހަރު ރާއްޖެ ވަނީ 72 ވަނައަށް އަރާފައެވެ. ނަމަވެސް މިއަހަރު 87 ވަނައަށް ވަނީ ވެއްޓިފައެވެ.
މިއީ މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ޕްރެސް ފްރީޑަމް އިންޑެކްސް އިން ރާއްޖެއަށް ދަށްވުމެއް އައި ފުރަތަމަ ފަހަރެވެ.
ޕްރެސް ފްރީޑަމް އިންޑެކްސް އިން ރާއްޖެ ދަށަށް ދިއުމާ ގުޅިގެން ސަރުކާރަށް ފާޑު ވިދާޅުވެ އދ. ގެ ސްޕެޝަލް ރެޕަޓުއާ ޑރ. އަހްމަދު ޝަހީދު ވިދާޅުވީ، ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަ ކުރާއިރު، މީޑިއާތައް އޮތީ ސަރުކާރުގެ ދަށުގައި ކަމަށެވެ. އަދި ސަރުކާރުން މީޑިއާތައް ނަހަމަގޮތުގައި ބޭނުންކުރާ ކަމަށް އޭނާ ވިދާޅުވެއެވެ.
"އެކްސެސް ޓު އިންފޮމޭޝަނަށް ސަރުކާރުން ދޭ ސަމާލުކަން ވަނީ ދަށަށް ގޮސްފަ. ސަރުކާރުން ފަތުރާ ޑިސްއިންފޮމޭޝަން ވަނީ އިތުރު. މީޑިއާ މެނިޕިއުލޭޝަން ވެސް ވަނީ އިތުރު. [ސަރުކާރުން] ކަންތައްތައް އޮޅުވާލުމާއި ފޮރުވުން ދަނީ ކުރިއަށް." ޝަހީދު ކުރެއްވި ޓްވީޓްގައި ވެއެވެ.
އިދިކޮޅުގެ ހަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކަށް ސަރުކާރުން ދަތިކުރޭ: އިދިކޮޅު
ސަރުކާރުން މީޑިއާ އަށް ނުފޫޒު ފޯރުވާ ކަމަށް ޝަހީދު ވިދާޅުވެފައި ވާއިރު، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އިދިކޮޅުގެ ހަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކަށް ސަރުކާރުން ދަތިކުރަމުން ދާ ކަމަށެވެ. އެގޮތުން އިދިކޮޅުން ފާހަގަކުރި ބައެއް ކަންކަމަކީ:
- އެ ނޫސްތަކަށް މައުލޫމާތު ހާމަ ނުކުރުން
- ސަރުކާރާއި ކުންފުނިތަކުގެ ބައެއް ހަފްލާތަކުން ފުރުސަތު ނުދިނުން
އޭގެ އިތުރުން، އިންޑިއާގެ ނުފޫޒުވެސް ބައެއް ނޫސްތަކަށް ފޯރާފައިވާ ކަމަށާއި، އެގޮތުން ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީން ބައެއް ނޫސްތަކާއި ވަކި ނޫސްވެރިންތަކެއް މެދުވެރިކޮށް ޕްރޮޕެގެންޑާ ހިންގަމުން ދާ ކަމަށް އިދިކޮޅުން ބުންޏެވެ. އެކަމުގެ ސަބަބުން ރާއްޖޭގައި މިނިވަން ނޫސްވެރިކަމަށް ހުރަސް އެބައޮތް ކަމަށްވެސް އެ ބަޔާނުގައި ބުންޏެވެ.
އެހެންކަމުން، އިދިކޮޅުން ވަނީ މީޑިއާތަކުގެ މަސައްކަތްތައް ޒިންމާދާރު ކަމާއެކު ކުރުމަށްޓަކައި ސަރުކާރުން މީޑިއާތަކަށް އެއްބާރުލުން ދިނުމަށް ގޮވާލައިފައެވެ. އިދިކޮޅުން ގޮވާލާފައި ވަނީ:
- ނޫސްވެރިން، ރައީސާ ކުރަން ބޭނުންވާ ސުވާލުތައް ކުރުމުގެ ފުރުސަތު ފަހި ކޮށްދިނުމަށް
- ސަރުކާރުގެ ވަޒީރުންނާއި ކުންފުނިތަކުން ދޭންޖެހޭ މައުލޫމާތު ދިނުމަށް
- ނޫސްވެރިންގެ ތަމްރީނާއި ކުރިއެރުމަށާއި އަދި މީޑިއާތަކުގެ މަސައްކަތްތަކަށް ފަހިވާނެހެން ފުރުސަތު ތަނަވަސް ކޮށްދިނުމަށް
ސަރުކާރުގެ ބައެއް މެންބަރުންވެސް ސަރުކާރަށް ފާޑު ވިދާޅުވެފައިވޭ
ޕްރެސް ފްރީމް އިންޑެކްސްގައި ރާއްޖެ ފަހަތަށް ދިޔުމާ ގުޅިގެން ސަރުކާރަށް ފާޅުގައި ފާޑު ވިދާޅުވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ ސްޕޮންސާޝިޕް މެދުވެރިކޮށް ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އީވާ ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކަށް ވާންވާނީ މިނިވަން ނޫސްވެރިކަމަށް ހިތްވަރު ދިނުމުވެ.
އީވާގެ އިތުރުން، ސަރުކާރަށް ފާޑުވިދާޅުވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވި ގޮތުގައި އެމްޑީޕީން ނިކުތީ ނޫސްވެރިކަމުގެ މިނިވަންކަން ހޯދައިދިނުމަށް ކަމަށް ވިޔަސް ނޫސްވެރިކަމުގެ މިނިވަންކަން ސޮއްސާލައިގެން ދިއުމުން ކަނބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
"ސަރުކާރުން ކޮންޓްރޯލް ނުކުރާ މިނިވަން ނޫސްވެރިކަމެއް އޮތުމަކީ ޑިމޮކްރެޓިކް ވެރިކަމެއްގެ އެއް ރުކުން." އިންތި ވިދާޅުވިއެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ރައީސް އިބްރާާހީމް މުހައްމަދު ސޯލިހު ދެއްވި ހިތާބުގައި ވިދާޅުވީ، އޭޝިއާގެ ގައުމުތަކަށް ބަލާއިރު، ރާއްޖެއަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު އެންމެ ފުރިހަމައަށް ލިބިދީފައިވާ މަދު ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ. އަދި އެ ކަމާ މެދު އުފާ ކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ
އޭގެ އިތުރުން، ރައީސް ވަނީ ކުރިއަށް އޮތް ތަނުގައިވެސް ހަބަރާއި މައުލޫމާތު ފެތުރުމުގެ ފުރިހަމަ މިނިވަންކަމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ފުރިހަމައަށް ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
"ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ހިމާޔަތް ކޮށްދިނުމަށް ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް، ހަބަރާއި މަޢުލޫމާތު ފެތުރުމުގެ ފުރިހަމަ މިނިވަން ކަމާއި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު، ކުރިމަގުގައިވެސް ދިވެހި ނޫސްވެރިންނަށާއި ދިވެހި ރައްޔިތުންނަށް ފުރިހަމައަށް ލިބިދޭނެކަން މި ފުރުސަތުގައި ޔަގީން ކޮށް އަރުވަން،" ރައީސް ވިދާޅުވިއެވެ.