ދައުލަތުން ހަރަދުތައް ކުޑަ ކުރި ނަމަވެސް، ސަރުކާރު މުވައްޒަފުންގެ މުސާރަތައް ކުޑަކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭކަން ހާމަކޮށްފިއެވެ.

ރާއްޖޭގެ އިގްތިސޯދީ ހާލަތު ހާމަ ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ، ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމަށް ފިޔަވަޅުތަކެއް އަޅަން ނިންމި ނަމަވެސް، ސަރުކާރު މުވައްޒަފުންގެ މުސާރަތައް ކުޑަކުރުމަށް ނުވިސްނާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މި އަހަރު ހަރަދު ކުޑަ ކުރުމަށް އަޅާ ފިޔަވަޅުތަކާ އެކު، ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ހަ ޕަސެންޓަށް ހަރަދު ކުޑަ ކުރެވޭނެ ކަމަށެވެ. އަދި މި އަހަރުގެ މިހާތަނަށް ރިކަރަންޓް ހަރަދުން 22 ޕަސެންޓް ކުޑަ ކުރެވިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ހަމަ އެއާއެކު މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު އަންދާޒާކުރި މިންވަރަށް ވުރެ ވެސް ކުރިއަރަމުން ދާ ކަމަށެވެ. އެގޮތުން ދުނިޔޭގެ އިގްތިސޯދުތަކަށް ބަލާއިރު، އެންމެ އަވަހަށް ކުރިއަރަމުންދާ ފަސް ގައުމުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް، އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވިއިރު، އާންމުންގެ އަތުން ނަގާ ޓެކްސް އިތުރުކުރުމާ ގުޅޭ ގޮތުން ސަރުކާރުން ދަނީ މަޝްވަރާތައް ކުރަމުންނެވެ. އެގޮތުން އާންމުންނަށް ދޭ ހިދުމަތްތަކުންނާއި ގަންނަ ތަކެތިން ނަގާ ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް އިތުރުކުރުމަށް ސަރުކާރުން މަޝްވަރާކުރަމުން ދާއިރު، އެކަމާ ގުޅިގެން ބައެއް އާންމުންގެ ފާޑުކިއުން ވެސް ވަނީ ސަރުކާރަށް އަމާޒުވެފައެވެ.